ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ، ރީ-ސައިކަލް ކޮށްފައިވާ މެޓީރިއަލްގައި ޕްރިންޓް ކޮށްފައިވާ އާ ކާޑު ރޭންޖެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފް ކޮށްފިއެވެ.
ބީއެމްއެލްއިން ބުނީ އާ ޑިޒައިންތަކަކީ ބޭންކުގެ ވިސާ އަދި މާސްޓާކާޑުގެ ޑެބިޓް އަދި ކްރެޑިޓް ކާޑަށް ތައާރަފް ކުރި ޑިޒައިންތަކެއް ކަމަށެވެ. އަދި ބީއެމްއެލް ވިސާ ކްރެޑިޓް ގޯލްޑް ކާޑާއެކު އަލަށް ތައާރަފްކުރި ކާޑުތައް މިއަދުން ފެށިގެން ދޫކުރާނެ ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ ކާލް ސްޓުމްކަ ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ރީތިކަން މި ކާޑުތަކުގެ ޒަރިއްޔާއިން ދައްކުވައިދިނުމަކީ އަންނަން އޮތް ޖީލުތަކަށް ރާއްޖޭގެ ރީތި، ނަމަވެސް ނާޒުކު ވެށި ހިމާޔަތް ކުރުމަށް ކަސްޓަމަރުން މެދުގައި ޒިންމާދާރުކަމުގެ އިހުސާސް އުފެއްދުމަށް އެހީތެރިވުމަށް ބޭންކަށް ލިބޭ ފުރުސަތެއް ކަމަށެވެ.
އެގޮތުން އަލަށް ތައާރަފްކުރި ކާޑުތައް އުފައްދާފައިވަނީ ރީސައިކަލް ޕްލާސްޓިކްގައި ކަމަށާއި އެއީ ދެމެހެއްޓެނެވި ގޮތެއްގައި ވިޔަފާރީގައި ކަންކަން ކުރުމަށް ކުރާ މަސައްކަތްތުގެ ތެރެއިން ކުރެވުނު މަސައްކަތެއް ކަމަށް ކާލް ސުޓުމްކަ ވިދާޅުވިއެވެ. ސުޓުމްކަ ވިދާޅުވީ އެ ކާޑުތަކަކީ ހަމައެކަނި ބަލާލަން ރީތި ކާޑުތަކެއް ނޫން ކަމަށާއި އެއީ ދުނިޔޭގެ ތިމާވެއްޓަށް ރައްކާތެރި ކާޑުތަކެއް ކަމަށެވެ.
ބީއެމްއެލް އިން އިތުރަށް ބުނީ އަލަށް ތައާރަފްކުރި ކާޑުތަކުގައި ބޭނުންކޮށްފައި ވަނީ ރާއްޖޭގެ ފޮޓޯގްރާފަރުން ނަގާފައިވާ ފޮޓޯތައް ކަަމަށާއި އެ ފޮޓޯތަކުން ދައްކުވައިދެނީ ރާއްޖޭގެ ރަށްތަކުން ފާހަގަކުރެވޭ ރެދަން އަދި މުރަކައިގެ ތަފާތު ރީތި މަންޒަރުތައް ކަމަށެވެ.