41 ކިލޯމީޓަރުގެ ޕަލަސްތީނަށް ބޮން އަޅާ ތަޅާ ސުންނާފަތިކޮށް ރައްޔިތުން ޝަހީދު ކުރަމުން ދާތާ 2 ހަފްތާ ވެގެން ގޮސްފައި ވާއިރު، ދެފަރާތް ސުލްހަ ކުރުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރަންވެސް ތައްޔާރު ކަމަށް ޗައިނާއިން ބުނެފިއެވެ.
މެދުއިރުމައްޗަށް ޗައިނާއިން ކަނޑައަޅާފައި ހުންނަވާ މަންދޫބު ޒައި ޖުން ވިދާޅުވީ، މަޝްވަރާކޮށް ދެފަރާތް ސުލްހަ ކުރުމަށްޓަކައި ނަތީޖާ ނެރެވޭނެ ކޮންމެ ކަމެއް ކުރަންވެސް ޗައިނާ އޮތީ ތައްޔާރަށް ކަމަށެވެ.
ހަމަލާތައް ހުއްޓާލުމަށް ގޮވާލައްވައި އޭނާ ވިދާޅުވީ، ގާޒާގެ ހާލަތު 'ވަރަށް ސީރިއަސް' ކަމަށާއި އެއްގަމު މަގުން ހަމަލަތައް ފެށިއްޖެ ނަމަ ކައިރި އެހެން ސަރަހައްދުތަކަށް ހަނގުރާމަ ފުޅާވެގެން ދިޔުމުގެ ބިރުވެސް އެބައޮތް ކަމަށެވެ.
އެގޮތުން ބައިނަލްއަގުވާމީ ހުރިހާ ފަރާތްތަކާ އެކު މަޝްވަރާ ކޮށްގެންވެސް މައްސަލައަށް އަވަސް ހައްލެއް ގެންނަން ބޭނުންވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިމޭރުމުން އޭނާ ވާހަކަ ދައްކަވާފައިވާ އިރު ހަމަލާތައް ހުއްޓާލުމަށް ގޮވާލައި އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވަނީ އިޒްރޭލުގެ އުދުވާނަކީ "އެއީ ނުރައްކާތެރި ބިރުވެރިކަމެއް" ކަމަށް ސިފަކުރައްވާފައެވެ.
ޖުމްލަ 365 ސްކެއާ ކިލޯޓަރު ހަމަވާ ކުޑަކުޑަ ގާޒާގައި އުޅޭ 2.3 މިލިއަން މީހުން މަރާ ހުސްކުރަން އިޒްރޭލުން ހަމަލާތައް ދޭން ފެށީ އޮކްޓޯބަރު 7، 2023 ގައި ޕަލަސްތީންގެ ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ކުއްލި ހަމަލާގައި 1400 މީހަކު މަރާލައި 200 މީހަކު ރަހީނު ކުރުމުންނެވެ.
މައިގަނޑު 5 ސަރަހައްދަކަށް ފަލަސްތީން ބެހިފައި ވާ އިރު އާބާދީ އޮންނަ ގޮތް؛
- އުތުރު ގާޒާގައި 430،000 މީހުން
- ގާޒާ ސިޓީގައި 731،000 މީހުން
- ދެއިރު އަލް ބަލާގައި 310،000 މީހުން
- ހާން ޔޫނިސްގައި 426،000 މީހުން
- ރަފާގައި 267،000 މީހުން
މައިގަނޑު 5 ބަޔަށް ބެހިފައިވާ ގާޒާގެ އެތެރޭގެ އެކި ސަރަހައްދުތަކުގައި ކުދިކުދި ރެފިއުޖީ ކޭމްޕްތައް ހުރެއެވެ. އެހުރިހާ ތަނެއްވެސް ތޮއްޖެހި ފުރިފައި ވާ އިރު، ހަނގުރާމަ ފެށި އިރު އިޒްރޭލުގެ މައިގަނޑު އަމާޒު އޮތް އުތުރު ގާޒާއާއި ގާޒާ ސިޓީގެ އިތުރުން ދެކުނުން ހާން ޔޫނިސް އާއި ރަފާ އަށް ވެސް މިހާރު ދަނީ ހަމަލާތައް އަމާޒު ކުރަމުންނެވެ.
އޯޕަން އެއާ ޖަލެއްގައި ބަންދުކޮށްފައި ތިބި ބައެއްހެން ގާޒާގެ ރައްޔިތުން ތިބޭތާ 17 އަހަރު ވެގެން ގޮސްފައި ވާ އިރު، ގާޒާ އަކީ، އިޒްރޭލުން ދޭ ހުއްދައެއްގެ ދަށުން ނޫނީ، ކާބޯތަކެއްޗާއި، ބޯފެނާއި، ކަރަންޓާއި، ތެލާއި ބޭސް ވެސް އެތެރެ ނުކުރެވޭ ސަރަހައްދެކެވެ. އިޒްރޭލުން ފަލަސްތީންގެ ބިމަށް ފާވެ، ބިންތައް ހިފަމުން ގޮސް، ގާޒާ ވަކިކޮށް ފެންސްޖަހާ އެކަހެރި ކޮށްލާފައި ވާ އިރު، މި ހަނގުރާމައިގެ އެއް ބޭނުމަކީ އިހުނަށް ވުރެ ބޮޑަށް ދެން އެކަހެރި ކޮށްލުމެވެ.
މިސްރުގެ ވެރިރަށް ގާހިރާގައި ބޭއްވި ބައެއް ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެއް ދުވަހުގެ މަހާސިންތާ އަށް ފަހު ޒާއި ވިދާޅުވީ، ބާރުގެ ބޭނުން ކޮށްގެން މައްސަލައެއް ހައްލު ނުކުރެވޭނެ ކަމަށާއި ހަމަނުޖެހުމަކަށް ހަމަނުޖެހުމަކުން ރައްދު ދިނުމުން އުފެދިގެން ދާނީ ބަދަލު ހިފުމުގެ ނުރައްކާތެރި ބޮޅުތަކެއް 'އެއް ކަމަކަށް ފަހު އަނެއް ކަމެއް' ކަމަށެވެ.
ޗައިނާ އަކީ އިޒްރޭލާވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމަކަށް ވާއިރު ޗައިނާ އަކީ ޕަލަސްތީނުގެ ދައުލަތެއް ގާއިމު ވުމަށް ވެސް ތާއީދު ކުރާ ގައުމެކެވެ.
ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމުގައި ޗައިނާއިން މިހާރުވެސް އދ ގެ އިދާރާތަކާއެކު މަސައްކަތް ކުރަމުން ދާ އިރު އެކަމުގައި ދެމި ތިބޭނެ ކަމަށް ވެސް އެގައުމުން ވަނީ ބުނެފައެވެ.