މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 5،087 މީހުން ޝަހީދު ވެފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ 2،055 ކުޑަކުދިންނާއި 1،119 އަންހެނުން ކަމަށް ފަލްސްތީންގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން އާންމު ކުރި މައުލޫމާތުގައި ބުނާ ގޮތުން، މި ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވަނީ 15،273 އަށް އަރާފާއެވެ. އިޒްރޭލުގެ ހަމަލާތަކާއި ތެލުގެ ދަތިކަމުގެ ސަބަބުން 12 ހޮސްޕިޓަލަކާއި 32 ސިއްހީ މަރުކަޒުގެ ހިދުމަތް ވެސް ހުއްޓިފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ހަލާކުވި އިމާރާތްތަކުގެ ގާކުނިތަކުގެ ދަށުގައި އަދިވެސް 830 ކުޑަކުދިންނާއެކު ގާތްގަނޑަކަށް 1500 އެއްހާ މީހުން އެބަތިބި ކަަމަށް ފަލަސްތީންގެ ސިއްހީ އިދާރާއިން ބުނެއެވެ. މިހާތަނަށް 57 މެޑިކަލް ސިފައިން ޝަހީދު ވެފައިވާ އިރު، 100 މެޑިކަލް ސިފައިން ޒަހަމްވެފައިވާ ކަަމަށް ރިޕޯޓް ކުރެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 436 މީހުން ޝަހީދުވެފައިވާ އިރު އޭގެ ތެރޭގައި 182 ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.