ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައިވާ ޖަލްސާ އޮތީ އަދި ކުރިއަށްދާ ގޮތަށް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނެފިއެވެ.
ނަޝީދު މަޖިލީހުގެ ރައީސް ކަމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައިވާ ޖަލްސާ ތާވަލުކޮށްފައި ވަނީ އަންނަ އާދީއްތަ ދުވަހު ބާއްވާ ގޮތަށެވެ. މަޖިލީހުގެ އިދާރާ އިން ވަނީ އެ ޖަލްސާގެ އެޖެންޑާ މިއަދު އާންމުކޮށްފައެވެ. އެޖެންޑާގައި އޮތީ ވެސް ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ އެކަންޏެވެ.
ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ އެ ޖަލްސާ ބޭއްވޭނެ ކަމާ މެދު ބައެއް މަސްދަރުތަކުގައި ވަނީ ސުވާލު އުފައްދައިފައެވެ. އީވާ އާލާސްކަންފުޅާ އުޅުއްވާތީ އެންމެ ފަހުން ބޭއްވި މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފެވެ.
'ދަ ޕްރެސް' އިން ސުވާލުކުރުމުން ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، ޖަލްސާ ނުބޭއްވޭނެ ކަމަށް ވިދާޅުވެ އީވާ ވަކި އެއްޗެއް ނާންގަވާ ކަމަށާއި، އެހެންކަމުން ޖަލްސާ އޮތީ އެޖެންޑާކުރެވިފައިވާ ގޮތަށް ކުރިއަށް ދާ ގޮތަށް ކަމަށެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސެވެ. އެ ގަވައިދުގެ 205 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގައި އެހެން މައްސަލައެއް ކުރިއަށް ގެންދެވޭނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށްފަހުގައެވެ.
ތަކުރާރުކޮށް މަޖިލީހުގެ ގަވައިދުތަކާ ނަޝީދު ހިލާފުވެވަޑައިގަންނަވަމުންދާ ކަމަށް ވިދާޅުވެ، އެމްޑީޕީން އެމަނިކުފާނު ވަކިކުރުމަށް އަލުން ހުށަހެޅީ މިދިޔަ މަހުގެ ކުރީކޮޅު އެ މައްސަލަ އަނބުރާ ގެންދިއުމަށް ފަހު، ގާތްގަނޑަކަށް އޭގެ މަހެއްހާ ދުވަސް ފަހުން 49 މެންބަރުންގެ ސޮޔާ އެކު މި މަހުގެ ނުވަވަނަ ދުވަހުގައެވެ. އެ މައްސަލައިގެ ނޯޓިސް މެންބަރުންނަށް ފޮނުވާފައި ވަނީ ގަރާރު ހުށަހެޅިތާ ތިންވަނަ އަށް ވީ ދުވަހުގައެވެ.