ކުއްލިއަކަށް ގާޒާގެ ބޮޑުބަޔަކުން ކަރަންޓު ކެނޑި މުޅި ގާޒާއިން އިންޓަނެޓުގެ ހިދުމަތް ކެނޑުނުތާ އެތައް ގަޑިއިރެއް ވެއްޖެއެވެ. ފާތިވެގެން މިދާ ގަޑިއެއްހާ އިރު ހުއްޓުމެއްނެތި އިވެމުން ދަނީ ބޮންތައް ގޮވާއަޑެވެ. އާންމުންގެ ބައެއް މީހުން ފޯންތަކުން ރެކޯޑް ކޮށްފައިވާ ބައެއް މަންޒަރުތައް އާންމުވެފައި ވާ އިރު, ފެންނަމުން ދަނީ އަނދިރިކޮށް އޮތް ބޮޑު ސަރަހައްދަކަށް ބަރިބަރިއަށް ފުލުފުލުގައި ބޮންތައް ވެއްޓި ގޮވާތަނެވެ.
މުޅި ގާޒާ ގުޑުވާލާފައިވާ އިރު މިއީ އޮކްޓޯބަރު 7, 2023 ގައި ހަމަލާތައް ފެށިފަހުން އެންމެ ވަރުގަދައަށް ހަމަލާދިން އެއް ގަޑިއިރުކަމަށް ވެސް އެ ވީޑިއޯ ކްލިޕްތައް ހިއްސާކުރި ފަރާތްތަކުން ބުނެއެވެ.
އިޒްރޭލުން މިހަމާތައް އަމާޒުކުރި ސަރަހައްދުތަކަކީ އާންމުން ދިރިއުޅޭ ސަރަހައްދުތައް ކަމަށް ވާ އިރު ޝަހީދުވާ މީހުންގެ އަދަދު އިންތިހާއަށް މައްޗަށް އަރައިގެން ދާނެ ކަމަށް އަންދާޒާ ކުރެއެވެ.
އިޒްރޭލުގެ މިހަމަލާތައް އައުމުގެ ކުރިން މިއަދު ހަވީރުކޮޅު ހަމާސް އިން ވަނީ އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތަކުގެ ތެރެއިން ގިނަ ހަމަލާ އަޔަން ޑޯމް [ހަމަލާތައް ވައިގެ ތެރޭގައި ނައްތާލާ ދިފާއީ ނިޒާމު] އިން ގޮއްވާލައިފައި ވިޔަސް ބައެއް ހަމަލާ ވަނީ އާންމުން ދިރިއުޅޭ ގެއަކަށް އަރާފައެވެ.
ބެލެވޭގޮތުން މިއީ އެކަމުގެ ބަދަލެވެ.
މިރޭގެ ހަމަލާތައް ވަރުގަދަ ވެފައި ގޮވުންތައް ބާރު އިރު, ގާޒާގެ އުތުރަށް އަމާޒު ކުރި ބޮންތައް ގޮވާ އަލިފާންގަނޑު މައްޗަށް އަރައިގެން ދާ މަންޒަރު 10 ކިލޯމީޓަރު ދުރުގައި އޮންނަ އިޒްރޭލުގެ އަޝްކަލޯންގައި ތިބޭ އިރު ރީތިކޮށް ފެންނަމުން ދާ ކަމަށް އެ އަވަށުގައި ހުރެ ރިޕޯޓު ކުރި ނޫސްވެރިއަކު ބުނެއެވެ.
މިރޭ އިޒްރޭލުން ދެމުން ގެންދާ އާދަޔާ ހިލާފު ވަރުގަދަ ހަމަލާތަކާ އެކުވެސް ގާޒާގެ ޖައްވުގެ ތެރެއިން ހަމާސްގެ ރޮކެޓު ހަމަލާތަކެއް ވެސް ފެނިގެން ގޮސްފައި ވެއެވެ. ދޭތެރެއަކުން އަރުވަމުން ދިޔަ ރޮކެޓުގެ އަލި ފެންނަމުން ދިޔަ އިރު އެއިން ގިނަ ރޮކެޓުގެ ބޭނުން ހިފި އަމާޒަށް ވާސިލުވެފައެއް ނުވެއެވެ. ނަމަވެސް ރޮކެޓެއް ދެ ރޮކެޓް އަމާޒަށް އަރާ އިޒްރޭލުގެ އިމާރާތެއްގައި ރޯވެފައި ވެއެވެ.
އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް 7028 މީހަކު ޝަހީދު ކޮށްލާފައި ވާ އިރު އޭގެ ތެރޭގައި 3000 ކުޑަކުދިން ހިމެނެއެވެ.
އިޒްރޭލުގެ ހަމަލާތައް ހުއްޓާލުމަށާއި އިންސާނީ އެހީ ފޯރުކޮށް ދިނުމަށް ގޮވާލައި އަރަބި ގައުމުތަކުން ހުށަހެޅި ގަރާރުގެ ބަހުސް އދ ގެ މަޖިލީހުގައި ހިނގަމުން ދަނީ ވެސް މިގަޑީގައެވެ. 43 ގައުމަކުން ސްޕޮންސާ ކޮށްފައިވާ ގަރާރުގައި އޮކްޓޯބަރު 7, 2023 ގެ ހަމަލާ ކުށްވެރި ކޮށްފައި ވެއެވެ. ނަމަވެސް އެ ވާހަކަ ގެނައި އިރު 'ހަމާސް' ގެ ނަން ޖަހާފައި ނެތުމާއި ހަމާސް އިން އަސީރު ކުރި މީހުންގެ ވާހަކަ ގެނައި އިރު 'އަސީރުން' އެ ބަސް ބޭނުންކޮށްފައި ނެތުމުން ކެނެޑާއިން ވަނީ އެ ބަސްތައް ހިމެނުމަށް އިސްލާހެއް ހުށަހަޅާފައެވެ. އެ އިސްލާހަށް އެމެރިކާއިން ވެސް ތާއީދުކޮށްފައި ވާ އިރު ބުނެފައި ވަނީ, އެ ދެ ބަސް ގަރާރުގައި ހިމަނާފައި ނުވަނީ ގަސްދުގައި ކަމަށާއި އަރަބިން ހަމާސް ފޮރުވާ ހިމާޔަތް ކުރަނީ ކަމަށެވެ.
އެ ގަރާރު ފާސްވުމުގެ ފުރުސަތު އޮތް އިރު ކެނެޑާއިން ބުނެފައި ވަނީ އެ ގަރާރުގައި އެ ދެބަސް ހިމަނައިފި ނަމަ ތާއީދު ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ.
އދ ގެ ސަލާމަތީ މަޖިލީހުގެ 100 އަށް ވުރެ ގިނަ މެންބަރުން އެ ގަރާރަށް ބަހުސް ކުރަން އެދިފައި ވާ އިރު މިހާތަނަށް ވާހަކަ ދެއްކި ގިނަ ގައުމުތަކުގެ ރޫހު ހުރީ އެގަރާރާ އެއްކޮޅަށެވެ. އަދި އެމެރިކާ އާއި އިޒްރޭލުގެ މަންދޫބުން ވާހަކަ ދައްކަން ފެށުމުން ގިނަ މެންބަރު ގައުމުތަކުގެ ވަފުދުތައް ތަޅުން ދޫކޮށް ނުކުމެފައި ވެސް ވެއެވެ. އެކަން އެގޮތަށް ކޮށްފައި ވަނީ, އިޒްރޭލުގެ އުދުވާނަށް ތާއީދު ނުކުރާކަން ހާމަ ކުރުމަށާއި އެމެރިކާއިން ހިފެހެއްޓުމެއް ނެތި އިޒްރޭލަށް ތާއީދު ކުރާތީ އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ.