އިންޑިއާގެ ގުޖުރާތުގެ ޕާލަންޕޫރުގައި ހަދަމުންދާ ބްރިޖެއްގެ ބައެއް ވެއްޓި އޭގެ ދަށުވި މީހަކު ޗިސްވެ މަރުވެއްޖެއެވެ.

އިންޑިއާ ޓުޑޭ ނޫހުގައި އާންކޮށްފައިވާ އެ ވީޑިއޯއިން ފެންނަ ގޮތުގައި، އެ ބްރިޖު ވެއްޓޭ އިރު އޭގެ ދަށުގައި ހުންނަ މީހަކު ސަލާމަތްވާން ދުއްވައިގަންނަ ތަން ފެނެއެވެ. ނަމަވެސް އޭނާ ވަނީ އެ ބްރިޖުން ވެއްޓޭ ކޮންކްރީޓްގަނޑުގެ ދަށުވެ، ޗިސް ވެފައެވެ.

މިއީ އެ ބްރިޖްގް މަސައްކަތް ހިންގާ ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓޭޖަކުން ނަގާފައިވާ ވީޑިއޯއެއް ކަަމަށް އެ ނޫހުން ބުނެއެވެ.

ޓައިމްއޮފް އިންޑިއާ ނޫހުން ރިޕޯޓް ކުރާ ގޮތުގައި މި ހާދިސާގައި ވެއްޓުނު ބްރިޖްގެ ދަށުގައި ތިން މީހަކު ތާށިވި ކަަމަށް މައުލޫމާތު ލިބެއެވެ. އޭގެތެރއިން އެކަކު ވަނީ މަރުވެފައި ކަމަށް ވެސް އެ ނޫހުން ރިޕޯޓް ކުރެއެވެ.

މި ހާދިސާގައި އެ ސަރަހައްދުގައި ހުރި އުޅަނދުތަކަކަށް ވެސް ވަނީ ގެއްލުން ވެފައެވެ. އެގޮތުން ޓްރެކްޓަރަކާއި ރިކްސާއެއް ވެސް ވަނީ ފުނޑުފުނޑު ވެފައެވެ.

މި ބްރިޖަކީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން މަސައްކަތް ފަށާފައިވާ ބްރިޖެކެވެ. 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް ބުނެފައިވާ މި ބްރިޖުގެ ބައެއް ވެއްޓިފައިވާ އިރު، މި ހާދިސާ ހިންގަން މެދުވެރިވީ ސަބަބު އަދި ސާފެއް ނުވެއެވެ.

މީގެ ކުރިންވެސް އިންޑިއާގައި ބްރިޖު ވެއްޓުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ. މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އިންޑިއާގެ މިޒޯޒަމް ސްޓޭޓްގެ ސައިރާންޖް ގައި ހަދަމުން ދިޔަ ބްރިޖެއް ވެއްޓި 17 މީހަކު ވަނީ މަރުވެފައެވެ

ކުރިއަރަމުން އަންނަ އިންޑިއާގައި ދަތުރުފަތުރުގެ ފަސޭހަތަކަށް ބްރިޖާއި، ހައިވޭތައް ހަދަމުން އަންނަ އިރު، މިފަދަ ގިނަ ހާދިސާތައް ހިނގަމުން ދެއެވެ. އެންމެ ފަހުން މިފަދަ ނުރައްކާތެރި ހާދިސާއެއް ހިނގާފައި ވަނީ ހުސްވި އޮގަސްޓް މަހުއެވެ. އެއީ މިޒޯޒަމް ބްރިޖް ވެއްޓުނު ހާދިސާއެވެ.

އޭގެ ކުރިން މިދިޔަ ޖޫން މަހުގެ ތެރޭގައި ބިހާރުގެ އިރުމަތީ ބިތުގައި ގަންގާ ކޯރު ހުރަސްކޮށް އަޅާފައި އޮތް ބްރިޖެއް ވެސް ވަނީ ވެއްޓިފައެވެ. އެ ބްރިޖް މިއަހަރުގެ ތެރޭގައި ދެފަހަރަށް ވެއްޓިފައި ވެއެވެ.

އަދި މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ވެސް ބްރިޖެއް ވެއްޓިފައި ވެއެވެ. މޯބީ އާއި ގުޖުރާތާ ދެމެދު ހުރަސް ކުރަން އަޅާފައި އޮތް ބްރިޖް ވެއްޓުނު ހާދިސާގައި 135 މީހަކު ވަނީ މަރުވެފައެވެ.