ގާޒާގެ ހޮސްޕިޓަލަށް ދިން ހަމަލާއާ ގުޅިގެން ކަންބޮޑުވެވަޑައިގެން އެ ކަމުގައި ޝާމިލްވާ ފަރާތްތައް ޒިންމާ ވާން ޖެހޭނެ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގާޒާގެ އަލް އަހްލީ އަރަބް ހޮސްޕިޓަލުގައި ހިނގި ހިތާމަވެރި ހާދިސާގައި އެތައް ބައެއްގެ ފުރާނަ ދިޔަ ހާދިސާއަކީ ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމެއްް ކަމަށެވެ. މި ހާދިސާގައި ޝަހީދު ވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކުރައްވައި، ޒަހަމްވި މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުއާ ކުރައްވާ ކަމަށް މޯދީ ވިދާޅުވިއެވެ.

މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި އާންމުން މަރުވުމަކީ ސީރިއަސް މައްސަލައެއް ކަމަށާއި އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއްގެ ގޮތުގައި މޯދީ ސިފަކުރެއްވިއެވެ. އަދި އެ ހަމަނުޖެހުމުގައި ޝާމިލުވާ ފަރާތްތައް ޒިންމާވާން ޖެހޭ ކަމަށް ވެސް މޯދީ ވިދާޅުވިއެވެ.

މޯދީ ފަލަސްތީނާ އެއްކޮޅަށް އަދި ގާޒާ ހޮސްޕިޓަލަށް ހަމަލާދިން ފަރާތްތައް ކުށްވެރި ކުރައްވައި ވާހަކަ ދައްކަވާފައި މި ވަނީ އިންޑިއާއިން ފަލަސްތީނާއި އަދި މުސްލިމުންނާ ދެކޮޅަށް ވަކާލާތު ކުރާ ކަމަށް އަޑުތައް ފެތުރިފައި ވަނިކޮށެވެ.

އިޒްރޭލުން ގާޒާގެ ހޮސްޕިޓަލަށް ވައިގެ ހަމަލާއެއް ދީ ގޮއްވާލާފައި ވަނީ ރޭ ރާއްޖެ ގަޑިން 9:30 ހާއިރުއެވެ. އެ ހޮސްޕިޓަލްގެ ކޮމްޕައުންޑްގެ ގާކުނޑިތަކުގެ ދަށުގައި އެތައް ސަތޭކަ ބަޔަކު ތާށިވެ ނުވަތަ މަރުވެފައި ތިބިކަމަށް ހަބަރު ލިބޭ އިރު، އެ ހަމަލާގައި ޝަހީދު ވި މީހުންގެ ހަަށިތައް އެތަން މިތަނަށް ބުރައިގެން ގޮސްފައި ހުރިތަން ފެންނަ ފޮޓޯއާއި ވީޑިއޯ މިހާރު ވަނީ އާންމު ވެފައެވެ.

މިހާދިސާގައި ވަނީ 471 މީހަކު ޝަހިދުވެފައި ކަމަށާއި 314 މީހުން ޒަހަމްވެފައި ކަމަށް ރިޕޯޓްތަކުން ބުނެއެވެ. ޒަހަމްވި މީހުންގެ ތެރެއިން 28 މީހުންނަކީ ކްރިޓިކަލް ކޮންޑިޝަންގައި ތިބި ފަރާތްތައް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ޔަހޫދީ އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް 3400 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައި ވާއިރު، މިލިޔަނަކަށް ވުރެ ގިނަ މުސްލިމުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

މި ހަމަލާތަކާ ދެކޮޅަށް އެތައް ގައުމަކުން އަޑުއުފުލަމުން އަންނަ އިރު، އދގެ ސެކެޓްރީ ޖެނެރަލް ވެސް ވަނީ، ރޭ ގާޒާގެ ހޮސްޕިޓަލަށް ދިން ހަމަލާ ކުށްވެރި ކުރައްވާފައެވެ. ނަމަވެސް އެމެރިކާ އަދިވެސް އޮތީ ހައްދުފަހަނައަޅާފައިވާ އިޒްރޭލާ އެކުގައެވެ.