އިޒްރޭލުގެ ރައްޔިތުން ރާއްޖެއަށް ދަތުރު ނުކުރުމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން އިލްތިމާސް ކޮށްފައެވެ.
އިޒްރޭލުގެ ގައުމީ ނޫސް، އަރުޓްސް ޝެވާގައި ބުނެފައި ވާ ގޮތުގައި މިހެން އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނެ ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނާ ގޮތުގައި، އިޒްރޭލާ ދެކޮޅަށް ރާއްޖޭގެ މާހައުލު ދަނީ ވަރުގަދަވަމުން ކަމަށާއި އެހެންކަމުން އިޒްރޭލުގެ ރައްޔިތުން މި ދަނޑިވަޅުގައި ރާއްޖެއަށް ދަތުރު ނުކުރުމަށް އިލްތިމާސް ކުރާ ކަަމަށެވެ.
އެ ގައުމުގެ ފޮރިން މިނިސްޓްރީން މިހެން ބުނެފައިވާ އިރު، ރާއްޖޭގައި އަންނަނީ އިޒްރޭލުން ޕަލަސްތީނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް ފަލަސްތީނަށް އެހީވުމަށް އެކި ހަރަކާތްތައް ހިންގަމުންނެވެ. އެފަދަ އެއް ކެމްޕެއިން (ތެލަތޯން) އިން ލިބުނު ގިނަ އަދަދެއްގެ ފައިސާއިން ޕަލަސްތީނަށް އެހީތެރިކަން އަންނަނީ ފޯރުކޮށް ދެމުންނެވެ.
ރާއްޖެއިން ފަލަސްތީނަށް ވަމުންދާ އެހީ ފެނި ރާއްޖެއަށް ޒިޔާރަތްކުރި އިޒްރޭލުގެ ރައްޔިތެއް ވަނީ ނުރުހުން ފާޅުކޮށް ރާއްޖެއަކީ ހަމާސް ފަދަ ހައްދުފަނައަޅާފައިވާ ޖަމާއަތްތަކަށް ފަންޑުކުރާ ތަނެއް ކަމަށް ބުނެފައެވެ. އޭނާ މިހެން ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓްތައް ކޮށްފައިވާ އިރު އެތައް ދިވެހިންނެއް ވަނީ އޭނާއަށް ރައްދު ދީ ދިވެހިންނަކީ އަބަދުވެސް ޕަލަސްތީނާ އެކުގައި ތިބި ބައެއް ކަމަށް ބުނެފައެވެ.
ރާއްޖެއަށް ދަތުރު ނުކުރުމަށް އިޒްރޭލުން ބުނެފައިވާ އިރު ދާދި ފަހުން އިޒްރޭލުން ވަނީ ތުރުކީގައި ތިބި އެ ގައުމުގެ ރައްޔިތުން އަނބުރާ ގައުމަށް އައުމަށް ވެސް ގޮވާލާފަައެވެ.
އިޒްރޭލުން ގާޒާގެ ހޮސްޕިޓަލަކަށް މިދިޔަ އަންގާރަ ދުވަހު ދިން ހަމަލާއާ ގުޅިގެން ހަމާސްގެ ގޮވާލުމަށް ގިނަ މުސްލިމް ގައުމުތަކުން އަންނަނީ އިޒްރޭލާ ދެކޮޅަށް އަޑުއުފުލަމުންނެވެ. މުޒާހަރާތަކާއި އެއްވުންތައްް އެކި ގައުމުތަކުގައި ހިންގަމުން އަންނަ އިރު 13 ގައުމަކުން މިހާރު ވަނީ އިޒްރޭލް ރައްޔިތުންނަށް ގައުމަށް އެތެރެ ނުވެވޭ ގޮތް ހަދާފައެވެ. އަދި ރާއްޖެއިން ވެސް އިޒްރޭލު މީހުންނަށް ނާދެވޭ ގޮތް ހެދުމަށް ވަނީ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅާފައެވެ.