ގިނަ އަދަދެއްގެ ދިވެހިން ގޮސް އުޅޭ ލަންކާގެ މަޝްހޫރު މާރުކޭޓެއް ކަމަށްވާ ޕެޓާ ގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މިއަދު ހެނދުނު މި ހާދިސާގައި ހިނގާފައި ވަނީ އެ މާރުކޭޓުގެ ދެވަނަ ކްރޮސް ސްޓްރީޓުގައި ހުރި ފޮތި ފިހާރައެއްގައެވެ. އަލިފާނުގެ ހާދިސާ ހިނގިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އަލިފާންގަނޑުގެ ހުޅު ފަޅާ އެ އިމާރާތާ ޖެހިގެން ހުރި އިމާރާތައް ކޮންމެވެސް ވަރަކަށް އަލިފާނުގެ އަސަރު ކުރިއެވެ.
އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ލަންކާ ފަޔާ ބްރިގޭޑްގެ 7 އުޅަނދު ހަރަކާތްތެރި ވެފައި ވާއިރު މުޅި ތަނަށް އަލިފާންގަނޑު ފެތުރުމުގެ ކުރިން ވަނީ ކޮންޓްރޯލް ކޮށްފައެވެ. މި ހާދިސާގައި 17 މީހަކު ފިހި އެކިވަރުގެ އަނިޔާ ލިބިފައި ވާއިރު 6 މީހެއްގެ ހާލު ސީރިއަސް ކަމަށް ލަންކާގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ. މި ހާދިސާގައި އެއްވެސް ދިވެއްސަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައެއް ނުވެއެވެ.
ބައިބޯ ޕެޓާ މާރުކޭޓަކީ ދިވެހިންގެ ތެރޭގައިވެސް ވަރަށް މަގުބޫލު މާރުކޭޓަކަށް ވާއިރު އެތަނުން ވިޔަފާރި ކުރުމަށް ކޮންމެ ދުވަހަކުހެން ގިނަ އަދަދެއްގެ ދިވެހިން ގޮސް އުޅެއެވެ. ކޮލޮމްބޯގެ ސަބާބްގައި ހުންނަ މި މާރުކޭޓަކީ އިލެކްޓްރޯނިކްސް ވަސީލަތްތަކާއި ފެޝަން އެކްސެސަރީޒްގެ އިތުރުން މޭވާ އާއި ތަރުކާރީ އަދި މަހާއި އެހެނިހެންވެސް ގިނަ ތަކެތި ވިއްކާ ބޮޑު މާރުކޭޓެކެވެ.
މީގެ ކުރިން 2017 ވަނަ އަހަރުުވެސް ވަނީ ޕެޓާގައި އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. ކަރަންޓު ޝޯޓެއްގެ ސަބަބުން އެފަހަރު ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.