ޗައިނާގެ އަސްކަރީ ބާރު ވަރުދަގަކޮށް ފުޅާ ކުރުމުގެ މަސައްކަތްތަކެއް ކުރާ ކަމަށް ބުނެ އެމެރިކާއިން އާ ރިޕޯޓެއް އާންމުކޮށްފައި ވާ އިރު އެ ރިޕޯޓުގައި ޗައިނާ އަށް ވަނީ ގިނަ ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން 2027 އަންނަ އިރު ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އަސްކަރިއްޔާ އަށް އެގައުމުގެ ލިބަރޭޝަން އާމީ (ޕީއެލްއޭ) ހެދުމާއި 2049 އަކަށް ދާއިރު ގައުމީ ރޫހު އޮތް ފައުޖަކަށް ހެދުން ހިމެނޭ ކަމަށް ބުނެފައި ވެއެވެ. އޭގެ ތެރެއިން 2049 އަކަށް އިޝާރާތް ކޮށް ބުނެފައި ވަނީ އޭގެ ތެރޭގައި ޗައިނާއިން ޓައިވާން ހިފުން ހިމެނޭ ކަމަށެވެ.
ޓައިވާނަކީ ޗައިނާގެ ސަރުކާރާ ވަކިން ދާދި ގާތުގައި އިންވެގެން އޮންނަ ކުޑަ ގައުމެކެވެ. ވަން ޗައިނާ ޕޮލިސީގެ ދަށުން ޓައިވާނަކީ ގައުމެއް ކަމަށް ގަބޫލު ކުރަން އެމެރިކާ އަށް ވެސް ނުކެރޭ އިރު އެއީ ގައުމެއް ކަމަށް ބަލައިގަންނަ އޮތީ ހަމައެކަނި 13 ގައުމެކެވެ.
ޓައިވާނަކީ ގައުމެއް ކަމަށް އެމެރިކާއިން ބަލައިނުގަންނަމަވެސް ޓައިވާނުގެ ސަރުކާރަށް އަސްކަރީ އެހީއާއި މަދަދު ދިނުމާއި ޗައިނާއިން ޓައިވާނަށް ހަމަލާއެއް ދީފި ހާލަތެއްގައި ޓައިވާނުގެ ދިފާއުގައި އެމެރިކާގެ ސިފައިން ފޮނުވައިގެންވެސް ޗައިނާ އާ ހަނގުރާމަ ކުރާނެ ކަމަށް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން ވިދާޅުވެފައި ވެއެވެ.
ޓައިވާނާއި ޗައިނާ އަޅާ ކިޔާ އިރު، ޓައިވާނުގެ އާމީގައި ހިމެނޭ މެންބަރުންގެ ކުޑަކުޑަ މިންވަރަކާ ގާތަށް ވެސް ޓައިވާނުގައި އާމީން [ސިފައިން] ނެތެވެ. އަދި އަސްކަރީ ގާބިލުކަމެއް ވެސް ނެތެވެ. މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު އާމީ އަކީ ޗައިނާގެ އާމީ ކަމަށް ވާއިރު އެގައުމުގައި ނިއުކްލިއަ ވޯހެޑްގެ 500 ވޯހެޑް މިހާރުވެސް އެބަހުއްޓެވެ. އަދި 2023 ގައި އެ އަދަދު 1000 އަށް އިތުރު ކުރަން އުޅޭ ކަމަށް ވެސް އެމެރިކާގެ ރިޕޯޓުގައި ތުހުމަތު ކޮށްފައި ވެއެވެ.
މީގެ އިތުރުން އެމެރިކާ އަށް ފޯރާވަރުގެ އިންޓަކޮންޓިނެންޓަލް ބެލަސްޓިކް މިސައިލް އުފައްދަން ވެސް ޗައިނާއިން މަސައްކަތް ކޮށްފާނެ ކަމަށް ބުނެ އެމެރިކާއިން ވަނީ ޗައިނާގެ ނިޔަތާމެދު ސުވާލު އުފައްދާފައެވެ.
މި ރިޕޯޓާ ގުޅިގެން ޗައިނާއިން ބުނީ، އެމެރިކާއިން މަސައްކަތް ކުރަނީ ޗައިނާގެ އަސްކަރިއްޔާ އާ ގުޅޭ ގޮތުން ނުރަނގަޅު ތަސައްވުރެއް އުފައްދާ އޮޅުވާލަން ކަމަށެވެ. އަދި އެމެރިކާއިން އާންމު ކުރި ރިޕޯޓާ ދެކޮޅު ހަދާ ކަމަށާއި އެމެރިކާއިން ދައްކަން މަސައްކަތް ކޮށްފައި ވަނީ ނެތް ކަމެއް އޮތް ކަމަށް ހަދައި ޗައިނާގެ އަސްކަރިއްޔާ އަކީ ބިރެއް ކަމުގައި ދެއްކުމަށް ކަމަށެވެ.
ދުނިޔޭގެ އެތަން މިތަނަށް ޗައިނާގެ އަސްކަރިއްޔާ ފުޅާ ކުރަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުވެސް އެ ރިޕޯޓުގައި ކޮށްފައި ވާ އިރު، އެމެރިކާ އާ ހިލާފަށް ޗައިނާގެ އަސްކަރިއްޔާއެއް ގައުމުން ބޭރުގައި އޮތީ ހަމައެކަނި ޖިބޫޓީގައެވެ. އެމެރިކާ އަކީ މެދުއިރުމައްޗާއި އޭޝިއާއާއި އެފްރިކާގައި މިހާރުވެސް އަސްކަރީ ބޭސްތައް ހަދައިގެން އޮތް ގައުމެކެވެ.