ހިޒުބުއްލޯގެ ލީޑަރު ސައްޔިދު ހުސައިން ނަސްރުالله އާއި އިސްލާމިކް ޖިހާދުގެ ސެކްރެޓަރީ ޖެނެރަލް ޒައިދް އަލް ނަޚުލާ އާއި ހަމާސްގެ ޑެޕިއުޓީ ލީޑަރު ސޯލިހް އަލް އަރޯރީ ބައްދަލު ކޮށްފިއެވެ.

ބައްދަލުކުރި ތަނެއް ހާމަ ނުކޮށް މި ތިން ލީޑަރުންގެ ބައްދަލުވުމަށް ފަހު ހިޒުބުއްލޯ އިން ނެރުނު ބަޔާނެއްގައި ބުނީ 3 ލީޑަރުން އެއްބަސްވީ ހުރިހާ ވަސީލަތަކާއި ހަކަތައަކާއެކު އިޒްރޭލާ ދެކޮޅަށް ކުރާ ހަނގުރާމަ ކާމިޔާބު ކުރުމަށް ކަމަށެވެ. އަދި އެއީ 3 ޖަމާއަތުގެ އަމާޒު ކަމަށާއި އެގޮތުގައި ކުރިއަށް ދާން ނިންމާފައި ވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި ބައްދަލުވުމުގައި އޮކްޓޯބަރު 7, 2023 ގެ ހަމަލާއަށް ފަހު އިޒްރޭލުން ދޭން ފެށި އުދުވާނީ ހަމަލާތައް ފުޅާވެ ބޯޑަރު ސަރަހައްދަށް ފެތުރެމުން ދާ އިރު މިހާރުގެ ހާލަތާއި ދެން އަޅަމުން ގެންދަން ވީ ފިޔަވަޅުތަކާ ގުޅާގޮތުންވެސް 3 ލީޑަރުން ވަނީ މަޝްވަރާ ކޮށްފައެވެ.

ހަމާސް، ހިޒްބުއްލޯ އަދި އިސްލާމިކް ޖިހާދުގެ ލީޑަރުން ބައްދަލު ކުރަނީ / ފޮޓޯ: ރޮއިޓާސް

އޮކްޓޯބަރު 7 ގައި ހަމަލާތައް ފެށިފަހުން ކޮންމެ ދުވަހަކުހެން ހިޒުބުއްލޯގެ ހަމަލާއެއް އިޒްރޭލުގެ މަގާމުތަކަށް އަމާޒު ކުރެއެވެ. ރައްދުގައި އިޒްރޭލުންވެސް ހިޒްބުއްލޯގެ މަގާމުތަކަށް ހަމަލާ ދީ ހަނގުރާމައިގެ ތެރެއަށް ނުވަނުމަށް އިންޒާރު ކުރަމުން ގެންދެއެވެ.

އެ ހަމަލާތައް ފެށިފަހުން ހިޒްބުއްލޯގެ 40 މުޖާހިދުން މިހާތަނަށް މަރުވެފައި ވާ އިރު މިއަދު ބަދަލު ކުރި ހަމަލާތަކުގައިވެސް 2 މީހަކު މަރުވެފައި ވެއެވެ.

އިޒްރޭލުގެ މައިގަނޑު އަމާޒު ހުރީ ގާޒާ ތަޅާ ސުންނާފަތި ކޮށްލަން ކަމަށް ވާއިރު ހުއްޓުމެއްނެތި އަޅަމުން ދާ ބޮންތަކުގައި އިއްޔެ އެކަނިވެސް ގާޒާއިން 704 މީހަކު ވަނީ ޝަހީދު ވެފައެވެ. އޭގެ ތެރޭގައި 305 ކުޑަކުދިން ހިމެނެއެވެ.

މިއީ އެއް ދުވަހަކާ އެންމެ ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލި ދުވަހަށް ވާއިރު ގާޒާ މިހާރު ސިފަވަމުން ދަނީ ނިއުކްލިއާ ހަމަލާއެއް ދީ މުޅި ތަން އަންދާ އަޅިއަށް ހަދާފައި އޮތް ފަދައަކުންނެވެ. ކޮޅަށް ހުރި އިމާރާތެއް ނެތެވެ. ހުރިތަނެއް ނަމަވެސް އެތަނެއްގެ ދެފަޅިކޮށް އެއްފަޅި, ތަނބުތައް, ބުރިތައް ވެއްޓިފައިވާ އިރު, ބޮޑެތި ސަރަހައްދުތައް [ޓައުންތައް] ހުރިގޮތަށް ވަނީ އަންދާ އަޅިއަށް ހަދާފައެވެ.

އިޒްރޭލުން ގާޒާ ވަށާލައި, ބަންދުކޮށް ގާޒާގައި ދިރިއުޅޭ 2.3 މިލިއަން މީހުންނަށް ސަލާމަތުން ގާޒާއިން ނިކުންނާނެ ފުރުސަތުވެސް ނުދީ ބޮން އަޅަމުން އަންނަ އިރު ގާޒާގެ އުތުރު ބިތުގައި އޮންނަ ގާޒާ ސިޓީ އާއި ގާޒާ މިހާރު ވަނީ ހަނަފަސް ސަހަރާއަކާ އެއްފަދަ ވެފައެވެ. އިޒްރޭލާ އެއްއިންވެގެން އެންމެ އުތުރަށް އޮންނަނީ ގާޒާ ސިޓީ ކަމަށް ވާއިރު އެ ސިޓީގައި ދިރިއުޅުނު 430,000 މީހުންގެ ތެރެއިން ސިޓީން ނުފޭބި ތިބި މީހުންނާއި ނުފައިބަން ތިބި އެންމެން އިޒްރޭލުން ގެންދަނީ ޝަހީދު ކުރަމުންނެވެ. ޖެހިގެން އޮންނަ ގާޒާގައި ދިރިއުޅޭ 731,000 މީހުންގެ ތެރެއިންވެސް ގިނަ ބަޔަކު ދެކުނު ބޮތުން ހާން ޔޫނިސް އާއި ރާމައްލޯއާއި ރަފާގެ އެކި ކޭމްޕްތަކަށް ގޮސްފައި ވާ އިރު, ނުދެވި ތިބި އެންމެން ޝަހީދު ކޮށްލުމުގެ ގަތުލު އާންމު ދަނީ ހިންގަމުންނެވެ.

ހަމަލާތަކުގައި ޝަހީދުވާ މީހުންނާއި ޒަހަމްވާ މީހުންގެ އަދަދު ގިނަ ކަމުން އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން މިވަގުތު ހުރި ހޮސްޕިޓަލްތައް ފުރިބާރުވެފައި ވާ އިރު, ގިނަ އަދަދެއްގެ ޒުވާނުން ފިރިހެނުންނާއި ބޮޑެތި މީހުން ގާޒާއިން ނުފައިބެ ތިބީ އެމީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށެވެ.

ގާޒާގައި މިވަގުތު ތިބި މީހުންނަކީ އެއްވެސް ހަތިޔާރެއް ހުރި ބަޔަކަށް ނުވާއިރު ހަމާސްގެ މުޖާހިދުން ނައްލާތުމުގެ ނަމުގައި އިޒްރޭލުން ބޮން އަޅަމުން ދަނީ އިންސާނީ ނަސްލެއް ނައްތާލުމަށެވެ.

ހަބަރުތައް ބުނާގޮތުން ހަމާސްގެ ހަނގުރާމަވެރިން މިވަގުތު ތިބީ ގާޒާގެ ބިންގަރާސްތަކުގައެވެ. މިއީ ގާޒާގެ އަޑިން 250 ފޫޓެއްހާ ފުނުގައި 14 ކިލޯމީޓަރަށް ވުރެވެސް ދުރަށް ގޮސްފައި ވާ ޓަނަލްތަކެކެވެ. އެތަންތަން ފަރުމާ ކޮށްފައިވަނީ މޮޓޯ ސައިކަލުތަކުގައިވެސް އެއްކޮޅުން އަނެއް ކޮޅަށް ދުއްވޭ ގޮތަށް ދިރިއުޅުވޭ ގޮތަށް ކޮޓަރިތައްވެސް ހަދާފައި ކަމުން, ހަނގުރާމަ ފެށުމާއެކު ހަމާސްގެ މުޖާހިދުން ފިލާ ތިބެނީ އެތަންތާނގައެވެ.

ހަނގުރާމަ ފެށީ ދުވަހު ހަމާސް އިން އިޒްރޭލަށް އަރާ ރަހީނު ކުރި މީހުންގެ ތެރެއިން ދާދި ފަހުން ދޫކޮށްލި 2 އަންހެނުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ, އެޓަނަލްތައް ހުންނަނީ މަކުނު ވާ ފުރާފައި ހުންނަ އުސޫލުން އެކިއެކި ދިމަދިމާއަށް ދެވޭ ގޮތަށް ކަމަށާއި ކެއުމާއި ބޭސްފަރުވާގެ ހިދުމަތާއި ޑޮކްޓަރުންވެސް އެތާނގައި ތިބޭ ކަމަށެވެ. އެމީހުންގެ ތެރެއިން އެކަކު ދޫކޮށްލުމުން ހަމާސްގެ މުޖާހިދަކާ ސަލާމް ކުރި މައްސަލަ އިޒްރޭލަށް ބޮޑުވެފައި ވާ އިރު, އެކަމާ ގުޅޭގޮތުން އެ އަންހެން މީހާ ބުނީ, އެމީހުންނާ މެދު ހަމާސް އިން ކަންތައް ކުރީ ވަރަށް ރަނގަޅަށް ކަމަށާއި ކޮންމެ 3 ދުވަހަކުން ޑޮކްޓަރުން އައިސް ބެލުމުގެ އިތުރުން ހައިޖީންގެ ކަންކަން ބަލާނެ މީހަކުވެސް ހިދުމަތް ދީފައި ވާ ކަމަށެވެ. އަދި ނިންދެވީ ގޮދަޑީގައި ކަމަށާއި ކާން ދިނީ ހަމާސްގެ މުޖާހިދުންވެސް ކާން ބޭނުން ކުރާ ޕާނާއި ކިއުކަމްބާ ފަދަ ތަކެތި ކަމަށް ބުނެފައި ވެއެވެ.

އިޒްރޭލުގެ ހަމަލާތަކުގައި އަންދާ އަޅިއަށް ހަދާލާފައިވާ ގާޒާ ސިޓީ

ހަމާސްގެ ހަމަލާތަކުގައި ވަރުގަދަ ޔަހޫދީ އިޒްރޭލު ސިއްސުވާލި އިރު އިޒްރޭލަށް މިހާރު ކުރިމަތިވެފައި ވާ ޗެލެންޖަކީ ހަމާސްގެ މުޖާހިދުން އަތުނުވުމެވެ. ނަމަވެސް ހަމާސް އަށް ވާގިދޭކަމަށް ޝައްކުވާ 1400 އެއްހާ މީހުން ހުޅަނގު އައްސޭރިއާއި ރާމައްލޯ އިން ހިފާ ހައްޔަރު ކޮށް އިޒްރޭލުގެ ޖަލުތަކަށް ގެންގޮސްފައި ވާ އިރު, އުފެދިފައިވާ އަނެއް ބިރުވެރި ކަމަކީ އިންވެގެން އޮންނަ ލުބުނާނުގައި އޮތް ހިޒުބުއްލޯގެ ވަރުގަދަ ބިޔަ ފައުޖުގެ ހަމަލާތަކެވެ. ހިޒްބުއްލޯ އަކީ 100,000 މެންބަރުން ހިމެނޭ, ބިމުން ބިމަށް ފޮނުވާ ކުރު ރާސްތާ, މެދު ރާސްތާގެ 250,000 މިސައިލް ހުރި ޖަމާއަތެކެވެ. ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވާ އިސްލާމިކް ޖިހާދަކީވެސް ހަމާސް ފަދަ ވަރުގަދަ ޖަމާއަތަކަށް ވާއިރު މި 3 ބައި މީހުން އެކުވެ އިޒްރޭލުގެ އުދުވާނާ ކުރިމަތިލުމަކީ އިޒްރޭލަށް ބޮޑު ގޮންޖެހުމަކަށް ވާނެއެވެ.

އިޒްރޭލުން ގާޒާ ވަށާލާފައި ވާ ގޮތުން އިޒްރޭލު ވަށާލާފައި ވަނީ, ހިޒްބުއްލޯ އާއި ހަމާސް އާއި އިސްލާމިކް ޖިހާދުގެ އިތުރުން ސީރިއާގައި އޮތް ފައުޖުތަކެވެ. މިބިރުވެރިކަމުގެ ތެރޭގައި އިޒްރޭލުން ސީރިއާ އަށް ވެސް ހަމަލާ އަމާޒު ކުރަމުން ގެންދާ އިރު, ވައިގެ މަގުން ގާޒާއަށް ދޭ ހަމަލާތަކަށް ފަހު އެއްގަމު މަގުން ގާޒާ އަށް އަރަން އިޒްރޭލުން ނިންމާފައި ވުމުން, ހިޒްބުއްލޯ އިން ބުނެފައި ވަނީ ނަމަނަމަ އެއްގަމު މަގުން ގާޒާއަށް ނޭރުމަށެވެ. ނަތީޖާ ހިތިވާނެ ކަމަށާއި އެމީހުން އިޒްރޭލަށް ހަމަލާ ދޭނެ ކަމަށެވެ.

އެމެރިކާގެ މަނަވަރު އިޒްރޭލު ކައިރީގައި ހަރަކާތްތެރި ވަނީ

ހިޒްބުއްލޯ އަކީ އީރާނުން މަދަދުދޭ ބޮޑު ޖަމާއަތަކަށް ވާއިރު އީރާނުވެސް އޮތީ ހަނގުރާމަ ފުޅާވެދާނެ ހާލަތަކަށް ތައްޔާރަށެވެ. ކައިރިން މިސްރުވެސް އޮތީ ތައްޔީ ހާލަތުގައެވެ. އަނެއް ފަޅިން އުރުދުންވެސް އޮތީ ތައްޔާރީ ހާލަތުގައެވެ. ގާޒާއާ ގުޅޭ މެޑިޓަރޭނިއަން ކަނޑުގައި އެމެރިކާގެ މާސިންގާ 2 މަނަވަރު މަޑުކޮށްލައިގެން އޮތީ ހަނގުރާމަ އަށް ވަމުން ދާގޮތް ބަލައި އިޒްރޭލުން އެހީތެރިކަމެއް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެ އެހީތެރިކަން ފޯރުކޮށްދޭށެވެ. އެއިން ކޮންމެ މަނަވަރެއްގައި ބޮން އަޅާ ބޯޓުގެ 100 ބޯޓާއި މިސައިލް ހަމަލާ ދޭ ނިޒާމުތަކާއި 30,000 އަށް ވުރެ ގިނަ ސިފައިން އެބަތިއްބެއެވެ. އެމެރިކާގެ އަސްކަރީ ބޭސް އޮންނަ ގަތަރަށް ބަރުހަތިޔާރާއި އިތުރު ސިފައިން ޖަމާކޮށް އެމެރިކާވެސް އޮތީ ތައްޔާރީ ހާލަތުގައެވެ.

އދ އާއި ދުނިޔޭގެ ގައުމުތަކުން ހަނގުރާމަ ހުއްޓާލަން ގޮވާލާއިރު އެމެރިކާގެ ތާއީދާއެކު އިޒްރޭލުން ގެންދަނީ ހުއްޓުމެއް ނެތި ބޮން އަޅަމުންނެވެ.

އިޒްރޭލު ކުށްވެރިކޮށް އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނީއޯ ގްޓަރޭސް ވާހަކަ ދެއްކެވި މައްސަލައިގައި އދ ގެ އެއްވެސް އޮފިޝަލަކަށް ވިސާ ނުދޭން އިޒްރޭލުން މިހާރު ނިންމާފައި ވާ އިރު, އިޒްރޭލުން ބުނަމުން ދަނީ ހަމާސް ނައްތާލާފައި ނޫނީ ހުއްޓާނުލާނެ ކަމަށެވެ.

އިޒްރޭލުގެ އުދުވާނުގައި މިހާތަނަށް ފަލަސްތީނުގެ 6,546 މީހަކު ވަނީ ޝަހީދު ވެފައެވެ.