ގަވާއިދާ ހިލާފަށް އެއްވެސް ކުންފުންޏަކުން ރަސްމީ އެއްވެސް އެއްޗެއް ނައްތާލައިފި ކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ އެފަދަ ފަރާތްތަކާ މެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅާނެ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނެފިއެވެ.
ޕީސީބީން މިހެން ބުނެފައި ވަނީ، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ލިޔެކިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައިގެން ކ. ތިލަފުށީގައި ނައްތާލަމުން ދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެ އެ މައްސަލަ އޭސީސީން ބަލަން ފަށައި އެކަމާ ގުޅިގެން ގާނޫނީ ފިޔަވަޅު އަޅައި ދިނުމަށް ޕީސީބީގައި އެދުމުންނެވެ.
ޕީސީބީ އިން ބުނީ، ސަރުކާރުގެ ބައެއް ކުންފުނިތާކައި އެ ކުންފުނިތަކުގެ ބައެއް ސަބްސިޑިއަރީ ކުންފުނިތަކުގެ ރަސްމީ ލިޔެކިޔުންތައް ނައްތާލުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހަޅަމުން ގެންދާ ކަމަށާއި އެފަދަ ކަންކަން ވިޔަނުދީ ހުއްޓުވުމަށް ގާނޫނީ ފިޔަވަޅުތައް އަޅައި ދިނުމަށް އެދި އޭސީސީން މި މަހުގެ 23 ވަނަ ދުވަހު ޕީސީގައި އެދިފައިވާ ކަމަށެވެ. އަދި އެ ބޮޑަށް ވެސް އަމިއްލަ ފަރާތްތަކުން އަންނަނީ މި ފަދަ މައުލޫމާތު ހިއްސާ ކުރަމުން ކަމަށް ޕީސީބީން ބުނެއެވެ.
ދިވެހިރާއްޖޭގެ ގައުމީ އަރްޝީފްގެ ގާނޫނުގެ 22 ވަނަ ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ބުނާ ގޮތުގައި، ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކުން އެއްވެސް ބާވަތެއްގެ ރަސްމީ ލިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑްތަކާއި މައުލޫމާތު ނައްތާލަން ބޭނުންވެއްޖެ ނަމަ ގައުމީ އަރްޝީފްގެ ޑިރެކްޓަރު ޖެނެރަލް އެކަން އަންގަވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ޕީސީބީން ބުނެއެވެ. އަދި އެފަދަ ތަކެތި ނައްތާލެވޭނީ އެ ގަވާއިދުގައިވާ ގޮތަށް ކަމުގައި ވެސް ޕީސީބީން ބުނެފައި ވެއެވެ.
އެހެންކަމުން ގާނޫނާ ހިލާފަށް މިފަދަ އަމަލުތައް ނުހިންގުމަށް ދައުލަތުގެ މުއައްސަސާތަކާއި ކުނފުނިތަކަށް ޕީސީބީން ވަނީ ގޮވާލާފައެވެ. އަދި ލިޔެކިޔުމެއް ނައްތާލަން ޖެހޭ ނަމަ ގައުމީ އަރްޝީފްގެ ގާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަށް ވެސް ޕީސީބިން ވަނީ ގޮވާލާފައެވެ.
ލިޔުންތައް ނައްތާލި މައްސަލައާ ގުޅިގެން އެފްއެސްއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ކުންފުނީގެ މުހިންމު އެއްވެސް ލިޔެކިއުމެއް ކުންފުނިން ނައްތާލާފައި ނުވާނެ ކަމަށާއި ނަމަވެސް ގިނަ ދުވަސްވެފައި ހުންނަ ކުންފުންޏަށް އިތުރަށް ބޭނުންނުވާ ބައެއް ލިޔުންތައް ނައްތާލާފައިވާ ކަމަށެވެ.
މި މައްސަލަ އޭސީސީން ބަލަމުން އަންނަ އިރު ގައުމީ އަރްޝީފުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ލިޔެކިޔުންތައް ނައްތާލުމާ ގުޅޭ ގޮތުން އެއްވެސް މުއާމަލާތެއް ހިންގާފައި ނުވާ ކަމަށާއި، އެކަން ކޮށްފައި ވަނީ ގައުމީ އަރުޝީފުގެ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި މި މައްސަލަ ފުލުހަށް ހުށަހަޅާނެ ކަމަށް ވެސް އެތަނުން ވަނީ ބުނެފައެވެ.
ހަމައެއާއެކު އިންތިގާލީ މަރުހަލާގައި ސަރުކާރު ބަދަލު ވުމުގެ މަސައްކަތްތައް ކުރިއަށް ގެންދާ މި ދުވަސްވަރު އެފްއެސްއެމް އިން ލިޔެކިޔުނތައް ނައްތާލުމަކީ ކަންބޮޑުވާ ކަމެއް ކަމުގައި އިންތިގާލީ އޮފީހުން ވެސް ވަނީ ބުނެފައެވެ.
ތީ 2017 ގެ ކުރީގެ ކަމެއް