ގާޒާއަށް އިޒްރޭލުން ރޭ ދިން ވަރުގަދަ ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 377 މީހުން ޝަހީދުވެ، ޖުމްލަ އަދަދު 7703 އަށް އަރައިފިއެވެ.

ޓައިމްސް އޮފް ގާޒާއިން ރިޕޯޓް ކުރާ ގޮތުގައި، ޝަހީދުވި މީހުންގެ އަދަދު މިހާރު 7703 އަށް އަރާފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު ވަނީ 19.734 އަށް އަރާފައެވެ. ޝަހީދުވި 7703 މީހުންގެ ތެރޭގައި 3595 ކުޑަކުދިން ހިމެނޭ ކަމަށް އެ ނޫހުން ރިޕޯޓް ކުރެއެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މީހުން ދިރިއުޅޭ އެތައް ގެއެއް ފަނޑުފުނޑުވެ ބިމާ ހަމަވެފައިވާ އިރު، ގާކުނޑިތަކުގެ ދަށުގައި ތާށިވެފައި ގިނަ ބަޔަކު ތިބޭނެ ކަމަށް އެ ގައުމުގެ ސިއްހަތާ ވެހޭ ވުޒާރާއިން ބުނެއެވެ. އެ ގޮތުން މިހާރު 1800 މީހަކު ގެއްލިގެން ރިޕޯޓް ކޮށްފައިވާ އިރު އޭގެތެރޭގައި 1000 ކުޑަކުދިން ހިމެނޭ ކަމަށް ޓައިމްސް އޮފް ގާޒާއިން ބުނެއެވެ.

ރޭ ގާޒާއަށް ދިން ހަމަލާގައި މުޅި ގާޒާއިން މުއާސަލާތީ ހިދުމަތް ވަނީ ކެނޑިފައެވެ. ވަގުތުން ހަބަރުތައް ނުލިބުމާއެކު ސީދާ އަދަދުތައް މިއަށް ވުރެ މައްޗަށް ދާނެ ކަަމަށް ބެލެވޭ ކަމަށް ބައިނަލްއަގްވާމީ ނޫސް ތަކުން ބުނެއެވެ.

އެންމެ ފަހުން ޓައިމްސް އޮސް ގާޒާއިން ދިން އަޕްޑޭޓްގައި ވަނީ އިޒްރޭލުން ދިން ވައިގެ ހަމަލާގައި ގާޒާގެ ޖަބާލިއާގެ ގެއެއްގައި ދިރިއުޅޭ 20 މީހުން ޝަހީދުވެފައިވާ ކަަމަށެވެ.