ގާޒާގައި އިޒްރޭލުން ހިންގަމުންދާ އިންސާނީ ކާރިސާ ހިނގަމުން ދަނީ އެންމެންގެ ލޯ ކުރިމަތީގައި ކަމަަށާއި އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގުތައް ހުޅުވާލަން އދގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އާދޭސް ދަންނަވައިފިއެވެ.

އެންޓޯނިއޯ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެންމެންގެ ލޯ ކުރިމަތީގައި ހިނގަމުންދާ އިންސާނީ ކާރިސާ ހުއްޓާލުމަށާއި ގާޒާގެ ރައްޔިތުންގެ ބޭނުންތަކާ އެއްގޮތްވާ ފެންވަރެއްގައި އިންސާނީ އެހީ ފޯރުކޮށް ދިނުމަށެވެ. އަދި އެއްވެސް ޝަރުތެއް ނެތި އަސީރުން ދޫކޮށްލުމަށް ވެސް އެންޓޯނިއޯ ވަނީ ގޮވާލައްވާފައެވެ.

އެންޓޯނިއޯ މިހެން ވިދާޅުވެފައިވާ އިރު، ޔޫރަޕިއަން ޔޫނިއަން ފޮ ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ ޕޮލިސީގެ ހައި ރެޕްރެޒެންޓޭޓިވް ޖޯސެފް ބޮރެލް ވެސް ވަނީ އިންސާނިއްޔަތަށް ވާސިލް ވުމައްޓަކައި ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނައުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވެފައެވެ.

ޖޯސެފް ބޮރެލް ވިދާޅުވީ ގާޒާގައި ވަރަށް ގިނަ އާންމުން ޝަހީދު ވެފައިވާ ކަމަށާއި އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށާއި އެފަދަ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ހަމަލާތަކެއް ކަމަށެވެ. ގާޒާ އޮތީ މުޅިން ބްލެކްއައުޓްކޮށް އެކަހެރިކޮށްލާފައި ކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، މި ހަމަނުޖެހުންތައް ހުއްޓުމަަކަށް ގެންނަން ޖެހޭ ކަމަށެވެ.

ޖޯސެފް މިހެން ވިދާޅުވެފައިވާ އިރު، މިދިޔަ ބުރާސްފަތި ދުވަހު އީޔޫގެ ލީޑަރުން ވަނީ ހިއުމެނިޓޭރިއަން ކޮރިޑޯތައް ގާއިމުކުރުމަށާއި ގާޒާއަށް ބޭނުންވާ ގިނަ އެހީތައް ހޯދުމަށާއި، ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އިއުލާނެއް ނެރެފައެވެ.

އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އެންމެ ފަހުގެ އަޕްޑޭޓަށް ބަލާއިރު މި މަހުގެ 7 ވަނަ ދުވަހުގެ ފަހުން ދެމުންދާ ހަމަލާގައި މިހާތަނަށް 7700 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ވެފައެވެ. އޭގެތެރޭގައި 3500 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.

ރޭ އިޒްރޭލުން ގާޒާއަށް ދިން ހަމަލާތައް ވަރުގަދަ ކޮށްފައިވާ އިރު، މިހާރު ގާޒާގައި މުއާސަލާތީ ހިދުމަތްތައް ވަނީ މުޅިން ކެނޑިފައެވެ.