ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތާ ގުޅުވައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ލިޔުއްވަމުން ގެންދަވާ ކީރިތި ޤުރުއާނުގެ ތަފްސީރުގެ ހަ ވޮލިއުމްގެ ތެރެއިން ފުރަތަމަ ވޮލިއުމް ނެރުއްވައިފިއެވެ.
އަމިއްލަ ބްލޮގްގައި ލިޔުއްވި ލިޔުމެއްގައި މަހާޒް ވިދާޅުވީ، ކީރިތި ޤުރުއާން ތަފްސީރުކުރުމުގެ ހިޔާލު ލިބިވަޑައިގަތީ 2015 ވަނަ އަހަރު މަހާޒްގެ ކޮއްކޮ ނިހާޒް، ޤުރުއާނުގެ ދިވެހި ތަރުޖަމާ އާންމުންނާ ހަމައަށް ގެނެސްދިނުމަށްޓަކައި ނެރުނު 'ޤުރުއާން އެމްވީ' މޯބައިލް އެޕްލިކޭޝަންގެ ސަބަބުން ކަމަށެވެ.
އެ އެޕްލިކޭޝަން އާންމުންނާ ހަމައަށް އައި ދުވަހުން ފެށިގެން ޤުރުއާނުގެ ތަރުޖަމާ އާ މެދު އެކި ހިޔާލުތަކާއި ޝަކުވާތައް ލިބެމުން ދިޔަ ކަމަށް މަހާޒް ވިދާޅުވިއެވެ. އެ ޚިޔާލުތަކުން ފާހަގަވީ ދިވެހި ތަރުޖަމާގައި ހުރި އައިބުތައް ކަމަށާއި، އެ ހިސާބުން ދިވެހި ތަރުޖަމާ އިސްލާހުކޮށް އާ ތަރުޖަމާ އެއް ގެނެސްދިނުމުގެ ހިޔާލު ކުރެއްވުނު ކަމަށް ވިދާޅުވިއެވެ.
އެކަމަށްޓަކައި ލިބެން ހުރި ޤުރުއާނުގެ ކުރު ތަފްސީރުތައް ހުސްވަގުތުގައި ކިޔައި، ތަރުޖަމާކުރުމުގެ މަސައްކަތްކުރުމަށް ތައްޔާރީތައް ވެވަޑައިގަތް ނަމަވެސް، ތަފްސީރު ފޮތްތައް ކިޔުއްވުމުން އެ ވިސްނުން ބަދަލުކުރެއްވީ ކަމަށް ވެސް މަހާޒް ވިދާޅުވިއެވެ.
"ކީރިތި ޤުރުއާނަކީ ހަމައެކަނި ލަފުޒީ ތަރުޖަމާއަކުން ފުއްދައިލެވޭނެ އެއްޗެއް ނޫންކަމުގައި ވިސްނެން ފެށިއެވެ. އާޔަތްތަކުގެ މާނަ ގެނެސްދިނުމުގައި ކޮންމެވެސް ވަރަކަށް އާޔަތުގެ ތަފްސީރު ގެނައުމަކީ މުހިންމު ކަމެއް ކަމުގެ އިހުސާސްވާން ފެށިއެވެ،"
މަހާޒް ވިދާޅުވި ގޮތުގައި، ދިވެހިބަހުން ލިޔެފައިވާ ތަރުޖަމާތަކަށް ބަލާއިރު، އާޔަތުގެ މާނަ ކުރުކޮށް ބުނެ ނުދެވިގެން ބްރެކެޓްތަކުގައި އިތުރު ތަފްސީލް ބަޔާންކޮށްފައި ހުރުމުން، ތަރުޖަމާކުރުމުގެ މަސައްކަތް އޭރު ކުރެއްވި ބޭފުޅުންގެ މަސައްކަތުގެ ބުރަ އިހުސާސްކުރެވުނެވެ.
"މި ސަބަބުތަކާހުރެ ލިޔަން ފަށާނީ ކީރިތި ޤުރުއާނުގެ ޚުލާސާ ތަފްސީރެއް ކަމުގައި ނިންމީމެވެ." ބްލޮގްގައި ލިޔުއްވާފައި ވެއެވެ.
'ކީރިތި ޤުރުއާނުގެ ޚުލާސާ ތަފްސީރު' ފޮތުގެ ކުޑަ ޓައިމްލައިނެއް
- މަހާޒް ތަފްސީރު ލިޔުއްވަން ފެށްޓެވީ ނޮވެމްބަރު 5، 2016 ގައި
- އެންމެ ފުރަތަމަ ލިޔުއްވީ ނަބާ ސޫރަތުގެ ތަފްސީރު
- މަދު ދުވަސްކޮޅެއްގެ ތެރޭގައި ޤުރުއާނުގެ ފަހު ތިން ފޮތުގެ ތަފްސީރު ލިޔުއްވި
- އެއަށްފަހު ޤުރުއާނުގެ ކުރީކޮޅުން ތަފްސީރުކުރައްވަން ފެށްޓެވި
"ކީރިތި ﷲ ގެ ތަނަވަސް ރަޙުމަތާ އެކު، އެންމެ ފުރަތަމަ ފަސްފޮތް (ފުރަތަމަ ވޮލިއުމް) ނުކުންނައިރު، 10 ވަނަ ފޮތާ ހަމައަށް، (ދެވަނަ ވޮލިއުމް) މިހާރު ވަނީ އިސްލާމިކް މިނިސްޓްރީން ފާސްކޮށް ދެއްވާފައެވެ. އަދި ތިންވަނަ ވޮލިއުމް ލިޔުމުގެ 95 އިންސައްތަ ވަނީ ނިމިފައެވެ،" އެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ ހިސާބު ހިއްސާކުރައްވައި ވިދާޅުވިއެވެ.
މަހާޒް ވިދާޅުވީ މައިގަނޑު ގޮތެއްގައި ތަފްސީރު އެކުލަވާލުމުގައި ބަރޯސާވެވަޑައިގަތީ ސައޫދީ އަރަބިއްޔާގެ އިން ނެރެފައިވާ ދެ ތަފްސީރު ފޮތް ކަމަށްވާ 'އައްތަފްސީރުލް މުޔައްސިރު' އާއި، އެ ގައުމުގެ ޤުރުއާން ތަފްސީރުކުރުމާ ބެހޭ މަރުކަޒުން ނެރެފައިވާ 'އަލްމުޚްތަޞަރު ފީ ތަފްސީރިލް ޤުރާނިލްކަރީމް' އަށް ކަމަށެވެ. އޭގެ އިތުރުން އިބްނު ކަޘީރުގެ ތަފްސީރާއި ތަފްސީރު ޤުރުޠުބީ ފަދަ ތަފްސީރުތައް ވެސް އެކި މައުލޫތަކުގައި ބައްލަވާފައި ވާނެ ކަމަށް ވިދާޅުވިއެވެ.
މަހާޒްގެ ތަފްސީރު އެކުލެވިގެންވާ ގޮތް:
- ހަ ވޮލިއުމެއް
- ކޮންމެ ވޮލިއުމަކީ ފަސް ފޮތް
- ފުރަތަމަ ވޮލިއުމްގައި 444 ސަފްހާ
ހަމަ އެއާއެކު، ކޮންމެ އާޔަތެއްގެ ތަފްސީރު ލިޔުއްވުމުގައި ސަމާލުކަން ދެއްވި ބައެއް ކަންކަމަށް ވެސް މަހާޒް އަލިއަޅުވާލެއްވިއެވެ. އެ ކަންކަމުގެ ތެރޭގައި ހިމެނެނީ:
- ތަފްސީރު ވީހާ ވެސް ކުރުކޮށް ދިވެހިން ބުނެދިނުމަށް
- މުސްކުޅި ބަހުރުވަ ދޫކޮށް، ސާފު އިބާރާތް ބޭނުންކުރުމަށް
- ލިޔުމުގެ ދެ ތިން ތަނެއްގައި މެނުވީ ދެން ބޭނުންކުރެއްވީ ތާނަ އަކުރު
- އަރަބި ލަފުޒުތައް ލިޔުއްވީ ތިކިޖެހި ތާނަ ބޭނުންކުރައްވައިގެން
ބޭނުމަކީ ދިވެހި ބަހަށް އިސްކަން ދެއްވުން ކަމަށާއި، އަދި ޓެކްނޮލޮޖީގެ އެކި ވަސީލަތްތަކުގައި ތަފްސީރު ބޭނުންކުރުމުގެ ފަސޭހައަކަށް ކަމަށް، މަހާޒް ވިދާޅުވިއެވެ.
މަހާޒް ވިދާޅުވީ، މިވަގުތު 'ކީރިތި ޤުރުއާނުގެ ޚުލާސާ ތަފްސީރު'ގެ ފުރަތަމަ ވޮލިއުމް ލިބޭނީ މާލެ އާއި ހުޅުމާލޭގައި ހުންނަ ނޮވެލްޓީ ބުކްޝޮޕުން 390/- ރުފިޔާ އަށް ކަމަށާއި، ލަސްތަކެއް ނުވެ ޤުރުއާން އެމްވީ އެޕްލިކޭޝަނުން ވެސް ތަފްސީރު ފެންނާނެ ކަމަށެވެ.