މާލޭގެ ފިހާރައަކަށް ވަދެ، އެ ފިހާރައިގައި އިން ސޭޓަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި އަންހެން މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ތ. ތިމަރަފުށީ، ސަލްވާ އުމުރުން 29 އަހަރުގެ ފާތިމަތު ޝަހުދާއެވެ.

ކްރިމިނަލް ކޯޓުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ އޭނާގެ ބަންދަށް ކްރިމިނަކް ކޯޓުން ފުރަތަމަ ދިން 15 ދުވަސް ހަމަވުމާ ގުޅިގެން އިއްޔެއެވެ.

އޭނާ ބަންދުގައި ބެެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރުުގައި އޭނާ އެ ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ އެކަށީގެންވާ މިންވަރުގެ ހެކި ގަރީނާ ހުށަހަޅާފައިވާ ކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން ސީނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓް، ހާދިސާ ހިނގިތަނުގެ ސީސީޓީވީ ސްނެޕް ޝޮޓޫތައް އަދި ހާދިސާ ހިނގިތަނުގެ ވީޑިއޯ ފުޓޭޖް ހުށަހަޅާފައިވެއެވެ.

އެ އަމުރުުގައި އިތުރަށް ވަނީ އޭނާ ބަންދުގައު ބެހެއްޓުމަށް އަމުރު ކުރި ހާލަތަކީ ޖިނާއި އިޖުރާއަތުގެ ގާނޫޏުގެ ދަށުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކަމަށެވެ. އޭނާއަކީ މީގެ ކުރިން ވެސް މިފަދަ ކުށުގެ ރިކޯޑް އޮންނަ މީހެކެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއިން ފެންނަ ގޮތުގައި، ޗާންދަނީމަގުގައި ހުންނަ "ޑްރީމްސް މޯބައިލް" ފިހާރަ އަށް އަންހެނަކު ވަދެ، އެ ފިހާރައިގައި ހުރި ސޭޓު ކައިރީ ފޯނެއް ދެއްކުމަށް އެދެއެވެ. ޖެހުނީ ކޮން މައްސަލައެއް ކަން ސާފުނުވި ނަމަވެސް، އަންހެން މީހާ ކޮންމެވެސް ކަމަކާ ނުރުހިގެން ޒުވާބު ކުރާ މަންޒަރު ފެނެއެވެ. އެއަށް ފަހު މީހަކު އާދޭތޯ ބެލުމަށް ފަހު ވާއަތު ޖީބުން ވަަޅި ނަގައި ސޭޓުގެ ކަރުގައި ވަޅި އަޅާ މަންޒަރު ވެސް ފެނެއެވެ.

މި ހާދިސާގައި އަނިޔާވި މީހާއަށް ވަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދީފައެވެ.