އިޒްރޭލުން ގާޒާއަށް ދެމުންދާ ބޮމުގެ ހަމަލާގައި ސިއްހީ ފަރުވާ ލިބުމުގައި ހުރަސްތައް ކުރިމަތިވަމުން އަންނަ މާބަނޑު މީހުންގެ ތެރެއިން މި މަހު ވިހާނެ 5،500 މާބަނޑު މީހުން އެބަ ތިބި ކަމަށް އދގެ އާބާދީ ފަންޑު (ޔޫއެންއެފްޕީއޭ) އިން ބުނެފިއެވެ.

އދ.ގެ އާބާދީ ފަންޑުން ބުނީ، ގާޒާގައި އަސާސީ ސިއްހީ ހިދުމަތް ނުލިބި ޖުމްލަ 50،000 މާބަނޑު އަންހެނުން އެބަތިބި ކަމަށާއި އޭގެ ތެރެއިން 5،500 މީހުން އިނީ މިމަހު ވިހަން ތައްޔާރުވެފައި ކަމަށެވެ. ބާކީ ތިބި މީހުންވެސް ކުރިއަށް އޮތް ދެތިންމަހެއްގެ ތެރޭގައި ވިހާނެ ކަމަށް ވެސް ޔޫއެންއެފްޕީއޭއިން ބުނެއެވެ.

ޔޫއެންއެފްޕީއޭ އިން ފަލަސްތީނަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑޮމިނިކް އެލެން ސީއެންއެންއަށް ދެއްވި އިންޓވަިއުއެއްގައި ވިދާޅުވީ ގާޒާގެ ސިއްހީ ނިޒާމަށް ވެސް ހަމަލާތައް ދެމުން އަންނަ ކަމަށާއި އެ ނިޒާމު މިހާރު އޮތީ ފުނޑުފުނޑުވާން ކައިރިވެފައި ކަމަށެވެ. މާބަނޑު މީހުން ވިހެއުމާ ގާތްވަމުން އަންނަ އިރު ކަޑައްތުކުރާނެ އުނދަގޫ ދުވަސްތަކާ މެދު ވިސްނާލުމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ވިހެއުމުގައި ދިމާވެދާނެ ކޮމްޕްލިކޭޝަންތަކާއި، ވިހެއުމަށް ތައްޔާރު ނުވެވި އަންނައުނު ނެތި، ސާފުތާހިރުކަމާ ނުލައި، އެއްވެސް އެހީތެރިކަމަކާ ނުލައި ވިހަން ޖެހުމުގެ ބިރާއި، މައިމީހާ އާއި އުފަންވާ ދަރިފުޅުގެ ހާލާ މެދު އެ މީހުން ކޮންމެ ދުވަހަކާއި ކޮންމެ ގަޑިއަކު އަދި ކޮންމެ މިނެޓަކު ވިސްނާ ފިކުރު ކުރަމުން ދާނެ ކަމަށް އެލެން ވިދާޅުވިއެވެ.

އަދި ހޮސްޕިޓަލްތަކުން ލިބޭ މައުލޫމާތު ތަކަކީ "ބިރުވެރި ވާހަކަތަކެއް" ކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ރައްކާތެރި މާހައުލެއް ނެތުމުގެ ސަބަބުން ބައެއް މިޑްވައިފުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މެޓާނިޓީ ވޯޑަށް ވެސް ނުދެވޭ ކަމަށެވެ. އެލެން ވަނީ ގާޒާއަށް އެހީ އާއި އިންސާނީ އެހީއަށް ބޭނުންވާ ސާމާނު ހޯދުމުގެ ފުރުސަތު ދިނުމަށް ވެސް ގޮވާލައްވާފައެވެ.

ޔަހޫދީ އިޒްރޭލުން ވަނީ ގާޒާގައި ހުންނަ 22 ހޮސްޕިޓަލް ހުސްކުރަން އަންގާފައެވެ. އެ ހޮސްޕިޓަލްތަކުގައި އިންކިއުބޭޓަރުގަ އާއި، ވެންޓިލޭޓަރުގައި މިހާރުވެސް އެތައް ތުއްތު ކުދިންނެއް އެބަތިއްބެއެވެ. ފުރާނަ އާ ހަނގުރާމަ ކުރަމުން އަންނަ އިރު އެންމެ ބޮޑު އެއް ހޮސްޕިޓަލް ކަމަށް ވާ އަލް ޝިފާގައި 70 މީހަކު ވެންޓިލެޓަރުގައި ތިބި އިރު ޑައިލަސިސް ހަދަމުން ދާ 200 މީހުން އެބަތިއްބެއެވެ.

މި 22 ހޮސްޕިޓަލްގައި ފުރާނައާ ހަނގުރާމަ ކުރަމުން ދާ ނުވަތަ ސިއްހީ ތަފާތު މައްސަލަތަކަށް ކްރިޓިކަލް ފަރުވާ ހޯދަމުން ދާ 2000 މީހުން މިހާރުވެސް އެޑްމިޓް ކޮށްފައި އެބަތިއްބެއެވެ.

މި އެންމެން ގޮވައިނެން ގާޒާއިން ނިކުންނަށް އިޒްރޭލުން އަންގަމުން ދާ އިރު އެއީ އެމީހުން މަރަށް ހުށަހެޅުން ކަމަށް ވެސް އިދާރާތަކުން ބުނެއެވެ.