އިސްރޭލުން ގާޒާގެ މެދުތެރޭގައި އޮންނަ އަވަށެއް ކަމަށްވާ އަލް ޒައިތޫން ގައި ހުންނަ ބެޕްޓިސްޓް ހޮސްޕިޓަލް، (އަލް އަހްލީ އަރަބް ހޮސްޕިޓަލް) ގޮއްވާލައި 500 މީހަކު ޝަހީދު ކޮށްލުމާ ގުޅިގެން ގައުމީ ހިތާމައިގެ ތިން ދުވަސް އިއުލާން ކޮށްފިއެވެ.

ފަލަސްތީނުގެ ރަސްމީ ނޫސް އެޖެންސީ ވާފާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ގާޒާގެ އަލްއަހްލީ އަރަބި ހޮސްޕިޓަލަށް އިޒްރޭލުން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ފަލަސްތީނު އޮތޯރިޓީ (ޕީއޭ) ގެ ރައީސް މަހްމޫދު އައްބާސް ވަނީ ގައުމީ ހިތާމައިގެ ތިން ދުވަސް އިއުލާން ކުރައްވާފައެވެ.

މި ހަމަލާއާ ގުޅިގެން މާދަމާ ވިޔަފާރީގެ ހަޅުތާލެއް ކުރުމަށް ވެސް އެކި ސިޔާސީ ފެކްޝަންތަކުން ވަނީ ގޮވާލާފައެވެ.

އިޒްރޭލުން ގާޒާގެ ހޮސްޕިޓަލަށް ވައިގެ ހަމަލާއެއް ދީ ގޮއްވާލާފައި ވަނީ މީގެ އިރުކޮޅެއް ކުރިންނެވެ. އެ ހޮސްޕިޓަލްގެ ކޮމްޕައުންޑްގެ ގާކުނޑިތަކުގެ ދަށުގައި އެތައް ސަތޭކަ ބަޔަކު ތިބިކަމަށް ހަބަރު ލިބޭ އިރު، އެ ހަމަލާގައި ޝަހީދު ވި މީހުންގެ ހަަށިތައް އެތަން މިތަނަށް ބުރައިގެން ގޮސްފައި ހުއްނަ ފޮޓޯއާއި ވީޑިއޯ މިހާރު ވަނީ އާންމު ވެފައެވެ.

މި ބޮމުގެ ހަމަލާ ދިނުމުގެ ކުރިން އޮތް ހާލަތު ބަޔާންކޮށް ހެލްތް މިނިސްޓްރީން ބުނެފައި ވަނީ އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 3000 އަށް އަރާފައިވާ ކަަމަށެވެ. އަދި ޒަހަމްވި މީހުންގެ އަދަދު ވަނީ 12500 އަށް އަރާފައިވާ ކަމަށެވެ. ހޮސްޕިޓަލް ބޮމުގެ ހަމަލާއާއެކު ޝަހީދުވެ މީހުންގެ އަދަދު 4000 އާ ގާތްކުރާނެ ކަމަށް ބެލެވެއެވެ.