އިޒްރޭލުގެ ހައްދުފަހަނަޅާފައިވާ ޔަހޫދީން، މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ގާޒާއަށް ދެމުން ދާ ހަމަލާގައި 4000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ ގިނަ ބަޔަކު ހާލުގައި ޖެހިފައި ވާއިރު 14،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ގިނަ ބަޔަކު ޒަހަމްވެ ގެދޮރު ގެއްލިފައިވާ މި ދަނޑިވަޅުގައި އެ ގައުމަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ވެސް ވަނީ ގިނަ ދަތިތަކެއް ކުރިމަތިވެފައެވެ. މެދުއިރުމަތީގެ މަޝްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި މިސްރުން އިސްނަގައިގެން “ގާހިރާ ސުލްހައިގެ ސަމިޓު" ގެ ނަމުގައި ފަލަސްތީނު މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މިސްރުގެ ވެރިރަށް ގާހިރާގައި މިއަދު ބޭއްވުމަށް ނިންމާފައިވާ މި ސަމިޓުގައި އަރަބި އަދި ޔޫރަޕުގެ ބައެއް ގައުމުތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އެ ގޮތުން މި ސަމިޓުގައި މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް-ސީސީ، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ އިތުރުން އުރުދުންގެ ރަސްގެފާނު ކިންގް އަބްދުﷲ ދެވަނަ، ގަތަރުގެ އަމީރް ޝެއިހް ތަމީމް ބިން ހަމަދް އަލް-ސާނީ އަދި ކުވޭތުގެ ވަލީއަހްދު ޝައިހް މިޝާލް އަލް-އަހްމަދު އަލް-ސަބާހް ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި ސަމިޓުގައި އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ، ސްޕޭނުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް، ގްރީކްގެ ބޮޑުވަޒީރު ކީރިއާކޯސް މިސޮޓާކިސް، ސައިޕްރިއަޓްގެ ރައީސް ނިކޯސް ކްރިސްޓޯޑޮލައިޑްސް، ދެކުނު އެފްރިކާގެ ރައީސް ސައިރިލް ރަމަފޯސާ، ޖަރުމަނުގެ ހާރިޖީ ވަޒީރު އަނަލޭނާ ބައަބޮކް ފްރާންސްގެ ހާރިޖީ ވަޒީރު ކެތެރީން ކޮލޯނާގެ އިތުރުން ޖަޕާނުގެ ހާރިޖީ ވަޒީރު ޔޮކޯ ކަމިކަވާ ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ފަލަސްތީނުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މިއަދު ބާއްވާ ސަމިޓުގައި އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގްޓަރޭޒް އާއި ޔޫރަޕިއަން ކައުންސިލްގެ ރައީސް ޗާލްސް މިޝެލް އާއި ޔޫރަޕިއަން ޔޫނިއަންގެ ފޮރިން ޕޮލިސީ ޗީފް ޖޯސެފް ބޮރެލް، ނޯވޭގެ ފޮރިން މިނިސްޓަރު އެސްޕެން ބާތު އެއިޑެ ގެ އިތުރުން އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޮ ފޮރިން އެފެއާޒް ޖޭމްސް ކްލެވަލީ ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މިއަދު ބާއްވާ މި ސަމިޓުގައި ދުނިޔޭގެ ބައެއް ގައުމުތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާއިރު، މި ސަމިޓަށް ފަހުވެސް ފަލަސްތީނުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބިދާނެތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. ހައްދުފަހަނަޅާފައިވާ އިޒްރޭލުގެ ސިފައިންނަށް 'ކާމިޔާބު' ނުލިބެނީސް ހަމަލާތައް ނުހުއްޓާނެ ކަމަށް ބުނަމުން އަންނައިރު މި ސަމިޓުގައި ދައްކާ ވާހަކައަކީ އެއްވެސް ކޮޅެއްގައި ނުޖެހި ނިމިގެން ދާނެ ވާހަކަތަކެއް ކަމުގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.