އިންޓަނެޓާއި ކަރަންޓް ކަނޑާލައި ހުކުރު ދުވަހު އިޒްރޭލުން ދިން އުދުވާނީ ހަމަލާތަކަށް ފަހު މިއަދު ގާޒާގެ އުތުރަށް އިންޓަނެޓުގެ ހިދުމަތް ލިބެން ފަށައިފިއެވެ.
އިޒްރޭލުގެ އިންޒާރާއެކު ގާޒާގެ ދެކުނަށް ގޮސް ތިބި އުތުރުގެ ބައެއް ރައްޔިތުން އެމީހުންގެ އާއިލާތަކުގެ ބައެއް މެންބަރުންނާ ގުޅަން ފަށާފައި ވާ އިރު، ދިރި ތިއްބަސް އެމީހުން ތިބީ 'މަރުވެފައި' ކަމަށް ޝުއޫރު ފާޅުކުރި ބައެއް މީހުން ބުނެފައި ވެއެވެ.
އެމީހުން ބުނީ، މުޅި ތަން، އަވަށްތައް ހުރި ގޮތަށް ބޮން އަޅާ ފުނޑުފުނޑު ކޮށްފައި ވާ ކަމަށާއި އަންދާ އަޅިއަށް ހަދާފައިވާ ސަހަރާއެއްގައި ގާކުނޑިތަކުގައި ވަޅުލެވިފައިވާ މުސްލިމުންގެ ހަށިތަކުގެ މެދުގައި ތިބި ކަމަށެވެ. ވަށައިގެން ހާސްކަމާއި މާޔޫސްކަން ނޫނީ ނުފެންނަ އިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުންގެ ހަޅޭކުގެ އަޑާއި ރުއިން ނޫނީ ނީވޭ ކަމަށް ބުނެފައި ވެއެވެ.
އެހުރިހާ ކަމެއްގެ މަތިން [ބޯމަތިން] އިވެމުން ދަނީ އިޒްރޭލުގެ މިސައިލްތަކާއި ބޮޑުބަޑީގެ ހަމަލާގެ އަޑުތައް ކަމަށް ވެސް ބައެއް މީހުން ބުނެފައި ވެއެވެ.
ގާޒާގެ އުތުރު ތަޅާ ސުންނާފަތި ކުރުމުގެ ނުބައި ޖަރީމާ އިޒްރޭލުން ހިންގަމުން ދާ އިރު، އެއްގަމު މަގުން އެރި ފައުުތައް އުތުރުގެ 3 ސަރަހައްދެއްގައި ހަރަކާތްތެރި ވަމުން އެބަދެއެވެ. އެގޮތުން އުތުރުގެ ބޯޑަރުން ގާޒާގެ ދެކުނުގެ ރަފާއިން ފެށިގެން ޖަބަލިއާ އާއި އުތުރުން ބެއިތް ހަނޫންގައި ހަމަލާ ބަދަލުކުރަމުން އެބަދެއެވެ. އެ ސަރަހައްދުތަކަށް އިޒްރޭލުން ބޮން އަޅަމުން ދާ އިރު ފިލާ ތިބެ ހަމާސްގެ މުޖާހިދުން ދޭ ހަމަލާތަކުގައި ޔަހޫދީން ދުއްވާ އަސްކަރީ އުޅަނދުތަކަށް ހަމަލާ އަމާޒުވަމުން ދާ ކަމަށް ހަބަރުތައް ބުނެއެވެ. އެގޮތުން ރޭ އިޒްރޭލުގެ ފައުޖަކަށް ދިން ގައިޑަޑް މިސައިލް ހަމަލާއެއްގައި އެއް ވެހިކަލް ގޮއްވާލާފައި ވެއެވެ.
އިޒްރޭލުން އެއްގަމު މަގުން ގާޒާއަށް އެރިނަމަވެސް ކުރިން ބުނިހާ ފުޅާ ދާއިރާއެއްގައި އަދި ހަރަކާތްތެރިއެއް ނުވެއެވެ. ބޯޑަރު ސަރަހައްދުގައި ހަމާސްގެ މުޖާހިދުންގެ ހަމަލާތައް ވަރުގަދަ ކަމުން އަދި ސިޓީތެރެއަށް ވަދެގަނެވޭ ވަރެއް ނުވެއެވެ. ގާޒާގެ އުތުރުގެ އިތުރުން ހުޅަނގު އައްސޭރިއާއި ގާޒާގެ ދެކުނުން ހާން ޔޫނިސްގައި ވެސް އިޒްރޭލުން ހަރަކާތްތެރިވަމުން ދާ އިރު މުޖާހިދުންނާ ކުރިމަތިލުންތައް ދަނީ ހިނގަމުންނެވެ.
ހާން ޔޫނިސް އަށް ދިން ހަމަލާއެއްގައި އިމާރާތެއް ފުނޑުފުނޑުވެ 4 މީހަކު ޝަހީދުވެ 20 މީހަކު ޒަހަމްވެފައި ވާ ކަމަށް ސިއްހީ ވުޒާރާއިން ބުނެއެވެ. އުތުރަށް ރޭ ދިން ހަމަލާތަކުގައި 3 މީހަކު ޝަހީދުވެފައި ވެއެވެ.
އިޒްރޭލުން ހަމަލާތައް ވަރުގަދަ ކުރުމުގެ ވިސްނުމެއް ގެންގުޅޭ އިރު މިއަދު ވަނީ ގާޒާގެ އުތުރުގައި ތިބި އެންމެން ވާދީ ގާޒާ އަށް ފައިބަން އަންގާފައެވެ. ވާދީ ގާޒާ އަކީ ގާޒާގެ އުތުރާއި ދެކުނު ގުޅޭ އިމުގެ މެދުގައި ގާޒާ ސްޓްރިޕްގެ ހުރަހަށް އޮންނަ ބޮޑު ވާދީއެކެވެ. އިޒްރޭލުން ބުނަނީ، އެތަން ރައްކާތެރި ވާނެ ކަމަށާއި އެތަނަށް ފައިގެން ދާ މީހުންނަށް، ކާނާ އާއި ބޯފެނާއި ބޭހުގެ އެހީ ފޯރުކޮށްދޭނެ ކަމަށެވެ.
މީގެ އިތުރުން ރަފާ ކްރޮސިން ހުރަސް ކޮށް ގާޒާގެ ދެކުނަށް އިންސާނީ އެހީ ވެއްދުމަށް ހުޅުވާލާފައި އޮތް ފުރުސަތު އިތުރަށް ލުއިކޮށް ފުޅާކުރަނެ ކަމަށް ވެސް ބުނެފައި ވެއވެެ. މިހާތަނަށް 87 ޓްރަކެއްގެ އެހީ ގާޒާއަށް ވައްދާފައި ވާ އިރު އެއިން އެއްވެސް އުޅަނދެއްގައި ތެޔޮ ވެއްދުން ވަނީ މަނާކޮށްފައެވެ.
އެމެރިކާގެ އަސްކަރީ މަދަދާއި ފުރިހަމަ އެހިއާއެކު އިޒްރޭލުން މުސްލިމުން ޝަހީދު ކުރަން ހިންގާ މު ނުރައްކާތެރި ޖަރީމާގައި އަމާޒަކީ ހަމާސް އާއި އެ ޖަމާއަތުން އަސީރު ކުރި މީހުން ސަލާމަތް ކުރުން ކަމަށް ބުނެ ވާހަކަ ރީތި ކުރިނަމަވެސް ބޮން އަޅަމުން ގެންދަނީ އަންހެނުންނާއި ކުޑަކުދިންގެ ބޮލަށެވެ.
އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުން ހަމާސްގެ އަލް ގަސަމް ބްރިގޭޑުން އިޒްރޭލަށް ރޮކެތް ހަމަލާތަކެއް ދީފިއެވެ. މިހަމަލާތަކުގައި އިމާރާތެއްގައި ރޯވެ އަނދާ މަންޒަރު ފެންނަ ވީޑިއޯ މިހާރު ވަނީ އާންމު ކޮށްފަައެވެ.
އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް 7،703 މީހުން ގާޒާއިނ ޝަހީދު ކޮށްލާފައި ވާ އިރު ހިފާފައިވާ ހުޅަނގު އައްސޭރިން 109 މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ. ގާޒާއިން ޒަހަމްވި މީހުންގެ އަދަދު 19،773 އަށް އަރާއިރު ހުޅަނގު އައްސޭރިން ޒަހަމްވި މީހުންގެ އަދަދު ވަނީ 1،900 އަށް އަރާފައެވެ.