އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ އުދުވާނީ ހަމަލަތަކުގައި ހަމާސްގެ ސެކިއުރިޓީ ފޯސަސްގެ ވެރިޔާ މޭޖާ ޖެނެރަލް ޖިހާދް މުހައިސިން އާއި އޭނާގެ އާއިލާ ޝަހީދު ކޮށްލައިފިއެވެ.
ހަމާށްގެ ހަބަރުތައް ގެނެސްދޭ ޗެނަލްތަކުން ބުނީ، ގާޒާއަށް ރޭ ދިން ވަރުގަދަ ހަމަލާތަކުގައި ޝަހީދު ވި މީހުންގެ ތެރޭގައި މުހައިސިން އާއި އޭނާގެ އާއިލާ ހިމެނޭ ކަމަށާއި އޭގެ އިތުރުން ގޮތް ނިންމާ [ޑިސިޝަން މޭކިން ބޮޑީ] ހަމާސްގެ ޕޮލިޓްބިއުރޯގައި ހިމެނޭ ހަމައެކަނި އަންހެން މެންބަރުވެސް ޝަހީދު ކޮށްލާފައި ވާ ކަމަށެވެ.
މީގެ އިތުރުން ހަމާސްގެ ކުރީގެ ލީޑަރު އަދި ފައުންޑަރު އަބްދުލް އަޒިރު އަލް ރަންތީސީގެ ހުވަފަތް އަނބިކަނބަލުން އުމުރުން 68 އަހަރުގެ ޖަމީލާ އަލް ޝާންތީ ވެސް ރޭގެ ހަމަލާގައި ޝަހީދުވި ކަމަށް ހަމާސް އިން ބުނެއެވެ. ރަންތީސީ ޝަހީދު ކޮށްލާފައި ވަނީ 2004 ގެ އޭޕްރީލްގައެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު މިހާރު 3،785 އަށް އަރާފައި ވާ އިރު އޭގެރެތެއިން ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ.
ޒަހަމްވި މީހުންގެ އަދަދު 14،000 އަށް އަރާ އިރު ކޮންމެ 10 މީހަކުން އެކަކީވެސް ކުޑަކުއްޖެކެވެ.
ތެޔޮ ހުސްވެ ޖަނެރެޓަރުތައް ނިމިގެން މިހާތަނަށް 14 މެޑިކަލް ފެސިލިޓީއެއް ހުއްޓިފައި ވާ އިރު ގާޒާގެ އެތަން މިތަނުގައި ހުރި ހުރިހާ މެޑިކަލް ފެސިލިޓީއެއް ވަނީ ޒަހަމްވި މީހުންނާއި އެކިއެކި ބަލިތަކަށް ފަރުވާ ހޯދަމުން ދާ މީހުންނާއި އިޒްރޭލުގެ ހަމަލާތަކުން މިންޖުވާން ހިޔާވަހިކަން ހޯދަން ވަދެ ތިބި މީހުންނައިގެން ފުރި ބާރުވެފައެވެ.
އިޒްރޭލުން ހަމަލާ ދެމުން ދަނީ ހަމައެކަނި ގާޒާގައި ފިލާ ތިބި ހަމާސްގެ ހަނގުރާމަ ވެރިންނަށް އެކަނި ނޫން ކަމަށް ވާ އިރު ރަފާއަށް ދިން ހަމަލާއެއްގައި 30 މީހަކު ޝަހީދުވެ 21 މީހަކު ރޭ ވަނީ ޒަހަމްވެފައެވެ. މީގެ އިތުރުން ހުޅަނގު އައްސޭރީގެ އެކި މަގާމުތަކަށް ވެސް ހަމަލާ ދެމުން ގެންދެއެވެ. ގާޒާއާ އަޅާ ބަލާ އިރު އެތަންތަނަށް އަމާޒު ކުރާ ހަމަލާގެ އަދަދު މަދު ނަމަވެސް ޒަހަމްވާ މީހުންނާއި ހަލާކުވަމުން ދާ އިމާރާތްތައް ދަނީ ފެންނަމުންނެވެ.
އިޒްރޭލުގެ އުދުވާނު ހުއްޓާލުމަށް ގޮވާލައި ދުނިޔޭގެ އެތަން މިތާނގައި ބޮޑެތި މުޒާހަރާތަކާއި އެއްވުންތައް ބާއްވަމުން އަންނަ އިރު ތުރުކީގައި އޮތް އެއްވުމެއްގައި އާންމުން ވަނީ، އެގައުމުގައި ހުންނަ އިޒްރޭލު އެމްބަސީގައި ރޯވެސް ކޮށްލާފައެވެ. އީރާގުގައި އެއްވި މީހުން ވަނީ އެގައުމުގައި އޮންނަ އެމެރިކާގެ ބޭސް އަށް ވަދެގަތުމަށް މަސައްކަތް ކޮށްފައެވެ.
އަނެއް ކޮޅުން އެމެރިކާގެ ކޮންގްރެސްގެ އިމާރާރުގެ ދޮރުމަތީގައި ފަލަސްތީނަށް ތާއީދު ކުރާ ޔަހޫދީންގެ 300 އެއްހާ މީހުން އަޑުއުފުލާ ވަނީ އިހުތިޖާޖު ކޮށް ވަނީ ގާނޫނު ހަދާ މަޖިލީސް ހުންނަ ކޮމްޕައުންޑްގެ އެއް ބްލޮކަށް ވަދެގެންފައެވެ. މީގެ އިތުރުން ކޮންގްރެސްމަނަކު [ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު] ވަނީ މަޖިލީހުގެ ތަޅުމުގައި ވެސް އަޑުއުފުލާފައެވެ. މިހާދިސާގައި މަޖިލީސް ކުރާ ގެ ކައިރިއަށް އެއްވި އެންމެން އެމެރިކާ ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.
ގާޒާގައި މިހާރު ދެމުން ގެންދާ ހަމަލާތަކުގައި ބޮޑެތި ގެއްލުންތައް ވަމުން ދާ އިރު، ގާޒާއާއި ފަލަސްތީނަށް ހަމަޖެހުން އޮތް ގޮތަކީ، ގާޒާގެ ކޮންޓްރޯލް ފަލަސްތީނުގައި ވެރިކަން ކުރާ ޕަލެސްޓައިން އޮތޯރިޓީ (ޕީއޭ) އާ ހަވާލު ކުރުން ކަމަށް އިޒްރޭލުގެ އިދިކޮޅު ލީޑަރު ޔައިރް ލަޕިޑް ބުނެފިއެވެ. އިޒްރޭލުގެ މި އުދުވާނާ ގުޅިގެން ބޮޑުވަޒީރު ނަތަންޔާހޫއާއެކު ކޯލިޝަން ހަދާ ހަނގުރާމަ އަށް ހާއްސަ ޖޮއިންޓް ކެބިނެޓެއް އެކުލަވާލި އިރު ހިމެނޭ ލަޕިޑް މި މޭރުމުން ވާހަކަ ދައްކާފައި މިވަނީ، ގާޒާ އަކީ ހަމާސްގެ ކޮންޓްރޯލްގައި އޮންނަ ތަނަކަށް ވެފައި ހަމާސް އިން ކުރަމުން ދާ ހަނގުރާމައަށް ޕީއޭ އިން އެއްބާރުލުން ނުދިނުމުގެ އިތުރުން ޕީއޭ އާއެކު އިޒްރޭލަށް ގުޅުން ބޭއްވިދާނެ ކަމަށް ދެކިގެންނެވެ.
އޭނާ ބުނީ 2007 ގެ ކުރިން ގާޒާ އަކި ޕީއޭގެ ކޮންޓްރޯލްގައި އޮތް ތަނެއް ކަމަށާއި އެތާނގައި މިހާރުވެސް ޕީއޭގެ ބައެއް އޮފީސް ތަކާއި ހިދުމަތްތައް ރިމޯޓު ކޮށް ދޭ ކަމަށާއި ޕީއޭ އަށް ނިސްބަތްވާ 20،000 އެއްހާ މީހުން މިހާރުވެސް ތިބިކަމަށެވެ.
ރާމައްލޯ އަށް ނިސްބަތްވާ ޕީއޭ އަކީ އޮސްލޯ އެކޯޑްގެ ދަށުން މިނިވަން ޕަލެސްޓައިން ސްޓޭޓެއް ހިންގުމަށް އެކުލަވާލި ޖަމާއަތެކެވެ. އެ ޖަމާއަތުގެ ބެލުމުގައި ދަށުގައި އޭރު އިރުމަތީ ޖަރޫސަލަމާއި ހުޅަނގު އައްސޭރިއާއި ގާޒާ އޮތް ނަމަވެސް މިހާރު އެ ޖަމާއަތުގެ ކޮންޓްރޯލްގައި އޮތީ ރާމައްލޯ އާއި ހުޅަނގު އައްސޭރީގެ ބައެކެވެ. އަނެއްބައިގެ ކޮންޓްރޯލް އިޒްރޭލަށް އޮތް އިރު އިރުމަތީ ޖަރޫސަލަމް ވެސް ވަނީ އިޒްރޭލުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.