ށ. މިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އާ ހާބަރުގެ ބޭސިން ފުންކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ މަސައްކަތުގެ ތެރެއިން އެއްގަމުތޮށީގެ ގައު ޖެހުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި، ސައިޓުގައި މިހާރު ކުރިއަށްދަނީ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ސަރުކާރުން 76.44 މިލިއަން ރުފިޔާ، އަށް އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން 17,900 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 72,938 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަރުގެ ބޭސިން ފުންކުރުމާ، 8400 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެެރު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން 583 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 316 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާ، 93 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 25 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާ، 2 ބްރިޖެއް ހެދުމާ، 130 މީޓަރު ދިގު 2 މީޓަރު ފުޅާ ޖެޓީއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުގެ މަސައްކަތުގެ ތެރެއިން އެކްސަސް ޕްލެޓްފޯމެއް ހެދުމާ، 3,863 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާ، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.