ރާއްޖޭގައި ހިންގާ އެކި މަޝްރޫއުތަކުން އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން އިސްތިސްނާކޮށްފައިވާ މަޝްރޫއުތަކުގެ ލިސްޓުގައި އިންޑިއާގެ ކުންފުނިތަކުން ހިންގާ އިތުރު މަޝްރޫއުތަކެއް ހިމަނައިފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން ވަނީ 10 މަޝްރޫއަކުން ލިބޭ އާމްދަނީން ދައްކާ ޓެކްސް މިދިޔަ ފެބްރުއަރީ މަހު މައާފް ކޮށްދެއްވާފައެވެ.

އެ ލިސްޓަށް މިއަދު 10 މަޝްރޫއެއް އިތުރުކޮށް، ފިނޭންސް މިނިސްޓްރީން ވަނީ ޓެކްސް ނެގުން އިސްތިސްނާ ކޮށްފައިވާ މަޝްރޫއުތަކުގެ ލިސްޓު އަޕްޑޭޓް ކޮށްފައެވެ. އެ ލިސްޓުގައި ހިމަނާފައި ވަނީ އިންޑިއާގެ ކުންފުނިތަކާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކެވެ. އެގޮތުން ޓެކްސް މައާފްކޮށްދިން މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ:

  1. ފެލިވަރު ތަރައްގީކުރުމަށް ރިނަކް އިންޑިއާ ލިމިޓެޑާ ހަވާލުކޮށްފައިވާ މަޝްރޫއު
  2. ހުޅުމާލެ ދެވަނަ ފިޔަވަހީގައި 2 ހާސް ފްލެޓް އެޅުމުގެ މަޝްރޫއުގެ ތެރެއިން ޖޭއެމްސީ އާ ހަވާލުކޮށްފައިވާ މަޝްރޫއު
  3. ހުޅުމާލެ ދެވަނަ ފިޔަވަހީގައި 2 ހާސް ފްލެޓް އެޅުމުގެ މަޝްރޫއުގެ ތެރެއިން އެންބީސީސީ އާ ހަވާލުކޮށްފައިވާ މަޝްރޫއު
  4. ހުޅުމާލެ ދެވަނަ ފިޔަވަހީގައި 2 ހާސް ފްލެޓް އެޅުމުގެ މަޝްރޫއުގެ ތެރެއިން ރެނާޓަސް އާ ހަވާލުކޮށްފައިވާ މަޝްރޫއު
  5. ހުޅުމާލެ ދެވަނަ ފިޔަވަހީގައި 2 ހާސް ފްލެޓް އެޅުމުގެ މަޝްރޫއުގެ ތެރެއިން ވަރިންދެރާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވާ މަޝްރޫއު
  6. ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމަށް އެސްޓީޔޫޕީ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވާ މަޝްރޫއު
  7. އައްޑޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމަށް ވެން އޫދު އިންޑިއާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ މަޝްރޫއު
  8. ގަން އެއާޕޯޓު ތަރައްގީކުރުމަށް ރެނާޓަސް އާ ހަވާލުކޮށްފައިވާ މަޝްރޫއު
  9. ގަން އެއާޕޯޓު ތަރައްގީކުރުމަށް އެސްޓީޔޫޕީ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވާ މަޝްރޫއު
  10. ހުވަދޫ އަތޮޅުގެ ހަ ރަށެއްގެ ފެނާއި ނަރުދަމާ ގާއިމްކުރުމަށް ޓްރިވެނީ އިންޖިނިއަރިން އާ ހަވާލުކޮށްފައިވާ މަޝްރޫއު

ޓެކްސް ދެއްކުން މައާފްކޮށްދީފައިވާ ބައެއް މަޝްރޫއުތަކުގެ ތެރޭގައި އިންޑިއާ އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ގުޅީފަޅުގެ މަޝްރޫއާއި ތިލަމާލެ ބްރިޖުގެ މަޝްރޫއު ހިމެނެއެވެ.

އެހެންކަމުން އިންޑިއާގެ ކުންފުނިތަކުން ރާއްޖޭގައި ހިންގާ 20 މަޝްރޫއަކުން ޓެކްސް މި ވަނީ މައާފްކޮށްދީފައެވެ.