އަމީނިއްޔާ ސްކޫލްގައި ކިޔަވައިދޭ ޓީޗަރެއް ކޮވިޑަށް ޕޮޒިޓިވް ވެފައި ވާ އިރު އޭނާ އެއްވެސް ކުއްޖަކާ ކޮންޓެކްޓް ވެފައި ނުވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، އަމީނިއްޔާ ސްކޫލުގެ ޓީޗަރެއް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެއީ ގްރޭޑް 3 ގެ ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރެއް ކަަމަށެވެ. އެ ޓީޗަރުގެ ނަތީޖާ ލިބިފައި ވަނީ މިއަދު ކަމަށާއި އަދި ކްލޯސް ކޮންޓެކްޓުން ގޮތަށް ދިމާވެފައި ވާ އިތުރު ޓީޗަރުން ވަނީ ކަރަންޓީން ކޮށްފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކަރަންޓީން ކުރެވުނު އިތުރު ޓީޗަރުންނާއި ދިމާވެފައި ވަނީ ސްކޫލުން ބޭރުގައި ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. އަދި ސްކޫލުގައި ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅާފައި ވާތީވެ އެއްވެސް ދަރިވަރެއް ކޮންޓެކްޓެއްގެ ގޮތުގައި ނުބެލެވޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ވިދާޅުވީ، އަމީނިއްޔާ ސްކޫލްގެ ޓީޗަރެއް ކޮވިޑަށް ޕޮޒިޓިވް ވެފައި ވާތީ މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ. އެ ގޮތުން މިހާރު ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވިފައި ވާ ޓީޗަރުންގެ އަދަދު ހާމަ ކުރަން އެނގޭނީ އެ މަސައްކަތް ނިމުމުން ކަމަށް މުޖާހިދު ވިދާޅުވިއެވެ.
ކޮވިޑް ބަލިމަޑުކަން ފެތުރެމުން ދާ މި ދަނޑިވަޅުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން މި މަހުގެ 10 ވަނަ ދުވަހު ވަނީ ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށް ކިޔަވައިދޭން ފަށާފައެވެ. އަދި ސްކޫލްތަކުގެ ކިޔެވުން މިއަހަރު ފެށުނު ފަހުން މީ ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރެއް ކޮވިޑަށް ޕޮޒިޓިވްވި ކަމަށް މައުލޫމާތު ލިބުނު ފުރަތަމަ ފަހަރެވެ.
މި ކޭސްއާ ގުޅުން ހުރި ފަރާތްތައް ދެނެގަތުމަށް ފަހު އެ ފަރާތްތައް ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު އެޗްޕީއޭއިން ދަނީ ކުރަމުންނެވެ.
އެއްވެސް ދަރިވަރަކާ ކޮންޓެކްޓެއް ނުވޭ އެކަމަކު ސުކޫލުން އެތައް ޓީޗަރުންނެއް ކޮންޓެކްޓުވި އެހުރިހާ ޓީޗަރުން އެއްވެސް ކުއްޖިކާ ކޮންޓެކްޓެއް ނުވޭ ވަރައްބޮު އަޖައިބެއްނުމިއީ ކުއްޖަކާ ކޮންޓެކްޓު ވީކިމަށް ބެލޭނީ ހައެއްކަ ކުދިންގެ ސަންދޯއް ވަޅުލެވުނީމާބާ؟