އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި އިމާރާތްތައް ފުނޑުފުނޑުވެ، ގާކުނޑިތަކުގެ ދަށުގައި 1200 އެއްހާ މީހުން ތާށިވެފައިވާ ކަމަށް ބެލެވޭ އިރު، އޭގެ ތެރޭގައި ގާތްގަނޑަކަށް 500 ކުޑަކުދިން ވެސް ހިމެނޭ ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން ބުނެފިއެވެ.
ސިއްހީ އިދާރާތަކުން ބުނީ، އެމީހުންގެ މި އަންދާޒާތައް ބިނާކުރީ ލިބުނު ޑިސްޓްރެސް ކޯލްތަކުގެ މައްޗަށް ކަމަށެވެ.
ގާޒާގެ މިވަގުތުގެ ހާލަތު ސިފަކޮށްދެމުން އެ ގައުމުގެ ޑޮކްޓަރެއް ކަމަށްވާ އަހްމަދު ޝާހީން ވިދާޅުވީ، ހާލަތު ދަނީ ގޯސްވަމުން ކަމަށާއި ބޮން އެޅުން އަދިވެސް ކުރިއަށް ދާ ކަމަށެވެ. ހުރިހާ ދިމާލަކުން އެމީހުން ބޮން އަޅަމުން ދާ ކަމަށާއި މަތިންދާ ބޯޓުތަކުން، ކަނޑުން، ބިމުން ވެސް ހަމަލާތައް ދެމުން އަންނަ ކަމަށް ޝާހީން ވިދާޅުވިއެވެ.
ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ހަޅޭއްލަވާ އަޑު އިވުނަސް އެމީހުން ސަލާމަތް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ވަގުތު ހޮސްޕިޓަލްތައް ވެސް ވަނީ މަރުވި މީހުންގެ ހަށިތަކާއި ޒަހަމްވި މީހުންނާ އެކު ފުރިފައި ކަމަށް އޭނާ ވިދާޅުވިއެވެ. ހޮސްޕިޓަލްގައި ވެސް ހަށިތައް ބަހައްޓާނެ ތަނެއް މިހާރު ނެތް ކަމަށާއި ފެނާއި ކަރަންޓު ވެސް ނެތް ކަމަށެވެ. މި ބިރުވެރިކަން ސިފަ ނުކުރެވޭނެ ކަމަށް ޝާހީން ވިދާޅުވިއެވެ.
ގާޒާ ސިޓީއަށް ނިސްބަތްވާ އުމުރުން 37 އަހަރުގެ އަލީ އަހާދު ބުނީ އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި އޭނާގެ ގެއާ ޖެހިގެން ހުރި، މީހުން ދިރިއުޅޭ އިމާރާތް ބިމާ ހަަމަ ވެފައި ވާކަމަށެވެ.
އެ އިމާރާތް ވެއްޓުނު ތަނުގައި ހުރި ގާކުނޑިތަކުގެ ތެރެއިން ޒަހަމްވެފައިވާ ފިރިހެނުންނާއި އަންހެނުން، ބްލޭންކެޓުން ނިވާކޮށްގެން ނެރުމަށް މަސައްކަތް، އޭނާ އާއި އޭނާގެ ރަހުމަތްތެރިން ކުރި ކަމަށް އަހާދު ބުންޏެވެ. މަގުމަތިން ޝިފާ ހޮސްޕިޓަލަށް ދިޔަ އެމްބިއުލާންސެއް ފެނުމުން އޭގެ ފަހަތުން އެމީހުން ގޮސް އެމްބިއުލާންސްގެ ބިއްލޫރިގަނޑުގައި ތެޅިކަމަށާއި އެމީހުން ހޮސްޕިޓަލަށް ގެންގޮސްދިނުމަށް އެދެނު ކަމަށް އަހާދު ބުންޏެވެ.
މިއަދު ފަތިހުގެ ވަގުތެއްގައި އިޒްރޭލުން ވަނީ ހާން ޔޫނިސްގެ ހުޅަނގާއި އިރުދެކުނުފަރާތާއި ރަފާހުގެ ހުޅަނގުގެ ގެތަކަށް ހަމަލާތައް ދީފައެވެ. އެ ހަމަލާތަކުގައި ފަލަސްތީނުގެ 70 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.
އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 2800 އިން މައްޗަށް ގޮސްފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު ވަނީ 11000 އަށް އަރާފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށް ރިޕޯޓްތަކުން ބުނާއިރު، މިހާތަނަށް 1100 އަށް ވުރެ ގިނަ ކުޑަކުދިން ޝަހީދުވެފައި ވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.