ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށް ނައްތާލަން އެމެރިކާއިން އިޒްރޭލަށް ހަތިޔާރާއި އިތުރު މަދަދު ދޭ މައްސަލާގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އިސް އޮފިޝަލަކު އިސްތިއުފާ ދެއްވައިފިއެވެ.
އެމެރިކާގެ ބައިވެރިންނަށް ހަތިޔާރު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވާތަ 11 އަހަރު ވީ އޮފިޝަލް, ސްޓޭޓް ޑިޕާޓްމަންޓުގެ ޕޮލިޓިކަލް އަދި މިލިޓަރީ އެފެއާޒުގެ ޑިރެކްޓަރު ޖޯޝް ޕައުލް އިސްތިއުފާ ދެއްވާ ވިދާޅުވީ, އެމެރިކާއިން އިޒްރޭލަށް އިތުރު ހަތިޔާރާއި މަދަދު ދިނުމަކީ ފަލަސްތީނާއި އިޒްރޭލަށް ވެސް އިތުރު ގެއްލުންތައް ކުރިމަތިވާނެ ކަމެއް ކަމަށެވެ. އަދި އެމެރިކާއިން އެ ހަދަނީ މިސްޓޭކެއް ކަމަށާއި މި ފާއިތުވީ 10-12 އަހަރުވެސް އެމެރިކާއިން ހެދި މިސްޓޭކް އަލުން ތަކުރާރު ކުރަނީ ކަމަށެވެ.
އިސްތިއުފާ ދެއްވަމުން އޭނާ ވިދާޅުވީ, އެމެރިކާގެ މަދަދާއެކު އިތުރު ނުރައްކަލަކަށް އިޒްރޭލާއި ފަލަސްތީން ހުށަހެޅިގެން ދާ ޓީމެއްގައި އޭނާ ހުންނަވަން ބޭނުން ނުވާ ކަމަށެވެ.
އެމެރިކާއިން އިޒްރޭލަށް ފޯރުކޮށްދޭން ނިންމާފައިވާ ހަތިޔާރުގެ ތެރޭގައި ނުރައްކާތެރި ހަތިޔާރުވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
އަދި ދުޝްމަނުން ނައްތާލުމުގެ ނަމުގައި ނުވަތަ ބޭނުމުގައި އެފަދަ ހަތިޔާރު ދީގެން އެމެރިކާގެ މަސްލަހަތު ވެސް ހިމާޔަތް ނުކުރެވޭނެ ކަމަށާއި އޭގެ ބަދަލުގައި އުފެދިގެން ދާނީ އިތުރު ދުޝްމަނުން ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
އޮކްޓޯބަރު 7, 2023 ގައި ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ކުއްލި ހަމަލާގެ ބަދަލު ހިފުމަށް އިޒްރޭލުން ރެއާއި ދުވާލު ގާޒާގެ އެކި ސަރަހައްދުތަކަށް ބޮން އަޅަމުން ދާ އިރު ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 3,500 އަށް އަރާފައެވެ. ހަމާސްގެ ހަމަލާގއި އިޒްރޭލުން 1,400 މީހަކު މަރުވިއެވެ.