ފަލަސްތީނުގެ ގާޒާގައި ހާލުގައި ޖައްސާ ގެދޮރު ސުންނާފަތި ކޮށްލާފައިވާ އެތަކެއް މިލިޔަން މުސްލިމުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ކަންކަން ހަރުދަނާ ކުރުމަށް މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް-ސީސީ ގޮވާލައްވައި ބޭއްވި ސަމިޓުން މާ އެދެވޭ ނަތީޖާއެއް ނުނެރެވި ނިންމާލައިފިއވެ.
މިސްރުން އިސްނަގައިގެން “ގާހިރާ ސުލްހައިގެ ސަމިޓު" ގެ ނަމުގައި ފަލަސްތީނު މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް އިއްޔެ ބޭއްވި މި ސަމިޓުގައި ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތަކުގެ ލީޑަރުންނާއި އިސް ވެރިނަ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މިސްރުގެ ވެރިރަށް ގާހިރާގައި ބޭއްވި އެއް ދުވަހުގެ މި ސަމިޓުގައި ސީސީ ވިދާޅުވީ ގާޒާގައި ދިރިއުޅޭ 2.2 މިލިޔަން މުސްލިމުންނަށް އިޒްރޭލުން ކުރިމަތި ކޮށްފައިވާ އިންސާނީ މުސީބާތުން ސަލާމަތްކުރުމަށް ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. ފަލަސްތީނާ އިޒްރޭލާ ދެމެދުގައި ސުލްހަ ގާއިމު ކުރުމަށް މަސައްކަތް ކުރަން ޖެހޭކަން ފާހަގަ ކުރައްވަމުން ސީސީ ވިދާޅުވީ އިޒްރޭލުން ހަނގުރާމައިގެ ހުރިހާ އުސޫލުތަކެއް ފުނޑުފުނޑު ކޮށްލާފައި ވާކަމަށެވެ.
މި ސަމިޓުގައި އުރުދުންގެ ރަސްގެފާނު އަބްދުﷲ ދެވަނަ ވިދާޅުވީ ބައިނަލްއަގްވާމީ މުޖްތަމައުން ދެކޭ ގޮތުގައި ފަލަސްތީނުގެ ރައްޔިތުންގެ އަހަމިއްޔަތުކަން އިޒްރޭލަށް ވުރެ ކުޑައެވެ. "އަހަރެމެންގެ ދިރިއުޅުން އެމީހުންނަށް އެއްވެސް އެއްޗަކަށް ނުވޭ. ބައިނަލްއަގްވާމީ ގާނޫނުތަކުގައި އިންސާނީ ހައްގުތަކުގެ ވަރަށް ބޮޑު 'ބައުންޑްރީސް' ތަކެއް އެބަހުރި." ރަސްގެފާނު އަބްދުﷲ ވިދާޅުވިއެވެ.
ފަލަސްތީނުގައި ސުލްހަމަސްލަސްކަން ގާއިމު ކުރުމަށް ބޭއްވި މި ސަމިޓުގައި އަރަބި ގައުމުތަކުގެ ވެރިން ފަލަސްތީނުގެ ދިފާއުގައި ވަރަށް ބޮޑަށް ވާހަކަ ދައްކާފައި ވާއިރު ޖަރުމަނުގެ ހާރިޖީ ވަޒީރު އަނަލޭނާ ބައަބޮކް ވަނީ އިޒްރޭލުގެ ދިފާއުގައި ވާހަކަ ދައްކަވާފައެވެ. މި ގޮތުން އޭނާ ވިދާޅުވީ އިޒްރޭލުގެ ރައްޔިތުންނާ ދެކޮޅަށް ދެމުން ދާ ޓެރަރިސްޓް ހަމަލާތަކުން ރައްކާތެރިވުމުގެ އިހްތިޔާރު އެމީހުނަށްވެސް ލިބިގެން ވާކަމަށެވެ.
އިއްޔެ ބޭއްވި ޕީސް ސަމިޓުގައި ފަލަސްތީނުގެ މައްސަލައަށް އެއްވެސް ހައްލެއް ހޯދިފައި ނުވާއިރު މި ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ގައުމުތަކުންވެސް ވަނީ ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށްދޭން އެއްބަސް ވެފައެވެ.
ތިޔައީ އެމެރިކާ ޕަޕެޓުންގެ ހޮޅި ބައްދަލުވުން ތިޔައަކުން ފަލަސްތީނަށް ވާނެ ފައިދާއެއް ނޯންނާނެ