ހަނގުރާމަ ހުއްޓާލަން ގޮވާލައި އދ އިން ފާސްކުރި ގަރާރު ބަލައި ނުގަންނާނެ ކަމަށް އިޒްރޭލުން ބުނެފިއެވެ.

އަރަބި ގައުމުތަކުގެ ތާއީދާއެކު އުރުދުން އިން ހުށަހެޅި ގަރާރުގައި ހަނގުރާމަ ހުއްޓާލައި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަގު ފަހިކޮށްދޭން ގޮވާލާފައި ވެއެވެ.

3 ދުވަސް ވާންދެން ބަހުސް ކުރުމަށް ފަހު ރޭ ދަންވަރު ރާއްޖެ ގަޑިން 1 ޖަހަނިކޮށް އެ ގަރާރު އޮތް ގޮތަށް ފާސް ކުރީ 120 ގައުމުގެ ތާއީދާ އެކުގައެވެ. ރާއްޖެއިން ވެސް ވޯޓު ދިން އެ ގަރާރާ ދެކޮޅަށް ވޯޓު ދިނީ 14 ގައުމަކުންނެވެ. ވަކިކޮޅަކަށް ވޯޓު ދޭން ބޭނުން ނުވެ ތިބީ 53 ގައުމެކެވެ.

އެ ގަރާރު ފާސްވުމާއެކު އެއީ ކުރިއެރުމެއް ކަމަށް ޕަލަސްތީން ސަރުކާރުގެ މަންދޫބުން ވަނީ ބުނެފައެވެ. ނަމަވެސް އިޒްރޭލުން ބުނީ އެ ގަރާރު ބަލައި ނުގަންނާނެ ކަމަށާއި ނާޒީންނާއި އައިސިސް ނައްތާލުމަށް ދުނިޔެ ހަނގުރާމަ ކުރި ފަދައިން ހަމާސް ނައްތާލަން ހަނގުރާމަ ކުރާނެ ކަމަށެވެ.

ދުނިޔޭގެ ބޮޑެތި މައްސަލަތަކުގައި އދ އިން މިހެން ފާސް ކުރާ ގަރާރުތަކަކީ އަމަލު ކުރުން ލާޒިމު އެއްޗަކަށް ނުވާ އިރު އެ ރައްދުވާ ގައުމަކުން އަމަލު ނުކުރީމައި އެޅޭނެ މާ ބޮޑު ފިޔަވަޅެއް ވެސް ނޯވެއެވެ. ހާއްސަކޮށް އެމެރިކާ އާއި ބައިވެރިން އަމަލު ނުކުރުމުން އެ ގަރާރެއް ޑަސްބިނަށް ލުން ފަދައެވެ. އާންމުކޮށް މިފަދަ ގަރާރުތަކުގައި ރައްދުވާ ގައުމަކުން އަމަލު ނުކޮށްފިނަމަ ބައެއް ކަހަލަ އެހީތަށް ކަނޑާލުމާއި އެކަހެރި ކުރުން ހިމެނޭ ނަމަވެސް މިއީ އިޒްރޭލާއި އެމެރިކާގެ މަސްލަހަތާ ގުޅިފައި އޮތް ހަނގުރާމައަކަށް ވާތީ، އިޒްރޭލާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނާޅާނެއެވެ.

ރޭ އިރުއޮށްސުނު ފަހުން މުޅި ގާޒާއިން ނެޓް ކަނޑާލައި ގާޒާގެ އުތުރުން ކަރަންޓް ކަނޑާލުމަށް ފަހު އިޒްރޭލުން ވަނީ މިހާތަނަަށް ދިން އެންމެ ވަރުގަދަ ހަމަލާތައް ދީފައެވެ. ކަނު އަނދިރީގައި ގާޒާ ދިއްލެމުން ދިޔައީ ފުލުފުލުގައި އަޅަމުން ދިޔަ ބޮންތައް ގޮވާ ގާޒާގެ މައްޗަށް އަރަމުން ދިޔަ އަލިފާން ބޯޅަތަކުންނެވެ.

މުޅި ގާޒާއާ ގުޅުން ކެނޑިފައި ވާއިރު ދުރުގައި ތިބެގެން ރިޕޯޓު ކުރަމުން ދިޔަ ނޫސްވެރިން ބުނީ، ހުއްޓުމެއް ނެތި ފުލުފުލުގައި ބޮން އެޅުމުގައި 100 އެއްހާ ބޯޓު ހަރަކާތްތެރި ވި ކަމަށާއި ބޮންތައް އަޅަމުން ދިޔައީ ވާރޭ ވެހޭ ފަދައިން ކަމަށެވެ. މިނެޓަކުން މިނެޓަކުން ބޮންތައް ގޮވަމުން ދިޔަ އިރު އެއިން ކޮންމެ ގޮވުމަކާއެކު 10 ކިލޯމީޓަރު ދުރަށް ލޮޅުން އަރަމުން ދިޔަ ކަމަށާއި ބިންގަނޑު ގުޑައިގެން ދިޔަ ކަމަށް ބުނެފައި ވެއެވެ.

މިހާރު ގާޒާއަށް ފަތިސްވެ އިރުގެ އަލިކަން ފޯރަމުން އަންނަ އިރު ގެއްލުމުގެ އަންދާޒާއެއް އަދި ނޭނގެއެވެ.

ބައެއް ހަބަރުތައް ބުނާ ގޮތުން ގާޒާގެ އުތުރުގެ 2 ސަރަހައްދަކުން ހަމާސްގެ މުޖާހިދުން ދަނީ އިޒްރޭލާ ކުރިމަތިލަމުންނެވެ.