މާލޭގައި ހިންގާ ބައެއް ސްކޫލްތައް އެއް ދަނފަޅިއަށް ހެދުމުގެ ޕްލޭންގެ ދަށުން އަމީނިއްޔާ ސްކޫލަށް، ސީއެޗްއެސްއީގެ ކުރީގެ އިމާރާތް ދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސީއެޗްއެސްއީގެ ކުރީގެ އިމާރާތް އަމީނިއްޔާ ސްކޫލަށް ދޭން ނިންމާފައި ވަނީ އެ ސްކޫލްގެ ކިޔެވުން އެއް ދަނފަޅިއަށް ބަދަލު ކުރުމުގެ މަގްސަދުގައި ކަމަށެވެ. އެ ގޮތުން އެ ސްކޫލްގެ އިމާރާތަކީ އަމީނިއްޔާއާ ޖެހިގެން ހުރި އިމާރާތެއް ކަމުން ދެ ސްކޫލް ގުޅާލުމުގެ މަސައްކަތަކީ ދިގުދެމިގެން ދާނެ ކަމެއް ނޫން ކަމަށް އެޑިއުކޭޝަން އިން ބުނެއެވެ.

ދެ ސްކޫލް އެއްކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި ސީއެޗްއެސްއީގެ ކުރީގެ އިމާރާތުގެ މަރާމާތުގެ މަސައްކަތްތައް ހުންނާނެ ކަމަށާއި އެ މަސައްކަތްތައް ނިމުނުހާ އަވަހަކަށް އަމީނިއްޔާ ސްކޫލް، އެއް ދަންފަޅިއަށް ބަދަލު ކުރާނެ ކަމަށެވެ. އަދި އެ ގޮތަށް ކިޔަވައިދޭން ފަށާނެ ވަކި ތާރީހެއް ވެސް މިނިސްޓްރީން ހާމައެއް ނުކުރެއެވެ. މަސައްކަތް ކުރިއަށް ދާ ވަރަކަށް ބަލާފައި އެ ތާރީހު ފަހުނަ އިއުލާން ކުރާނެ ކަމަށް އެޑިއުކޭޝަން އިން ބުނެއެވެ.

މާލޭގެ ބައެއް ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލު ކުރުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަަމަށް މީގެ ކުރިން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވަނީ ވިދާޅުވެފައެވެ. އެ ގޮތުން މާލޭގައި ހުރި އެންމެ ދުވަސްވީ ބޮޑެތި ސްކޫލްތައް ކަމަށްވާ އަމީނިއްޔާ އާއި މަޖީދިއްޔާ އަދި އިސްކަންދަރު ސްކޫލް، އެއް ދަންފަޅިއަށް ބަދަލު ކުރައްވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.