އަލްޝިފާ ހޮސްޕިޓަލުގެ ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓްގައި، ކަޅު ކުލައިގެ ބޯ އިސްތަށިގަނޑަގުން ފުރިފައިވާ ދުވަސް ނުފުރާ ތުއްތު ކުއްޖަކު އިންކިއުބޭޓަރެއްގައި އޮތެވެ. އެކުއްޖާގެ ފައިގައި އަޅުވާފައި އޮތް ފިޔާތޮށި ކުލައިގެ ޓެގުގައި ލިޔެފައި ވަނީ "މަރިޔަމް އަލް ހަރްޝްގެ ފިރިހެން ދަރިފުޅު" އެވެ.

ނިއޯނޭޓަލް ޔުނިޓްގެ ވެރިޔާ ޑރ ނާސިރު ބުލްބުލް ވިދާޅުވާ ގޮތުގައި އުމުރުން 10 ދުވަހުގެ ތުއްތު ކުއްޖާއަކީ އިޒްރޭލުގެ އުދުވާނީ ހުތުރު ހަމަލާއާ ދެކޮޅަށް ހޯދި ކާމިޔާބީ ރަމްޒު ކޮށްދޭ ކުއްޖެކެވެ.

"އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ގާޒާގެ އުތުރުގައި ހުންނަ ކަމަލް އަދްވާން ހޮސްޕިޓަލުން އަހަރެމެންނަށް ކޯލެއް އައީ މާބަނޑު އަންހެނަކު ވަރަށް ބޮޑަށް ޒަހަމްވެގެން ހާލު ދެރަވެގެން. އޭނާގެ ގެއަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި، އޭނާގެ މުޅި އާއިލާ، ފިރިމީހާ ހިމެނޭ ގޮތަށް 10 މީހުން ވެސް ވަނީ ޝަހީދުވެފައި." ޑރ ނާސިރު ވިދާޅުވިއެވެ.

32 ހަފުތާގެ މާބަނޑު އަންހެން މީހާގެ އެމަޖެންސީ ސިޒޭރިއަން ހެދުމަށް ފަހު އޭނާގެ ތުއްތު ދަރިފުޅު ބަނޑުން ނެގި އިރު ކުއްޖާގެ ހިތު ވިންދު ވަރަށް ދަށެވެ.

އެ ކުއްޖާ އަލް ޝިފާއަށް ބަދަލުކޮށް ވަގުތުން މެކޭނިކަލް ވެންޓިލޭޝަނަށް ލާފައި ވާއިރު، އެތަނުގައި ދުވަސް ނުފުރާ ވިހާފައިވާ 54 ތުއްތު ކުއްޖަކު ވެއެވެ.

"ކުއްޖާގެ ހާލު އަންނަނީ ރަނގަޅުވަމުން. މެކޭނިކަލް ވެންޓިލޭޝަނުން ނެގީ ހަ ދުވަސް ފަހުން. އޭގެ ތިން ދުވަސް ފަހުން ފާހަގަ ކުރެވުނީ ކުއްޖާގެ ސެރެބްރަލް އިސްކީމިއާ ހުންނަކަން. މިއީ ސިކުނޑިއަށް ލޭ ދައުރުވުން މަދުވުމުގެ ސަބަބުން ސިކުނޑިއަށް ލިބޭ އެކިއުޓް އިންޖަރީއެއް. މިއީ އޭނާ އުފަންވުމުގެ ކުރިން އޭނާގެ މަންމަ މަރުވުމުގެ ނަތީޖާ."
ޑރ. ނާސިރު

ތުއްތު ކުއްޖާ ހޯދަން އެއްވެސް ގާތް ތިމާގެ މީހަކު އައިސްފައި ނުވި ނަމަވެސް ޑރ ނާސިރު އާއި އޭނާގެ ނަރުހުންގެ ޓީމުން ކުއްޖާ ބަލަހައްޓައެވެ.

"އަހަރެން އެ ކުއްޖާއަށް ބަލާ ކޮންމެ ފަހަރަކު ހިތާމައާއި ވޭން އިހުސާސްކުރެވޭ." އެ ކުއްޖާ އުފަންވި ހިތާމަވެރި ހާދިސާއަށް އިޝާރާތްކޮށް ޑޮކްޓަރު ބުންޏެވެ.

"އެކަމަކު އެކުއްޖާ ދިރިހުރިހާ ހިނދަކު، މި ނުރައްކާތެރި ދުވަސްތަކުން އަރައިގަނެވޭނެ ކަމުގެ ހިތްވަރާއި އުއްމީދު އަހަރެމެންނަށް ލިބޭ. ކޮންމެ ދުވަހަކު ފެންނަ ބިރުވެރި ކަންތަކަށް ކެތްކުރަން ހިތްވަރު ލިބޭ." އޭނާ ބުންޏެވެ.

މަރިޔަމް އަލް ހަރްޝްގެ ފިރިހެން ދަރިފުޅު

އިޒްރޭލުން އެންމެ ފަހުން ގާޒާއަށް ހަމަލާދޭން ފެށީ ހަމާސް އިން އިޒްރޭލަށް ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ.

ގާޒާއަށް ވައިގެ ހަމަލާތައް މެދުކެނޑުމެއްނެތި ދެމުން އަންނައިރު، އިޒްރޭލުން ވަނީ އިންޖީނުގެއިން ފެނާއި ކަރަންޓާއި ތެޔޮ ކަނޑާލާފައެވެ.

ނޭވާލާ ނިޒާމަށް ބަރޯސާވާ އެތައް ސަތޭކަ ބަޔަކު މަރުވާނެ ކަމަށް ބުނެ މިފަދަ އަމަލުތަކުގެ ނުރައްކާތެރި ނަތީޖާ އަންނާނެ ކަމުގެ އިންޒާރު ޑޮކްޓަރުން ވަނީ ދީފައެވެ. ހޮސްޕިޓަލްތަކުގެ ތެޔޮ ހުސްވެ، ބައެއް ތަންތަން ބަންދުކުރަން މަޖުބޫރުވި އިރު، އަލް ޝިފާ ހިންގަމުން އަންނަނީ ޖަނަރޭޓަރުގެ ބޭނުން ކޮށްގެންނެވެ.

ގާޒާގެ ސިއްހީ ނިޒާމު ފުނޑުފުނޑުވުމުގެ އައްސޭރިއަށް ގޮސްފައި ވާއިރު، ހަތް ނިއޯނޭޓަލް އައިސީޔޫގައި އޮތް 130 ދުވަސްނުފުރާ ތުއްތު ކުދިން ސަލާމަތްވާނެކަމެއް ނުވަތަ ނޫންކަން ދެނެގަންނަން ދަތިވަނީ، އަވަހަށް ތެޔޮ ހޮސްޕިޓަލްތަކަށް ނުދެވިއްޖެ ނަމަ އެކުދިންނަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ހެލްތު މިނިސްޓްރީން ދީފައި ވާތީއެވެ.

"މެކޭނިކަލް ވެންޓިލޭޝަން މެޝިންތަކަށް ކަރަންޓު ދޭން ތެޔޮ ނުލިބުމުން މި ހުރިހާ ކުދިން ވެސް ފަސް މިނެޓުތެރޭގައި މަރުވެދާނެ. 10 ވެންޓިލޭޓަރު އެބަހުރި، އެކަމަކު ހަތް ވެންޓިލޭޓަރު އޮތީ ހިދުމަތް ނުލިބި."
ޑރ. ނާސިރު

އާދީއްތަ ދުވަހު ޔުނިސެފްގެ ތަރުޖަމާނު ޖޮނަތަން ކްރިކްސް ވިދާޅުވީ އިންކިއުބޭޓަރު ތަކުގައި ތިބި 120 ކުދިންގެ ތެރެއިން ގާތްގަނޑަކަށް 70 ކުދިން ތިބީ މެކޭނިކަލް ވެންޓިލޭޝަންގައި ކަމަށެވެ.

"އެކުދިން މެކޭނިކަލް ވެންޓިލޭޝަން އިންކިއުބޭޓަރުގައި ބަހައްޓާފައި ތިއްބާ ކަރަންޓް ކެނޑިއްޖެނަމަ އެކުދިންގެ ދިރިހުރުމާ މެދު ކަންބޮޑުވޭ." ކްރިކްސް ވިދާޅުވިއެވެ.

ގާޒާގެ ޑޮކްޓަރުން ވަނީ އަވަހަށް ތެޔޮ ހޮސްޕިޓަލްތަކަށް ނުދެވިއްޖެ ނަމަ ދުވަސް ނުފުރާ 130 ކުއްޖެއްގެ ފުރާނައަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު ދީފައި

އިޒްރޭލުން ގާޒާއަށް ތެޔޮ ވެއްދުމުގެ ހުއްދަ ވަގުތުން ދިނުމަށް މެޑިކަލް އެއިޑް ފޯ ފަލަސްތީން (މެޕް) އިން ދުނިޔޭގެ ލީޑަރުންނަށް ވަނީ ގޮވާލާފައެވެ.

މެޕްގެ ސީއީއޯ މެލަނީ ވޯޑް ވިދާޅުވީ ފިޔަވަޅު ނޭޅުމަކީ މި ކުދިންނަށް މަރުގެ އަދަބު ދިނުން ފަދަ ކަމެއް ކަމަށެވެ. ގާޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މި ތުއްތު ކުދިން މަރުވުމަކީ ބަލައިނުގަނެވޭނެ ކަމެއް ކަމަށް މެލަނީ ވިދާޅުވިއެވެ.

ގާޒާ ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ރަފާހު ބޯޑަރު ކްރޮސިން ދާއިމީކޮށް ހުޅުވައި، ދިރިއުޅުމަށް ބޭނުންވާ ސާމާނާއި އިންސާނީ ބޭނުންތަކަށް ހާއްސަކޮށް ތެޔޮ ގެންނަން ޖެހޭ ކަމަށް ބުނެފައެވެ.

ގާޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ 34 ޓްރަކެއް ވަދެފައިވާއިރު، މިއީ އިންސާނީ ނުރައްކަލުގެ ހަގީގަތަށް ބަލާއިރު އެންމެ ކުޑަ މިންވަރަކަށް ވުރެ ދަށް އަދަދެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

"އިތުރު ވިއްސަކަށް އެހީގެ ޓްރަކުތައް މިއަދު ވަންނާނެ ކަމަށް ބެލެވޭ. އެއީ ހަމަލާ ދިނުމުގެ ކުރިން ދުވާލެއްގެ މައްޗަށް ގާޒާއަށް ވަންނަ ރޭޓުގެ ޖުމްލަ 10 ޕަސެންޓް." އެ ބަޔާނުގައި ވެއެވެ.

އަލްޝިފާ ހޮސްޕިޓަލުގެ އެންއައިސީޔޫގައި 55 ކުއްޖަކު އެބަތިބި

ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކު ހިމާޔަތް ހޯދާފައިވާ އުތުރު ގާޒާގެ ހޮސްޕިޓަލްތައް ހުސްކުރުމަށް އިޒްރޭލުގެ އަސްކަރީ އިންޒާރުތައް ތަކުރާރުކޮށް ލިބެމުން އެބަދެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވީ "ތޮއްޖެހިފައިވާ މި ހޮސްޕިޓަލްތަކުން ރައްކާތެރިކަމާއެކު ބަލި މީހުން ނެރުމަކީ ނާދިރު ކަމެއް" ކަމަށެވެ.

"ފުރާނަ ސަލާމަތް ކުރުމުގެ މަސައްކަތްތައް ކުރުމުގެ ފުރުސަތު އެ މީހުންނަށް ދޭން ޖެހޭނެ. އެމީހުން ހިމާޔަތް ކުރަން ޖެހޭ." އޭނާ ވިދާޅުވިއެވެ.

އިޒްރޭލުގެ 17 ދުވަހުގެ ހަނގުރާމައިގައި ފަލަސްތީނުގެ 5،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ.

އަދި އިތުރު 1،500 މީހުން ކުނިތަކުގެ ދަށުގައި ގެއްލިފައިވާއިރު އޭގެ ތެރޭގައި 830 ކުޑަކުދިން ވެސް ހިމެނެއެވެ.

ޑރ ނާސިރު ވިދާޅުވީ އަލްޝިފާ ހޮސްޕިޓަލުގައި ތިބި37 ހަފްތާއިން ދަށުގެ 55 ކުދިންގެ ބަރުދަން ދެ ކިލޯއަށް ވުރެ ލުއިކަމަށެވެ. އެއް ކުއްޖެއްގެ އުމުރަކީ 26 ހަފުތާ ކަމަށާއި އެ ކުއްޖާގެ ބަރުދަނުގައި ހުރީ 880 ގްރާމް ކަމަށް ޑރ ނާސިރު ވިދާޅުވިއެވެ.

ދުވަސް ނުފުރާ އުފަންވާ ކުދިންނަށް ބޭނުންވާ އަސާސީ ފަރުވާތައް ނުލިބުމަކީ އެކުދިންގެ ފުރާނައަށް ނުރައްކާވާ ކަމެއް ކަމަށް ޑރ ނާސިރު ވިދާޅުވިއެވެ.

"އުފަންވާތާ ފުރަތަމަ ދެ ގަޑިއިރުގެ ތެރޭގައި، ދުވަސް ނުފުރާ އުފަންވާ ތުއްތު ކުދިން ދިރިހުރުމަށް އަސާސީ ފަރުވާ ބޭނުންވާ. ހާއްސަކޮށް ސިންތެޓިކް ސާފެކްޓެންޓް ފަރުވާގެ ސަބަބުން ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް ކުޑަކުރުމަށް އެހީތެރިވެދޭ. މިއީ ފުރާނަ ސަލާމަތްކޮށްދޭ ފަރުވާއެއް. އެއާ ނުލައި މެކޭނިކަލް ވެންޓިލޭޝަނާ ގުޅޭ ކޮމްޕްލިކޭޝަންތަކާ ކުރިމަތިލާން ޖެހޭނެ. ނަތީޖާއެއްގެ ގޮތުން ތުއްތު ކުދިން އިންކިއުބޭޓަރުތަކުގައި ގިނަ ވަގުތު ހޭދަކުރަންޖެހި، ބެކްޓީރިއަލް އިންފެކްޝަނެއް ޖެހުމުގެ ސަބަބުން އެކުދިން މަރުވުމުގެ ފުރުސަތު ބޮޑުވެގެންދޭ." ޑރ. ނާސިރު ވިދާޅުވިއެވެ.

އިޒްރޭލުން ގާޒާއަށް ހަމަލާދޭން ފެށި ފަހުން އަލްޝިފާ ހޮސްޕިޓަލުގެ ނިއޯނޭޓަލް ޔުނިޓްގެ ވެރިޔާ ޑރ ނާސިރު ބުލްބުލް ގެންދަވަނީ ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓްގައި މެދުކެނޑުމެއްނެތި މަސައްކަތް ކުރައްވަމުން

ޑރ ނާސިރު ވިދާޅުވީ އިޒްރޭލުގެ ހަމަލާތައް ފެށުމުގެ ކުރިންވެސް އެންޓިބަޔޮޓިކްސް ގެ ދަތިކަން ހުރި ކަމަށާއި އެއީ އޭގެ ތެރެއިން އެމްޕިސިލިން އާއި ޖެންޓަމައިސިން ފަދަ އެންޓިބަޔޮޓިކްސް އަކީ ކޮމިއުނިޓީ-އެކްވައިޑް ސެޕްސިސް އުފައްދައިދޭ ހުރިހާ ބެކްޓީރިއަލް އެޖެންޓުންނާ ދެކޮޅަށް މަސައްކަތް ކުރާ ބޭސްތައް ކަމަށް ޑރ ނާސިރު ފާހަގަ ކުރެއްވިއެވެ.

"އިޒްރޭލުގެ ވައިގެ ހަމަލާތަކަށް ވުރެ ބޮޑަށް މި ކުދިންނަށް ބޭނުންވާ ފަރުވާތައް ނުލިބުމަކީ އަޅުގަނޑުމެންނަށް އުނދަގޫވާ ކަމެއް."
ޑރ. ނާސިރު

ނިއޯނޭޓަލް ޔުނިޓް ހިންގަނީ ހަތަރު ޑޮކްޓަރުން ކަމަށާއި ނަމަވެސް އޭގެ ތެރެއިން ތިން ޑޮކްޓަރުން ތިބީ ގާޒާގެ ދެކުނުގައި ކަމަށާއި މަގުތައް ހަލާކުވެފައިވާތީ އަލް ޝިފާ ހޮސްޕިޓަލަށް އާދެވޭ ގޮތް ވެފައި ނުވާކަމަށް ޑރ ނާސިރު ފާހަގަ ކުރެއްވިއެވެ.

ޑރ ނާސިރު އަށް އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އޭނާގެ އާއިލާ ފެނިފައި ނުވާއިރު، އޭނާ އަންނަނީ ހޮސްޕިޓަލުގައި އަމަލީ ގޮތުން ދިރިއުޅެމުންނެވެ. ބައެއް ފަހަރު މުވާސަލާތީ ނެޓްވޯކުން ގުޅޭ ގޮތް ވެއްޖެނަމަ ކޮންމެ ދެތިން ދުވަހަކުން އޭނާގެ އާއިލާއަށް ގުޅައި، ގާޒާގެ މެދުގައި އޮންނަ ނުސީރަތު ރެފިއުޖީ ކޭމްޕްގައި ތިބި އާއިލާ މީހުންގެ ހާލު ބަލާ ހަދައެވެ.

"އަޅުގަނޑާއި ނަރުހުންގެ ޓީމާއި އެހެނިހެން މެޑިކަލް ސްޓާފުންނަށް އަރާމު ކުރާނެ ދުވަހެއް ވެސް ނުލިބޭ. ވަށައިގެން ހިނގި ހިތާމަވެރި ހަމަލާތަކުގެ އަސަރު ކުރި ނަމަވެސް އަހަރެމެން އެންމެން ވެސް 24 ގަޑިއިރު މި އަންނަނީ މަސައްކަތް ކުރަމުން." އޭނާ ވިދާޅުވިއެވެ.

އިރުރަށް އޭނާ ވިދާޅުވީ "މި ހުރިހާ ބޮމުގެ ހަމަލާއެއްގެ ތެރޭގައި މަސައްކަތް ކުރިއަށް ގެންދިއުމަކީ އުނދަގޫ ކަމެއް. އަޅުގަނޑުމެންގެ ހިތުގައި ކިތަންމެ ވޭން ތަކެއް އުފެދިފައި އޮތް ނަމަވެސް މަސައްކަތުގައި ދެމިތިބި، މި ކުދިންގެ ފުރާނަ ސަލާމަތް ކުރަން މި އަންނަނީ މަސައްކަތް ކުރަމުން." ކަމަށެވެ.