ރާއްޖޭގެ ފުޓްބޯޅައާ ބެހޭ މާއި އިދާރާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ކޮރަޕްޝަންގެ ތުހުމަތު ތަކެއް ކުރަމުންދާ މި ދަނޑިވަޅުގައި އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ބައްދަލު ކުރެއްވުމުން އާންމުންގެ ފާޑު ކިޔުން އިތުރު ވެއްޖެއެވެ.
މިހާރު އެންމެ ބާރަށް ދެކެވޭ އެއް ވާހަކަ އަކީ އެފްއޭއެމްގައި ހިންގާފައިވާ ހިޔާނާތާ ގުޅުން ހުރި މައްސަލަތުގެ ވާހަކަތަކެވެ. ބައިނަލްއަގުވާމީ އިދާރާތަކުން އެފްއޭއެމަށް ދޭ ފައިސާ އެ އިދާރާގެ ބައެއް ވެރިން ނަހަމަގޮތުގައި ބޭނުން ކުރާ ކަމުގެ ތުހުމަތުގައި، އެފްއޭއެމް ހައުސްވެސް ވަނީ މިދިޔަ އާދީއްތަ ދުވަހު ފުލުހުން ވަދެ ބަލާ ފާސްކޮށްފައެވެ.
މި ދަނޑިވަޅުގައި ބައްސާމް ވަނީ ޕެރިހަށް ވަޑައިން އިންފަންޓީނޯއާ ބައްދަލު ކުރައްވާފައެވެ. އިންފަންޓީނޯ އިންސްޓަގްރާމްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ބުނީ މި ބައްދަލުވުމުގައި ރާއްޖޭގެ ފުޓްބޯޅަ އިތުރަށް ތަރައްގީ ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރި ކަމަށެވެ.
"(ރާއްޖޭގެ) ފުޓްބޯޅަ ކުރިއެރުވުމާ ބެހޭ ގޮތުން މަޝްވަރާކޮށް، އަހަރެމެންގެ މި ހިތްގައިމު ކުޅިވަރު މި ރީތި ގައުމުގެ އިތުރު އަންހެން ކުދިންނާއި ފިރިހެން ކުދިންނާ ހަމައަށް ގެންދެވޭނެ ގޮތްތައް ދެނެގަތުމާ ބެހޭގޮތުން މަޝްވަރާ ކުރިން،" އިންފަންޓީނޯ ބުންޏެވެވެ.
އެކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުން ބައްސާމް އަށް އަމާޒުވަމުން ދާއިރު ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ރާއްޖޭގެ ފުޓްބޯޅަ މިފަދަ ހާލަތަކަށް ވެއްޓިފައި އޮތް މި ދަނޑިވަޅުގައި ފީފާގެ ރައީސްއާއި ބައްސާމް ބައްދަލު ކުރެއްވުމީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި މިއީ ރާއްޖޭގެ ފުޓްބޯޅަ ފީފާ އިން ސަސްޕެންޑް ކޮށްފާނެތީ ބައްސާމް ޖެއްސި ސްޓަންޓެއްތޯވެސް ބައެއް މީހުން ދަނީ ސުވާލު އުފައްދަމުންނެވެ. އަދި މިކަމާ ގުޅިގެން ބައެއް ފަރާތްތަކުން ދަނީ ބައްސާމް އިސްތިއުފާ ދިނުމަށް އެދި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ގޮވާލަމުންނެވެ.
އެ އިދާރާއާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއްގައި އެފްއޭއެމް ހައުސް ބަލާ ފާސްކޮށް ބައެއް ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އެތަކެތި އެނަލައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެކަމާ ގުޅިގެން ޕީޖީ އޮފީހުން ބުނީ ރާއްޖެއަކީ ބޭރުގެ ޖަމިއްޔާތަކާ ގާތް ގުޅުމެއް ބާއްވާ ގައުމެއް ކަމަށާއި ދައުލަތުގެ އިދާރާތަކުގެ ނަޒާހާތްތެރިކަމާއި، އިންސާފުވެރިކަން އަބަދުމެ ކަށަވަރުވެފައި އޮތުމަކީ މުޅި ދިވެހި ދައުލަތުގެ ގައުމީ މަސްލަހަތާ ސީދާގޮތުން ގުޅުން ހުރި ކަމެއް ކަމަށެވެ.
އެހެންކަމުން ގާނޫނު އަސާސީގެ ދަށުން ލިބިފައިވާ ބާރުތަކުގެ ތެރެއިން އެފްއޭއެމްއަށް އެކި ފަރާތްތަކުން ފޯރުކޮށްދީފައިވާ ފައިސާ އަށް އެސޯސިއޭޝަންގެ އިސްވެރިން ހިޔާނާތްތެރިވެ، އިތުރު ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އެއްވެސް ހިސާބެއްގައި މަނީ ލޯންޑަރިންގާއި، ވައްކަމާއި، ހިޔާނާތާއި، އެ ނޫން ވެސް ޖިނާއީ ކުށެއްގެ މައްސަލައެއް ހިނގަމުންދާނަމަ، އެ ކަމެއް ތަހުގީގުކޮށް، އެ މައްސަލައިގައި ދައުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހުން ފުލުހުންގެ މައްޗަށް އަމުރު ކޮށްފައިވާނޭ ކަމަށެވެ.
އެ އިދާރާގެ ދަރަނި ބޮޑުވެފައިވާއިރު އެފްއޭއެމްގެ އިދާރީ މުވައްޒަފުންގެ އިތުރުން ނިމިދިޔަ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމާ އެކު ދިޔަ ކޯޗިން ސްޓާފުންނަށް އަދި ގައުމީ ޓީމުގެ ބައެއް ކުޅުންތެރިނަށްވެސް މުސާރަ ނުލިބޭ މައްސަލަ ވަނީ ފެންމަތިވެފައެވެ. ނަމަވެސް އެ ތުހުމަތުތަކަށް އެފްއޭއެމް އިން އަންނަނީ ތަކުރާރުކޮށް އިންކާރު ކުރަމުންނެވެ.