އިޒްރޭލުން ރޭ ގާޒާގެ ހޮސްޕިޓަލަކަށް ދިން ހަމަލާ ކުށްވެރި ކުރައްވާ އެތަންތަނަކީ ހިމާޔާތް ކޮށްފައިވާ ތަންތަން ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެއެވެ.

އެންޓޯނިއޯ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގާޒާގެ ހޮސްޕިޓަލަކަށް ދިން ހަމަލާއެއްގައި ފަލަސްތީނުގެ އެތައް ސަތޭކަ އާންމުން ޝަހީދުކޮށްލުމުން ބިރުގަންނަ ކަމަށެވެ. އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އޭނާ ހުންނެވީ އެ ހަމަލާގައި މަރުވި މީހުންގެ އާއިލާތަކާ އެކުގައި ކަމަށް އެންޓޯނިއޯ ވިދާޅުވިއެވެ. ހޮސްޕިޓަލްތަކާއި ކްލިނިކްތަކާއި މެޑިކަލް މުވައްޒަފުންނާއި އދ.ގެ ތަންތަނަކީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ސާފުކޮށް ހިމާޔަތްކޮށްފައިވާ ތަންތަން ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ވެސް ވަނީ ހޮސްޕިޓަލަށާއި ޔޫއެންޑަބްލިއުއާރްއޭ ސްކޫލަކަށް ދިން ހަމަލާތައް ކުށްވެރިކޮށް ބަޔާނެއް ނެރުްްވާފައެވެ. އޭނާ ވިދާޅުވީ، ގާޒާގެ އަލް އަހްލީ އަރަބް ހޮސްޕިޓަލަށް ރޭ ދިން ހަމަލާ ސެކްރެޓަރީ ޖެނެރަލް ކުށްވެރި ކުރައްވާއިރު، އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް އެތައް ސަތޭކަ ބަޔަކު ޝަހީދުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް އިބްތިދާއީ ރިޕޯޓްތައް ބުނާ ކަަމަށެވެ. މީގެ އިތުރުން ގާޒާގެ އަލް މަޣާޒީ ރެފިއުޖީ ކޭމްޕްގައި ހުންނަ ޔޫއެންއާރްޑަބްލިއުއޭ ސްކޫލަކަށް އިއްޔެ ދިން ހަމަލާގައި ހަ މީހަކު ޝަހީދުވި ހާދިސާ ވެސް އޭނާ ވަނީ ކުށްވެރި ކުރައްވާފައެވެ.

މިއީ މި ފަހުން ފަލަސްތީނަށް ދިން ހަމަލާތަކާ ގުޅިގެން ސެކްރެޓަރީ ޖެނެރަލް ކުށްވެރިކުރުމުގެ ލަފުޒު ބޭނުން ކުރެއްވި ފުރަތަމަ ފަހަރެވެ.

ރާއްޖެ ގަޑިން ރޭ 9:30 ހާއިރު، ގާޒާގެ މެދުތެރޭގައި އޮންނަ އަވަށެއް ކަމަށްވާ އަލް ޒައިތޫން ގައި ހުންނަ ބެޕްޓިސްޓް ހޮސްޕިޓަލް، (އަލް އަހްލީ އަރަބް ހޮސްޕިޓަލް) އަސް ވަނީ ބޮމުގު ވަރުދަގަ ހަމަލާއެއް ދީފައެވެ. މި ހާދިސާގައި ވަނީ 900 އެއްހާ މީހުން މަރުވެފައި ކަމަށް ރިޕޯޓްތައް ބުނާ އިރު، މި ހާދިސާގައި ޝަހީދު ވި މީހުންނާއި ޒަހަމްވި މީހުންގެ ވީޑިއޯއާއި ފޮޓޯތައް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އެއިން ފެންނަ މަންޒަރު ތަކަށް ބަލާއިރު، ބައެއް މީހުންގެ ގުނަވަންތައް ހަށިގަނޑާ ވަކިވެ އެތަން މިތަނަށް ބުރަބުރައިގެން ގޮސްފަައި ހުރި އިރު، އެތަންތުގައި ގިނަ އަދަދެއްގެ ކުޑަކުދިން ތިބިކަން ފާހަގަ ކުރެވެއެވެ. އަދި ވެސް ފުނޑުފުނޑުވެ ފައިބާފައިވާ އިމާރާތުގެ ގާކުނޑިތަކުގެ އަޑީގައި މީހުން ތިބޭނެ ކަމަށް މީޑިއާތަކުން ރިޕޯތް ކުރެއެވެ.

މި ހަމަލާއާ ގުޅިގެން ފަލަސްތީނު އޮތޯރިޓީ (ޕީއޭ) ގެ ރައީސް މަހްމޫދު އައްބާސް ވަނީ ގައުމީ ހިތާމައިގެ ތިން ދުވަސް އިއުލާން ކުރައްވާފައެވެ. މި ހާދިސާއާ ގުޅިގެން ބައެއް ގައުމުތަކުގައި އަޑު އުފުލާ، އިހުތިޖާޖު ވެސް ވަނީ ކޮށްފައެވެ. އަދި ގިނަ ބަޔަކު ޔަހޫދީން ދިން ހަމަލާ ކުށްވެރިކޮށް ސޯޝަލް މީޑިއާގައި ވެސް އަންނަނީ ޝުއޫރު ފާޅުކުރަމުންނެވެ.