ފަލަސްތީނަށް އެހީވުމަށް އައްޑޫ މީދޫ އަވަށު އޮފީހުން އިއްޔެކުރިއަށް ގެންދިޔަ ހަރަކާތުން 34،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.

މީދޫ އަވަށު އޮފީހުން ބުނީ، އިއްޔެ ބޭއްވި ހަރަކާތްތަކުން ޖުމްލަ 34،873 ރުފިޔާ ލިބިފައިވައިރު މި ފައިސާގެ ތެރެއިން 22،019 ރުފިޔާއަކީ އިއްޔެ ހުކުރު ވަގުތު މިސްކިތްތަކުގައި ބަހައްޓައިގެން ލިބުނު ފައިސާ ކަމަށެވެ.

މީގެ އިތުރުން މޫސާގެ ފަންނު ފުޓް ސްޓޯލް އިން 9،254 ރުފިޔާ ލިބިފައިވާ އިރު، ޓީޝާޓް ވިއްކައިގެން 3،600 ރުފިޔާ ލިބިފައިވާ ކަމަށް ވެސް އެއޮފީހުން ބުނެއެވެ.

މީދޫން އެއްކުރި މި ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރަން ނިންމާފައި ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) މެދުވެރިކޮށެވެ.

ދިވެހިންގެ ތެރެއިން ވެސް ގިނަ ބަޔަކު ފަލަސްތީނަށް އެހީވުމަށް ހިންގާ ފައިސާ ހޯދުމުގެ އެކި ހަރަކާތްތަކުގައި ބައިވެރިވެ ފަންޑުތަކަށް ފައިސާގެ އެހީ ފޯރުކޮށްދެމުން އަންނަ ކަން ފާހަގަ ކުރެވެއެވެ. މިގޮތުން ބައެއް މުވައްސަސާތަކުގެ އިިތުރުން އަމިއްލަ ފަރާތްތަކުން ވެސް އަންނަނީ މިފަދަ ހަރަކާތްތައް ހިންގަމުންނެވެ.

ގާޒާގެ މުސްލިމުންނަށް އެހީވުމަށް ދިވެހި ސަރުކާރުން 2 މިލިޔަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ނިންމަވާފައެވެ.

ރޭ އިޒްރޭލުން ގާޒާގެ އުތުރުން ކަރަންޓް ކަނޑާލައި މުޅި ގާޒާއިން މުވާސަލީ ހިދުމަތް ކަނޑާލި ވަގުތު ގާޒާގެ އެކި ހިސާބުގައި ހަރަކާތްތެރިވާ އައިއޭސީގެ އެޖެންޓުންނާވެސް ގުޅުން ކެނޑުނު ކަމަށް އެޖަމާއަތުން ބުންޏެވެ. އަދި މުވާސަލަތީ ހިދުމަތް ލިބިފައި ނުވާ އިރު ގުޅުން އަލުން ގާއިމު ކުރެވުނު ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ރެއަކީ މި ހަނގުރާމަ ފެށިފަހުން ޔަހޫދީ އިޒްރޭލުން އެންމެ ވަރުގަދަ ހަމަލާތައް ދިން ރެއެވެ. ހުއްޓުމެއް ނެތި 4 ގަޑިއިރު ވާންދެން މިނެޓްކު ބޮމެއް މިނެޓަކު ބޮމެއް އަޅަމުން ދިޔަ އިރު، ގާޒާ އަނދާ މަންޒަރު ނޫނީ ކަނު އަނދިރީގައި ނުފެނެއެވެ.

ރޭގެ ހަމަލާތަކުގައި ޝަހީދުވީ ކިތައް މީހުންކަން އަދި ސާފުނުވާ އިރު އެ އަދަދުތައް ނުލައި މިހާތަނަށް 7300 އަށް ވުރެ ގިނަ މީހުން ވަނީ މިދުނިޔެ ދޫކޮށްފައެވެ. އަދި އަނިޔާވެފައިވާ މީހުންގެ އަދަދު 18000 އަށް ވުރެ މައްޗަށް އަރާފައެވެ.