އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ހެނދުނު އައިލޯލް އަބޯ އެލްވާން ރަފާހު ބޯޑަރު ހުރަސްކޮށް މިސްރުގެ ވެރިރަށް ގާހިރާއަށް ދަތުރު ކުރަމުން ދިޔައީ ގާޒާގެ ދެކުނުގައި ހުންނަ އޭނާގެ ގެއިން ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދެއްކުމަށް ދިއުމަށެވެ.

ގެއާ ދުރުގައި، ހަމާސް އިން އިޒްރޭލަށް ދިން ހަމަލާގެ ވާހަކަ އަޑުއިވުމުން އުމުރުން 27 އަހަރުގެ ޒުވާނާއަށް ފިނިކަމެއް އިހުސާސް ކުރެވިގެން ދިޔައެވެ.

"މިއީ ގާޒާގައި އަހަރެމެންނަށް ހަނގުރާމައެއް ހިނގައިދާނެ ކަމުގެ ބިރު އޮތް ދުވަސްވަރެއް" މީޑީއާއަށް ދިން އިންޓަވިއުއެއްގައި އަބޯ އެލްވާން ބުންޏެވެ.

"ގާޒާގެ ހަނގުރާމައަކަށް އެއްވެސް ރަހުމެއް ނޯންނާނެ. އިޒްރޭލުން ބޮން ގޮއްވާ ހުރިހާ ތަނެއް ފުނޑުފުނޑުކޮށްލާނެ."

ހަމާސް ޖަމާއަތުން ދިން ހަމަލާގައި އެ ގައުމުގެ 1،400 މީހުން ޝަހީދުވުމާ ގުޅިގެން ބަދަލު ހިފުމުގެ ވައުދު އިޒްރޭލުން ވަނީ ވެފައެވެ.

ގާޒާއަށް ވަރަށް އަވަހަށް ބަދަލުހިފުމުގެ ހަމަލާއެއް އަންނާނެ ކަމަށް ނޫސްތަކުގެ ހެޑްލައިންތަކާއި ޓީވީ ޗެނަލްތަކުން ބުނަން ފެށުމުން، އޭނާ އާއި އޭނާގެ 31 އަހަރުގެ ބޭބެ އެނބުރި ރަފާހު ބޯޑަރު ހުރަސްކުރުމަށް އަވަސްވެގަތީ އާއިލާއާ އެކު އެނބުރި ގެއަށް ދިއުމަށެވެ.

ގާޒާއިން ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު ޓްރާންސިޓް ނުވަތަ ބޭސްފަރުވާއަށް މިޞްރުގައި ތިބި އިރު، އެމީހުން އެނބުރި ގައުމަށް ދާން މަސައްކަތްކުރުމަށް ބޯޑަރާ ދިމާލަށް ދިއުމަށް އަވަސްވެގަތެވެ.

"އަޅުގަނޑުމެންގެ ޕާސްޕޯޓުގައި ސްޓޭމްޕް ޖަހާފައި، ގާޒާއަށް ވަންނަން އުޅެނިކޮށް އިޒްރޭލުން ރަފާހު ބޯޑަރަށް ބޮން އެޅި. އެމީހުން ބޮން އެޅިއިރު ވެސް އަހަރެމެން ތިބީ އެތާ އެތެރޭގައި." ބޮމުގެ ހަމަލާގެ އަޑު އިވުނު ނަމަވެސް ގާޒާއަށް ލިބުނު ގެއްލުންތައް ފެންނަ ހިސާބަށް ނުދެވޭކަމަށް އޭނާ ބުންޏެވެ.

ބޯޑަރު ހުރަސްކުރުމަކީ ނާދިރު ކަމެއް

ފަލަސްތީނުގެ 2.2 މިލިއަން މީހުން ދިރިއުޅޭ ގާޒާގެ ދިގުމިނަކީ އެންމެ 41 ކިލޯމީޓަރު (25 މޭލު) ދިގު ސަރަހައްދެކެވެ. މިސްރުން އިޒްރޭލާ ގުޅިގެން ރަފާހު ބޯޑަރު ހުރަސްކުރާ މީހުންނަށް ދަތިތައް ކުރިމަތިކުރުވައެވެ.

އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން އިޒްރޭލުގެ ވައިގެ ހަމަލާތަކުގެ ސަބަބުން ރަފާހު ބޯޑަރަށް ބާރު ބޮޑުވެ، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އޮކްޓޯބަރު 10 ވީ އަންގާރަ ދުވަހު ވަނީ އެތަން މުޅިން ބަންދުކޮށްފައެވެ.

ގާޒާގެ ދެކުނުން އޮންނަ ރަފާހު ބޯޑަރާއި އިޒްރޭލަށް އެރޭޒްގެ ނަމުން ނަންދީފައިވާ ބެއިޓް ހަނޫން ބޯޑަރަކީ ގާޒާއަށް އާންމުން ވަދެ ނުކުމެވޭނެ ހަމައެކަނި ދޮރެވެ.

ރަފާހު ބޯޑަރަކީ ފަލަސްތީނާއި މިސްރުގެ ބާރުގެ ދަށުގައި އޮންނަ ބޯޑަރެއް ނަމަވެސް، އިޒްރޭލުން ބޯޑަރު ބޭނުންކުރާނެ ގޮތާ މެދު ބާރުތައް ފޯރުވައެވެ. މީގެ ކުރިން ދިން ހަމަލާތަކުގައި ވެސް އިޒްރޭލުގެ އެންގުމަށް އެ ބޯޑަރު ބަންދުކޮށްފައިވެއެވެ.

"މި ބޯޑަރު ހުރަސްކުރުމަކީ ދުވަހަކުވެސް ފަސޭހަ ކަމެއް ނޫން" ގާހިރާގައި ދިރިއުޅޭ ގާޒާގެ ފަލަސްތީނު ރައްޔިތެއް ކަމަށްވާ މުސްތަފާ (އަސްލު ނަމެއް ނޫން) ބުންޏެވެ.

އަދި ގާޒާގެ ރައްޔިތުން މިސްރަށް ވަނުމަށް ހުއްދަ ބޭނުންވާ ކަމަށާއި، އެ ހުއްދަ ހޯދުމަށް މީހަކަށް ފައިސާދީގެން ނޫން ގޮތަކަށް މަސައްކަތް ކުރާނަމަ އެތެރެއަށް ވަނުމަށް ހަތަރު މަސް ދުވަސް ނަގާނެ ކަމަށް އޭނާ ބުންޏެވެ. ހާއްސަކޮށް 18 އަހަރާއި 40 އަހަރާ ދެމެދުގެ ފިރިހެނުންނަށް މިއީ ވަރަށް އުނދަގޫ ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

"މިސްރަށް އާންމުގޮތެއްގައި ބޭނުންވަނީ އަހަރެމެން އެ ގައުމުގައި މިތިބީ އެހެން ގައުމަކަށް ދިއުމަށް ޓްރާންސިޓް ވެގެން ތިބިކަމުގެ ލިޔުމެއް. ރަފާހުން ކައިރޯ އެއާޕޯޓަށް އަހަރެމެން ގެންދަނީ ދެން ޕޮލިސް ބަހެއްގައި. އެނބުރި އަންނަ އިރުވެސް ވަނީ ހަމަ އެހެން. ބަހަކުން ބޭރަކަށް ނުފޭބޭނެ."

މިހާރު އެ އިޖުރާއަތުވެސް ވަނީ ހުއްޓިފައެވެ. މިސްރުގެ ހާރިޖީ ވަޒީރު މިދިޔަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގެ ސަބަބުން ގާޒާގެ މަގުތައް ނުހިންގޭ ކަމަށެވެ.

ހަމައެފަދައިން އުރުދުންގެ އޮފިޝަލުން ވިދާޅުވީ ރަފާހު މެދުވެރިކޮށް ސަޕްލައިއާއި މީހުން ޓްރާންސިޓް ކުރުމުގައި "އިތުރު ވައިގެ ހަމަލާއެއްގެ ނުރައްކަލަކާ ނުލައި" އެކަން ކުރެވޭނެކަން އިޒްރޭލުގެ ފަރާތުން ކަށަވަރު ކުރެވެންދެން މަޑުކުރަން ޖެހޭ ކަމަށެވެ.

"އެމީހުން އަހަރެމެން ފޮނުވާލީ ރޭގަނޑު ދަންވަރު"

މިސްރުގެ އުތުރުގެ އެލްއަރީޝްގައި ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު ތާށިވެފައި އޮތުމުން ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

އިޒްރޭލުން ރަފާހު ބޯޑަރަށް ބޮން އެޅި ފުރަތަމަ ދުވަހުން ފެށިގެން އެނބުރި ގައުމަށް ދިއުމަށް ގާޒާއަށް އެތެރެވާން އުޅުނު ފަލަސްތީނު މީހުން އަނބުރާ ފޮނުވާލީ މިސްރުގެ އެލްއަރީޝް އާއި ޝައިހު ޒުވައިދަށެވެ.

"އެމީހުން އަހަރެމެން ފޮނުވާލީ ރޭގަނޑުގެ ވަގުތެއްގައި. އަމިއްލައަށް ދާން ގޮތެއް ހޯދައިގެން ދިޔުމަށް ދޫކޮށްލީ" އަބޯ އެލްވާން ބުންޏެވެ.

އަދި ވަކި ގޮތެއް އަންގަންދެން ބޯޑަރުން ދުރުގައި ތިބުމަށް އަންގާފައިވާ އިރުޝާދުތަކުގެ ބޭރުން މިސްރުގެ ކަމާބެހޭ ފަރާތްތަކުގެ ފަރާތުން އެއްވެސް މުއާމަލާތެއް އަދި އެވަގުތު ތިބޭނެ ތަނެއް ހޯދުމުގައި އެއްވެސް އެހީތެރިކަމެއް ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

"އެމީހުން އެއްވެސް ވަރަކަށް އެހީއެއް ނުވި." ކިލޯމީޓަރު (28 މޭލު)ގެ ދަތުރެއް މަގުމަތިން ކުރަން އޭނާ އާއި އޭނާގެ ބޭބެއަށް 600 މިސްރު ޕައުންޑް (16 ޑޮލަރު) ދައްކަން މަޖުބޫރުވި ކަމަށް އޭނާ ރުޅިވެރިކަމާ އެކު ބުންޏެވެ.

"މިސްރުގެ ބައެއް އާއިލާތަކުން އަހަރެމެންނަށް އެހީވާން ގެތައް ހުޅުވި ނަމަވެސް އަހަރެމެން ތެރޭގައި ތިބި މީހުން ވަރަށް ގިނަ. އެނބުރި ގާޒާއަށް ދިއުމުގެ އިންތިޒާރުގައި ތިބި އިރު، އަހަރެމެންގެ ތެރެއިން ގިނަ މީހުން ނިދަނީ އެލްއަރީޝްގެ މަގުމަތީގައި. އަހަރެމެންގެ ތެރޭގައި 300 އެއްހާ މީހުން ތިބޭނެ."

އެލް އަރީޝްގައި ތާށިވެފައިވާ ގާޒާއަށް ނިސްބަތްވާ މުހައްމަދު އަބޫ ސާފިޔާ އަކީ ނޫސްވެރިކަމުގެ ކޮންފަރެންސަކަށް ގާހިރާއަށް ދިޔަ މީހެކެވެ. އުމުރުން 29 އަހަރުގެ އަބޫ ސާފިޔާވެސް ރަފާހު އަށް އިޒްރޭލުން ދިން ހަމަލާތަކުގެ ސަބަބުން އެނބުރި ގައުމަށް ދާން އުޅެނިކޮށް ބޯޑަރުގައި ވަނީ ހިފަހައްޓާފައެވެ.

ފަލަސްތީނުން ބުނަނީ ރަފާހު ބޯޑަރު ހުރަސްކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށާއި ނަމަވެސް މިސްރުގައި ތިބެން ދަތިވަނީ އެމީހުންގެ ފައިސާ ހުސްވުމުން ކަމަށެވެ.

"އެހެން ނަމަވެސް އެމީހުން އަހަރެމެންނަށް އެހީވީ އެއް ދުވަސް ނުވަތަ ދެ ދުވަހަށް ވާނެ ކަމަށް. އެކަމަކު މިއަދަކީ ހަތް ވަނަ ދުވަސް. އަހަރެން މިހާރު ވިސްނަނީ ގާހިރާގެ ރައްޓެހިން ގާތަށް އެނބުރި ދާން. ހަދާނެ ގޮތެއް ނޭނގޭ، ކަންކަން ވަރަށް އުނދަގޫވަމުން މިދަނީ."

މިސްރާއި ގާޒާއާ ދެމެދު ދަތުރުކުރާ މީހުންނަށް 5،000 މިސްރު ޕައުންޑް (162 ޑޮލަރު) އަށް ވުރެ ގިނަ އިން ގެންގުޅުމުގެ ހުއްދައެއް ނޯވެއެވެ. މިސްރުގައި ތާށިވުމުގެ ސަބަބުން އެތައް ބައެއްގެ އަތުގައި ހުރި ފައިސާކޮޅު ދަނީ ހުސްވަމުންނެވެ.

"އެނބުރި ގާޒާއަށް ދާން ބަހައްޓާފައި ހުރި ފައިސާ މިހާރު ވަނީ ގާތްގަނޑަކަށް ހުސްވެފައި. އަދި ގާޒާގައި ތިބި އަޅުގަނޑުމެންގެ އާއިލާތަކަށް މިހާރު ޓްރާންސްފާ ނުކުރެވޭ" މުހައްމަދު ބުންޏެވެ.

އަބޯ އެލްވާން ބުނި ގޮތުގައި އޭނާ އާއި އޭނާގެ ބޭބެއަށް ދަރަންޏަށްވެސް ފައިސާ ލިބޭ ގޮތެއް ނުވެއެވެ. އޭނާ ބުނީ މިހާތަނަށް އެއްވެސް ފަރާތަކުން އެހީތެރިކަމެއް ފޯރުކޮށްދީފައި ނުވާ ކަމަށެވެ. "އަހަރެމެން މިތިބީ ވަރުބަލިވެފައި. އެނބުރި ދާން ބޭނުން ވެފައި. ރަފާހު ބޯޑަރު ހުޅުވާކަން އިއުލާނުކުރާނެ އިރަކަށް ކެތް މަދުވެފައި."

އެމެރިކާގެ ހާރިޖީ ވަޒީރު އެންޓަނީ ބްލިންކެން އާދީއްތަ ދުވަހު ގާހިރާއަށް ކުރެއްވި ދަތުރުފުޅަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މިސްރުގެ ސިނާއީ ޕެނިންސިއުލާއާއި ގާޒާއާ ދެމެދު އޮންނަ ރަފާހު ބޯޑަރު އަލުން ހުޅުވާލައި، އެހީ ފޯރުކޮށްދިނުމަށް އިސްރާއީލާއެކު މެކޭނިޒަމްއަކަށް އެއްބަސްވެފައިވާ ކަމަށެވެ. މިދިޔަ ބުރާސްފަތި ދުވަހު އިސްރާއީލުން ވަނީ މިސްރުން އިންސާނީ އެހީއަށް ހުރަސް ނާޅާނެ ކަމަށާއި ނަމަވެސް ގާޒާގައި ހަމާސް ޖަމާއަތުން ހިފަހައްޓާފައިވާ މީހުން ދޫކޮށްލަންދެން އެގައުމުގެ އަމިއްލަ ސަރަހައްދުތަކުން އެހީ ދިނުމަށް ދެކޮޅު ހަދާނެ ކަމަށް ބުނެފައެވެ.

މިސްރުގެ މަސްދަރުތަކުން ރޮއިޓާސްއަށް މައުލޫމާތު ދިން ގޮތުގައި ގާޒާގެ ދެކުނުގައި ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލަން ފެށުމަށް އެއްބަސްވެފައި ވަނީ އެހީ ގެނައުމަށާއި ގާޒާގައި ތިބި ބައެއް ބިދޭސީން އަނބުރާ ގައުމަށް ގެންދިއުމަށް މަގުފަހިކުރުމުގެ ގޮތުންނެވެ. ނަމަވެސް އެކަން ހިނގާފައެއް ނުވެއެވެ.