ޔަހޫދީން އިޒްރޭލުންގެ ހުއްދަ ލިބުމާއެކު މިސްރާއި ފަލަސްތީނު ގުޅޭ ރަފާ ބޯޑަރު ހުޅުވާ، ގާޒާއަށް އެހީގެ ޓްރަކްތައް ވައްދަން ފަށައިފިއެވެ.

ގާޒާއަށް އެއްވެސް އެއްޗެއް އެތެރެކުރުމުގެ ހުއްދަ އޮންނަނީ އިޒްރޭލްގެ ޔަހޫދީންގެ އަތްމަތީގައި ކަމަށް ވާއިރު ރަފާ ބޯޑަރު ހުޅުވުމަށް މީގެ ކުރިން އިޒްރޭލުން ވަނީ ދެކޮޅު ހަދާފައެވެ. އަދި އިންސާނީ ނަސްލެއް ނެތިކޮށްލުމުގެ ރޫހެއްގައި ޔަހޫދީ އިޒްރޭލުން ތިބި އިރު، އިޒްރޭލު އެއްބަސް ކުރުވޭތޯ ބެއްލެވުމަށް އދ ގެ ސެކްރެޓަރި ޖެނެޖެރަލް އެންޓޯނިއޯ ގްޓަރޭސް ވެސް މިސްރުގެ ބޯޑަރަށް އިއްޔެ ވަޑައިގަތެއެވެ.

އެއާއެކު މިއަދު އެ ޓްރަކްތަށް ވެއްދުމުގެ ހުއްދަ ޔަހޫދީން ދީފައިވާއިރު ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް އިން ބުނީ މިވަގުތަށް ގާޒާއަށް ވެއްދުމުގެ މަސައްކަތް ކުރަމުންދަނީ 20 ޓްރަކްގެ ތަކެތި ކަމަށެވެ.

އޭގެ ތެރޭގައި ބޭހާއި މެޑިކަލް ސަޕްލައިގެ އިތުރުން ކާބޯތަކެތި ހިމެނެއެވެ. 20 ޓްރަކަކީ ފުދޭ މިންވަރަކަށް ނުވި ނަމަވެސް އދ ގެ އިދާރާތަކުން އުއްމީދު ކުރަނީ ކުރިއަށް އޮތް ތަނުގައި އެހީގެ ޓްރަކްތައް އިތުރު ކުރެވިގެން ދާނެ ކަމަށެވެ.

އޮކްޓޯބަރު 7 ގެ ހަމަލާއަށް ފަހު އިޒްރޭލުން ވަނީ ގާޒާއަށް ފޯރުކޮށް ދޭ ފެނައި، ކަރަންޓާއި، ތެލާއި، ކާބޯތަކެއްޗާއި ބޭސް ކަނޑާލާފައެވެ. މިއަދަށް 2 ހަފްތާ ވެގެން ދާއިރު ހުއްޓުމެއް ނެތި ބޮން އަޅާ ދެމުން ގެންދާ ހަމަލާތަކުގައި 4،137 މީހަކު މިހާރު ވަނީ ޝަހީދުވެފައެވެ. ޒަހަމްވި މީހުންގެ އަދަދު ވަނީ 14،000 އިން މައްޗަށް އަރާފައެވެ. ހަނގުރާމަ އަށް 2 ހަފްތާ ވީ އިރު، ހުރިހާ ހިދުމަތެއް ކަނޑާލާފައި ހުރުމުގެ ސަބަބުން މިހާރު ގާޒާގެ ރައްޔިތުން ތިބީ އިންސާނީ ކާރިސާއެއްގައެވެ.

އދ ގެ އިންސާނީ އެހީއާ ގުޅޭ އިދާރާގެ 13،000 މުވައްޒަފުން ގާޒާގެ ތެރޭގައި ހަރަކާތްތެރި ވަމުން ދާ އިރު މިއަދަށް އަލިވިލިގެން އައި އިރު ދިން ހަމަލާތަކުގައި އެ އިދާރާގެ 2 މުވައްޒަފަކުވެސް ވަނީ އިޒްރޭލުން މަރާލާފައެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 4000 ފަހަނައަޅާ ގޮސްފައެވެ.