ގާޒާގެ ހޮސްޕިޓަލަކަށް ރޭގެ ވަގުތެއްގައި ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އުތުރުގެ ސިޓީއެއް ކަމަށްވާ ޖެނިންގައި އާންމުން ނިކުމެ ކުރި މުޒާހަރާ މައިތިރި ކުރަން ޕަލަސްތީން ސަރުކާރު އޮފިޝަލުން ބަޑިޖެހުމުން 12 އަހަރުގެ ކުއްޖަކު ޝަހީދު ވެއްޖެއެވެ.

އުމުރުން 12 އަހަރުގެ ރައްޒާން ނަސްރުالله ޝަހީދު ވެފައި ވަނީ ރޭ، ރާއްޖެ ގަޑިން 12:00 ހާ އިރު އެވެ.

އަލް ޖަޒީރާ ނޫހަށް ރައްޒާންގެ ކާފަ، އުމުރުން 64 އަހަރުގެ ޒިޔާދު ނަސްރުﷲ ދިން އިންޓަވިއުގައި ބުނީ، ވަޒަން ވަނީ އޭނާގެ ބުރަކަށީގެ ކަނާތް ފަރާތަށް ކަމަށާއި ފުއްޕާމޭ ފޫ އަލާފައި ގޮސް އެ ވަޒަން އޭނާގެ ހިތަށް އެރި ކަމަށެވެ. އޭނާގެ ކާފަ ދަރިއަކީ ގާޒާގެ ދިފާއުގައި ޝަހީދުވި ޝަހީދެއްގެ ގޮތުގައި އެ އާއިލާއިން ދެކޭ ކަމަށް އޭނާ ބުނެއެވެ. އަދި އެ ކުއްޖާއާ މެދު ފަހުރުވެރިވާ ކަމަށް ވެސް އޭނާ ބުނެއެވެ.

މީގެ އިތުރުން ރޭ ޕަލަސްތީންގެ ރާމަاللهގެ އިރުމަތީގައި އޮންނަ ނަބީ ސާލިހް ނަމަކަށް ކިޔާ އަވަށުގައި އިޒްރޭލުގެ ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ފަލަސްތީނުގެ ފިރިހެނެއް ކަމަށްވާ އުމުރުން 31 އަހަރުގެ، އަހްމަދު މޮއިން އަލް ރިމާވީ، ވެސް ވަނީ ޝަހީދު ވެފައެވެ. އަދި އިޒްރޭލުން ހިފާފައިވާ ފަލަސްތީންގެ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުން 30 މީހަކު ވަނީ ޒަހަމްވެފައެވެ.

ރޭ ރާއްޖެ ގަޑިން 9:30 ހާއިރު ގާޒާގެ ހޮސްޕިޓަލަށް ދިން ހަމަލާއާ ގުޅިގެން ރާމައްލޯ، ޖެނިން، ނާބްލުސް، ތޫބާސް، ހެބްރޫން އަދި ބައަތުލަހަމްގައި އިޒްރޭލު ސިފައިންނާ ދެކޮޅަށް މުޒާހަރާތައް ވަނީ ބާއްވާފައެވެ. ޕަލަސްތީން އޮތޯރިޓީ (ޕީއޭ) ގެ ސަލާމަތީ ބާރުތަކުން މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ލައިވް ބަޑި އާއި ކަރުނަ ގޭހާއި ސްޓަން ގްރެނޭޑް ބޭނުންކޮށްގެން ފިޔަވަޅު އަޅާފައިވާ އިރު، ޕަލަސްތީންގައި މި ވަނީ އިތުރު ނުތަނަވަސްކަމެއް އުފެދިފައެވެ.

ޕީއޭ އޮފީސް ހުންނަ ރާމައްލޯ ގައި މުޒާހަރާގެ ބައިވެރިން ވަނީ އާމްޑް ވެހިކަލްތަކަށް ހިލަ އާއި ގޮނޑީގެ އިތުރުން އެހެނިހެން ތަކެތި އުކައި އެ އުޅަނދުތައް ހަލާކުކޮށްލަން މަސައްކަތް ކޮށްފައެވެ. ގިނަ ބަޔަކު ހިއްސާކުރާ ވީޑިއޯއިން ފެންނަ ގޮތުގައި ޕީއޭ ވެހިކަލަކުން މުޒާހަރާގެ ބައިވެރިއެއްގެ ގައިމައްޗަށް އަރަން މަސައްކަތް ކުރާތަން ވެސް ފެނެއެވެ.