ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް (ބީއާރުއައި) ގެ ދަށުން ރާއްޖޭގައި ހިންގާފައި ވާ އެންމެ ފާހަގަކޮށްލެވޭ މަޝްރޫއަކީ ސިނާމާލެ ބްރިޖް ކަމަށާއި ދެގައުމުގެ ގުޅުމުގެ ތެރެއިން އެފަދަ އިތުރު މަޝްރޫއުތައް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޗައިނާގެ ޒިންހުއާ ނިއުސް އަށް ދެއްވި ބަސްދީގަތުމެއްގައި މުއިއްޒު ވިދާޅުވީ، ސިނަމާލެ ބްރިޖާއި ހައުސިން މަޝްރޫއުތަކާއި އެއާޕޯޓު ތަރައްގީގެ މަޝްރޫއު ތަކަކީ ބީއާރުއައި ގެ ދަށުން ރާއްޖޭގެ ތަރައްގީ އަށް މުހިންމު މަޝްރޫރުތަކެއް ކަމަށާއި ހާއްސަކޮށް ބްރިޖް ނިމި ބޭނުން ކުރަން ފެށުމުން އެތައްހާސް ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އައިކަމަށެވެ.
މުއިއްޒު ވިދާޅުވީ އެ ބްރިޖްގެ ފަސޭހަކަން މާލެ ސަރަހައްދުގެ މީހުންގެ އިތުރުން މާލެ ސަރަހައްދަށް ޒިޔާރާތް ކުރާ އެންމެހާ ފަރާތްތަކަށް ވެސް ލިބިގެން ދިޔުމަކީ އެފަދަ މަޝްރޫއުތަކުގެ މުހިންމު ކަމާއި ބޭނުންތެރިކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.
"ޗައިނާ އާއި ރާއްޖެއާ ދެމެދު ވަރަށް ރަނގަޅު ގުޅުމެއް އެބައޮތް، އެތައް އަހަރެއް ވީ ގުޅުމެއް އެއީ، ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް މި ގުޅުމުގެ ތެރެއިން ރާއްޖޭގައި ހިންގިއްޖެ، އެގޮތުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ މިހާތަނަށް ރާއްޖޭގައި ގާއިމު ކުރެވުނު އެންމެ އައިކޮނިކް ޕްރޮޖެކްޓް"
އެ ޕްރޮޖެކްޓާއެކު ޓްރާންސްފޯމޭޝަނަލް ބަދަލުތަކެއް ރާއްޖެއަށް އައިސްފައި ވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
އިތުރަށް މުއިއްޒު ވިދާޅުވީ، ޗައިނާއާއި އަދި އެހެނިހެން ގައުމުތަކުންވެސް ރާއްޖެއަށް އެފަދަ ޕްރޮޖެކްޓްތައް ބޭނުން ވާ ކަމަށާއި ކުރިއަށް ދާންވީ އެގޮތަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ޗައިނާގެ ބީއާރުއައި މަޝްރޫގެ ދަށުން ކުރެވޭ އުއްމީދު ބޮޑު ކަން ހާމަ ކުރައްވާ މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ތަރައްގީގައި ޗައިނާ އަށް މުހިންމު ދައުރެއް އަދާ ކުރެވިދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ޗައިނާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަދި އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި ރާއްޖެއާ ގާތް ގުޅުމެއް ބާއްވަމުން އައި ގައުމެކެވެ. މާލެ ސަރަހައްދުގެ މަލަމަތި ބަދަލުވެގެން ދިޔަ ސިނަމާލެ ބްރިޖަކީ މުއިއްޒުގެ މޭސްތިރި ކަމުގެ ދަށުގައި ކުރިއަށް ދިޔަ ބިޔަ މަޝްރޫއަކަށް ވާއިރު މާލޭގެ ހުޅަނގު ފަރާތުން ވިލިނގިއްޔާއި އެސަރަހައްދުގެ މަލަމަތި ބަދަލުކޮށްލައި ގުޅާލާ ބްރިޖާއި އަދި ތަސައްވުރު އޭރުވެސް ކުރަހާފައި ވާ އިރު އެ ބްރިޖް ހަދައިދިނުމަށް ވެސް ޗައިނާ އިން ހުށަހެޅިއެވެ. އެ ކަން ރައީސް އަބްދުﷲ ޔާމީނާއި އިންތިހާބީ ރައީސް ޑރ. މުއިއްޒު ވަނީ މީޑިއާގައި ހާމަވެސް ކުރައްވާފައެވެ.
މިހާރު މާލޭގެ ހުޅަނގު ކޮޅުގައި އެޅުމަށް މަސައްކަތް ކުރާ ބްރިޖަކީ 6695 ކިލޯމީޓަރުގެ ބްރިޖެކެވެ. ނިމެމުންދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާގެ އެފްކޯންސް ކުންފުންޏާ ހަވާލުކޮށްގެން ހަދާ ބްރިޖާއި ކޯޒްވޭއަކީ ރާއްޖޭގައި ފެށި އުމްރާނީ ތަރައްގީގެ އެންމެ ބޮޑުމަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅާލުމަށް 8.2 ބިލިއަން ރުފިޔާ ހަރަދު ކުރާ އިރު، ބިންގާ އެޅުން 2022 ގައި އިންޑިއާގެ ވެރިރަށް ދިއްލީގައި ބޭއްވި އެ ބްރިޖުގައި މިއަދާ ހަމައަށް އައި އިރު މާލެ އާއި ވިލިމާލެ އާ ދެމެދު ޖަހަން ޖެހޭ ތަނބުތައްވެސް ޖަހާ ނުނިމެއެވެ.
އެ ޕްރޮޖެކްތް ކުރިއަށް ދާ ގޮތް ބަލާލުމަށް އެފްކޯންސްގެ އޮފިޝަލުންނާއެކު 'ދަ ޕްރެސް'ގެ ނޫސްވެރިން ސައިޓްތަކަށް ދިޔަ އިރު ފާހަގަ ވީ، މާލެ އާއި ވިލިމާލެ އާ ދެމެދަށް ޖަހަން ޖެހޭ 16 ތަނބު އަދިވެސް ޖެހިފައި ނުވާ ކެމެވެ. ބްރިޖްގެ ކާސްޓިން [ތަނބުތަކުގެ މަތީގައި ބާއްވާ ކޮންކްރީޓް ކާސްޓްތައް] ގުޅިފަޅުގައި ކުރިއަށް ދިޔަ ނަމަވެސް އެމަސައްކަތްތައްވެސް ނިމުމާ ގާތަށް ވެސް ގޮސްފައެއް ނުވެއެވެ.