މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އެސްޓީއޯ އަށް އަމްދަނީގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

މިއީ މީގެ ކުރީ ކުއާޓަރާ އަޅާ ބަލާ އިރު 9 ޕަސެންޓްގެ ކުރި އެރުމެކެވެ. އެސްޓީއޯ ބުނީ، ތިންވަނަ ކުއާޓަރުގައި އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެސްޓީއޯ އިން ވިއްކި ތެލުގެ އަގު އޭގެ ކުރީ ކުއާޓަރާ އަޅާ ބަލާއިރު އިތުރުވެފައި ވުމުން ކަމަށެވެ.

އާމްދަނީ އިތުރުވެފައި ވީ ނަމަވެސް، ޖުމްލަ ފައިދާގެ ގޮތުގައި ތިންވަނަ ކުއާޓަރުގައި ލިބިފައި ވަނީ 760 މިލިއަން ރުފިޔާ ކަމަށް އެސްޓީއޯ އިން ބުނެއެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާ ބަލާއިރު، 5 ޕަސެންޓްގެ ދަށްވުމެކެވެ. މީގެ މައިގަނޑު ސަބަބެއް ކަމަށް އެސްޓީއޯ އިން ބުނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިކުއާޓަރުގައި މަތިވިކަމުގައިވީ ނަމަވެސް އެސްޓީއޯއިން ވިއްކަމުން ދިޔަ ތެލުގެ އަގު އެނިސްބަތުން ބަދަލު ގެނެސްފައި ނުވުމާއެކު އެސްޓީއޯގެ ޖުމްލަ ފައިދާ ދަށްވުން ކަމަށެވެ. އެ ކުންފުނީގެ ޖުމްލަ ފައިދާ ދަށްވުމާއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 390 މިލިއަން ރުފިޔާ ލިބިފައެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން މިކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާއަކީ 331 މިލިއަން ރުފިޔާއެވެ. ޓެކްސްއަށް ކެނޑުމަށް ފަހު، މި ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި ވަނީ 271 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާ އިރު 10 ޕަސެންޓްގެ ދަށް ވުމެކެވެ.

ތިންވަނަ ކުއާޓަރުގައި އޭގެ ކުރީ ކުއާޓަރާ އަޅާ ބަލާއިރު، ފައިދާ ދަށްވި ކަމުގައި ވިޔަސް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވަނީ ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 942 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މިތާރީހާ ހަމައަށް ބަލާނަމަ، 469 މިލިއަން ރުފިޔާގެ ކުރި އެރުމެކެވެ.