ޕަލަސްތީންގެ ނުސީރަތު ކޭމްޕްގައި ތިބި އެއްލައްކައެއްހާ މީހުންނަށް ކާބޯތަކެތި ތައްޔާރު ކުރާ ބޭކަރީއަކަށް އިޒްރޭލުން ބޮން އަޅައި އެތަން ސުންނާފަތި ކޮށްލައިފިއެވެ.
ފަލަސްތީންގެ ނިއުސް އެޖެންސީ ވަފާއިން ރިޕޯޓް ކުރާ ގޮތުގައި މި ހަމަލާ ދީފައި ވަނީ މިއަދު ފަތިހުގެ ވަގުތެއްގައި ކަމަށާއި ބޭކަރީއަށް ދިން ހަމަލާގައި 2 މީހަކު ވަނީ ޝަހީދުވެފައެވެ. އެ ބޭކަރީއަށް ހަމަލާ ދީފައިވާ އިރު ފަތިހުގެ އެވަގުތު ފަލަސްތީންގެ އެކި ސަރަހައްދުތަކަށް އިޒްރޭލުން ވަނީ ހަމަލާ ދީފައެވެ. އެ ހަމަލާތަކުގައި 30 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ވެސް އެ ނޫހުން ރިޕޯޓް ކުރެއެވެ.
މި ބޭކަރީން އެ ކޭމްޕުގެ ރައްޔިތުންނަށާއި ގާޒާގެ އުތުރުގެ ސަރަހައްދުތަކުން ގެދޮރު ގެއްލިފައިވާ މީހުންނަށް ޕާނާއި ބަނަސް ފޯރުކޮށްދޭ ކަމަށް މައުލޫމާތު ލިބެއެވެ. މިއީ ގާތްގަނަޑަކަށް އެއްލައްކައެއްހާ މީހުންނަށް ޕާނާއި ބަނަސް ފޯރުކޮށްދޭ ތަނެކެވެ. މިތަން ގޮއްވާލުމުން، މިހާރުވެސް ކާއެތިކޮޅާއި ބޯފެނަށް ޖެހިފައިވާ ގާޒާ އިތުރަށް ހާލުގައި ޖެހުނީއެވެ.
އިންސާނީ ހައްގުތަކާ ބެހޭ އދ ގެ އަންޑާ ސެކްރެޓަރީ މިރޭ ވިދާޅުވީ، ގާޒާގެ ރައްޔިތުންނަށް މިވަގުތު ލިބެނީ ބޮލަކަަށް މުޅި ދުވަހަށް އެންމެ 1 ލީޓަރުގެ ފެން ކަމަށެވެ. އެވްރެޖްކޮށް އިންސާނަކަށް ބުއިމަށާއި އެނޫން ކަންކަމަށް ދުވާލަކަށް 15 ލީޓަރުގެ ފެން ބޭނުންވާ ކަމަށާއި 1 ލީޓަރު ލިބޭ މީހުންށް އެ ލިބެނީވެސް ނަސީބު ރަނގަޅިއްޔާ ކަމަަށް ވެސް އޭނާ ވިދާޅުވިއެވެ.
ރޭ ފަތިހު އިޒްރޭލުން ދިން ހަމަލާގެ ތެރޭގައި ގާޒާގެ ދެކުނުގައި އޮންނަ ހާން ޔުނިސްގެ މީހުން ދިރިއުޅޭ އެޕާޓްމަންޓަކަށް ވެސް ވަނީ ބޮމުގެ ހަމަލާ ދީފައެވެ. މި ހަމަލާގައި ކުޑަކުއްޖަކާއެކު ތިން މީހަކު ވަނީ ޝަހީދުވެފައެވެ.
ގާޒާގެ އުތުރުގެ ސަރަހައްދާއި، ވަކިން ހާއްސަކޮށް ޖަބަލިއާ ސަރަހައްދުގެ އިތުރުން ނުސޭރަތު ކޭމްޕާއި، ގާޒާ ސިޓީގެ މެދުތެރޭގެ ޔަރްމޫކް އަވަށާއި، އިޒްރޭލުން ބޮން އެޅި އަލްއަހްލީ ބަޕްޓިސްޓް ހޮސްޕިޓަލް ހުންނަ އަލް-ޒައިތޫން އަވަށުގެ ސަރަހައްދަކަށް އަމާޒުކޮށް ދިން ވަރުގަދަ ބަޑީގެ ހަމަލާތަކުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ޒަހަމްވެ ބައެއް މީހުން ވަނީ ޝަހީދު ވެފައެވެ. މީގެ އިތުރުން ގާޒާގެ ދެކުނުގެ ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުންގެ ގެތަކަށާއި ރަފާ އަދި ހާން ޔުނިސްއަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކުގައި އެތައް ބަޔަކު ވަނީ ޝަހީދު ވެފައެވެ.
ހައްދުފަހަނަ އަލާފައިވާ އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ނުރައްކާތެރި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 3300 އިން މައްޗަށް ގޮސްފައެވެ. އަދި ޒަހަމްވި މީހުންގެ އަދަޑު ވަނީ 13000 އިން މައްޗަށް ގޮސްފައެވެ.