ހަނގުރާމަ ފެށުނު ފަހުން ކުރިމަތިވި އެންމެ ނުރައްކާތެރި ހިތާމަވެރި ހާދިސާގައި އަންގާރަ ދުވަހު އަލްއަހްލީ އަރަބި ހޮސްޕިޓަލުގައި އެތައް ސަތޭކަ ޕޭޝަންޓުންނާއި ހިޔާވަހިކަން ހޯދަމުން ދިޔަ އާންމުން ޝަހީދު ވެފައި ވާއިރު، ގާޒާގެ ހަމައެކަނި ކެންސަރު ހޮސްޕިޓަލުގައި ޑރ ސުބީ ސުކޭކް އަށް ފެންނަމުން ދިޔައީ އޭނާގެ ޕޭޝަންޓުންގެ ގައިގައި އަޅަމުން ދިޔަ ވޭން އިތުރުވަމުން ދިޔަ މަންޒަރެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަނގުރާމަ ފެށިތާ ދެ ދުވަސް ފަހުން އިޒްރޭލުން ވަނީ ގާޒާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާ، ތެލާއި ފެނާއި އެހެނިހެން ސާމާނު އެ ސަރަހައްދަށް ވެއްދުން މަނާކޮށްފައެވެ.

ތުރުކީ-ފަލަސްތީން ފްރެންޑްޝިޕް ހޮސްޕިޓަލްގެ ޑިރެކްޓަރު ޑރ ސުކޭކް ވިދާޅުވީ އެ ހޮސްޕިޓަލުގެ ޒަރޫރީ ހިދުމަތްތައް ދެމެހެއްޓުމަށް ބޭނުންވާ ތެލާއި ކީމޯތެރަޕީގެ ފަރުވާއަށް ބޭނުންވާ ބޭސްތައް ވެސް ކަންބޮޑުވާ ވަރަށް މަދުވަމުން އަންނަ ކަމަށެވެ.

"ޒަރޫރީ ހިދުމަތްތައް ދެވޭތޯ މަސައްކަތް ކުރަމުން މިދަނީ" މޮނިޓަރިން އާއި ބަލި ދެނެގަތުމަށް ބޭނުންކުރާ ރޭޑިއޮލޮޖީ ފަދަ ބައެއް ހިދުމަތްތައް މިހާރު ވެސް ހުއްޓާލާފައިވާ ކަމަށް ޑރ ސުކޭކް ވިދާޅުވިއެވެ.

ގާޒާއަށް ކަރަންޓުގެ އެއްބައި ލިބެނީ އިޒްރޭލުގެ ކަރަންޓް ލައިންތަކުން ކަމަށް ވާއިރު އެ ކަރަންޓުގެ ސަޕްލައި ވެސް ވަނީ ކަނޑާލާފައެވެ. ބާކީ ބައި އުފައްދަނީ އިޒްރޭލުން އެތެރެކުރާ ތެލަށް ބަރޯސާވާ އިންޖީނު ގެއަކުންނެވެ. އެ ޕްލާންޓް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ބަންދުކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްގެ މުޖާހިދުން އިޒްރޭލުގެ ދެކުނުގައި ދިން ހަމަލާތަކުގައި މަދުވެގެން 1،400 މީހުން މަރުވުމާ ގުޅިގެން އިޒްރޭލުން ހަމަލާތައް ވަރުގަދަކުރި ދަނޑިވަޅެއްގައެވެ. އޭގެ ފަހުން އިޒްރޭލުން ފުލުފުލުން ދިން ބޮމުގެ ހަމަލާތަކުގައި، ގާޒާގައި 3،300 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ފައެވެ.

ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން މިއަހަރުގެ ކުރީކޮޅު ބުނެފައިވަނީ މި ސަރަހައްދުގައި ކެންސަރު ބަލި މީހުންގެ ގޮތުގައި 9،000 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށެވެ.

ތުރުކީ-ފަލަސްތީނު ފްރެންޑްޝިޕް ހޮސްޕިޓަލް ހިންގަމުން ދަނީ އެންމެ ޖަނަރޭޓަރަކުންނެވެ. އެކަމުގެ ސަބަބުން އެ ހޮސްޕިޓަލުން ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް ވެސް ބަންދުކުރަން މަޖުބޫރުވެ، އޭގެ ސަބަބުން ކެންސަރާ ދެކޮޅަށް ވަގުތުން އަދި ގަވާއިދުން ފަރުވާ ހޯދަން ޖެހޭ އެތައް ސަތޭކަ ޕޭޝަންޓުންގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އެބަ އޮތެވެ.

"އިންޓެންސިވް ކެއާ ޔުނިޓް ހިންގަން ވަރަށް ބޮޑަށް ކަރަންޓް ބޭނުންވޭ" ޑރ ސުކޭކް ވިދާޅުވިއެވެ.

"ބައެއް ޕޭޝަންޓުންގެ ކީމޯތެރަޕީ ލަސްކުރަން ވަނީ ޖެހިފައި. އެކަމަކު ޓިއުމަރު އެމީހުންގެ ހަށިގަނޑާއި ގުނަވަންތަކަށް ފެތުރުނަ ނުދިނުމަށް މި ފަރުވާ ކޮންމެހެންވެސް ދޭން އެބަ ޖެހޭ."

ކޮންމެ މަހަކު ވެސް ގާޒާއިން 2،000 މީހުން އެ ސަރަހައްދުން ބޭރުގައި ހުންނަ ހޮސްޕިޓަލްތަކަށް ފަރުވާ ހޯދުމަށް ފަލަސްތީނުގެ ސިއްހީ އިދާރާތަކުން ފޮނުވައެވެ. 2007 ވަނަ އަހަރުން ފެށިގެން އިޒްރޭލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ގާޒާގެ ރައްޔިތުންނަށް ފަލަސްތީނުން ފޭބުމަށް ބޭނުންވާ މެޑިކަލް ޕާމިޓް ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައި ވާއިރު، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދޭން ފެށި ހަމަލާތަކުގެ ސަބަބުން މިކަން މިހާރު ވަނީ މުޅިން ހުއްޓިފައެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން އާ ދެމެދު ބުދަ ދުވަހު ބޭއްވި ބައްދަލުވުމަށް ފަހު އިޒްރޭލުން ވަނީ މިސްރާ އެކު އޮންނަ ރަފާ ކްރޮސިން މެދުވެރިކޮށް ގާޒާއަށް ކާބޯތަކެއްޗާއި ފެނާއި ބޭސް ވެއްދުމުގެ ހުއްދަ ދޭނެ ކަމަށް ބުނެފައެވެ. މި ބައްދަލުވުމުގައި ބައިޑަން ވަނީ އިޒްރޭލަށް އެމެރިކާއިން ތާއީދު ކުރާކަން ތަކުރާރު ކުރައްވާފައެވެ.

ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ބައިޑަންގެ ޑިމާންޑަށް ރިއާޔަތްކޮށް، އިޒްރޭލުން މިސްރުން ފޯރުކޮށްދޭ އިންސާނީ ސަޕްލައިއަށް ހުރަސް ނާޅާނެ ކަމަށާއި އެއީ ހަމައެކަނި ގާޒާގެ ދެކުނުގައި އޮންނަ މަދަނީ އާބާދީއަށް ބޭނުންވާ ކާބޯތަކެއްޗާއި ފެނާއި ބޭސް ކަމަށެވެ.

ގާޒާގެ ހަލާކުވެފައިވާ ހޮސްޕިޓަލްތަކަށް ކަރަންޓު ދިނުމާއި ތެޔޮ ފޯރުކޮށްދިނުމުގެ އެއްވެސް ވާހަކައެއް އެ ބަޔާނުގައި ދައްކާފައެއް ނުވެއެވެ.

މިސްރާ އެކު އޮންނަ ބޯޑަރު ހުރަސްކުރާ ސަރަހައްދުގައި ތާށިވެފައި ހުރި އެތައް ސަތޭކަ ޓަނުގެ ސާމާނު ގާޒާއަށް ވައްދާނެ ވަގުތެއް އަދި ނޭނގެއެވެ.

ގާޒާގެ ދެކުނުގައި އޮންނަ ހާން ޔޫނިސްގައި ހުންނަ ޔޫރަޕިއަން ހޮސްޕިޓަލްގެ ވެރިޔާ ޔޫސުފް އަލް އަގްގާދު ވިދާޅުވީ، "ކޮންމެ މެޑިކަލް އެއިޑަކުން ލިބޭ ކޮންމެ އެހީއަކީ ވެސް އަހަރެމެނަށް ހިދުމަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންތެރި އެހީއެއް" ކަމަށެވެ.

އޭނާ ވިދާޅުވީ އެ ހޮސްޕިޓަލުގެ ޖަނަރޭޓަރުތައް ހިންގުމަށް ދުވާލަކު ގާތްގަނޑަކަށް 5،000 ލީޓަރު ބޭނުންވާ ކަމަށެވެ. "މިވަގުތު އަހަރެމެނަށް ފުދޭނީ ދެތިން ދުވަހަށް" އޭނާ ވިދާޅުވިއެވެ.