ފެނަކަ ކޯޕަރޭޝަނުން، ހޯދުމަށް އޭސީސީ އިން އަންގާފައިވާ 20 މިލިއަން ރުފިޔާއަކީ 2018 ވަނަ އަހަރު ނޮވެމްބަރު މަހުގެ ކުރިން ހިނގާފައިވާ ހަތަރު މުއާމަލާތަކާ ގުޅޭ ފައިސާކަމަށް އެ ކުންފުނިން ބުނެފިއެވެ.

ފެނަކައިން ބުނީ "ފެނަކައާ ގުޅޭ 75 މައްސަލައެއް ތަހުގީގުކުރާއިރު، މިހާތަނަށް 20 މިލިއަން ރުފިޔާ އަނބުރާ ހޯދަން އެންގި" މި ސުރުހީގެ ދަށުން، 24 އޮކްޓޯބަރ 2023 ގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބަކީ، 2012 ވަނަ އަހަރު އެ ކުންފުނި ވުޖޫދު ކުރެވުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް ހުރި އަދަދު ކަމަށެވެ.

މި ގޮތުން ފެނަކައިން ހޯދުމަށް އެ ކޮމިޝަނުން އަންގަވާފައިވާ 20،504،491.54، ރުފިޔާއަކީ 2011 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް ކުންފުނިން ހިންގާފައިވާ ޖުމްލަ 04 މުއާމަލާތަކާ ގުޅިގެން ހޯދުމަށް އަންގާފައިވާ ފައިސާކަން ފެނަކައިން ވަނީ ފާހަގަކޮށްފައެވެ.

އެ ހަތަރު މުއާމަލާތުގެ ތަފްސީލު ހާމަކުރަމުން ފެނަކައިން ބުނީ އޭގެ ތެރޭގައި ހިމެނެނީ

- ސަދަން ޔުޓިލިޓީޒް ލިމިޓެޑްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރަކު ކިޔަވަން ދިއުމަށް ކުންފުނީގެ އެއިރުގެ މެނޭޖިން ޑިރެކްޓަރު، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކުންފުނީގެ ބަޖެޓުން ދޫކޮށްފައިވާ ކަމަށް ބުނެވޭ 240،000 ރުފިޔާ

- 2015 ވަނަ އަހަރުގެ ތެރޭގައި އަމިއްލަ ކުންފުންޏަކުން ކޮށްފައިވާ މުއާމަލާތްތަކަކާ ގުޅިގެން، ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއާ އެއްގޮތަށް އުނިކުރަންޖެހޭ ޖޫރިމަނާ ފައިސާ އުނިނުކޮށް އެފަރާތަށް ފައިސާ ދައްކާފައިވާތީ، ކުންފުންޏަށް ލިބުނު ގެއްލުމަށް ވާ 1،017،170.44 ރުފިޔާ

- 2016 ވަނަ އަހަރު ކުންފުންޏަށް ބޭނުންވާ ޑޮލަރު ގަތުމަށް އަމިއްލަ ކުންފުންޏަކާ އެކު ކުރެވުނު މުޢާމަލާތުގައި ކުންފުންޏަށް ލިބެންޖެހޭ 17،857،979.10 ރުފިޔާ

- 2017 ވަނަ އަހަރު ކުންފުންޏަށް ބޭނުންވާ ބިލިން ސޮފްޓްވެއާ ހޯދުމަށް އަމިއްލަ ކުންފުންޏަކާއެކު ކޮށްފައިވާ މުޢާމަލާތްތުގައި ކުންފުންޏަށް ގެއްލިފައިވާ 1،389،342.00 ރުފިޔާ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަނާ ގުޅުންހުރި ކޮރަޕްޝަންގެ 75 މައްސަލައެއް މިހާރު ވެސް އޭސީސީ އިން އަންނަނީ ތަހުގީގުކުރަމުންނެވެ.އޭސީސީ އިން ވަނީ ފެނަކަ އާ ގުޅުންހުރި އެކި މައްސަލަތަކާ ގުޅިގެން، 92 ކަމެއް އިސްލާހުކުރުމަށް އެ ކުންފުންޏަށް އަންގާފައެވެ.