އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގެ ޝިކާރައަކަށް ވެ، ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ 254 މީހުން ޝަހީދު ވެއްޖެއެވެ.

އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 2808 އަށް އަރާފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު ވަނީ 10859 އަށް އަރާފައެވެ.

ޝަހީދު ވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށް ރިޕޯޓްތަކުން ބުނެއެވެ. އެގޮތުން މިހާތަނަށް 1000 އަށް ވުރެ ގިނަ ކުޑަކުދިން ވަނީ ޝަހީދުވެފައެވެ.

ގާޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އިދާރާއިން ބުނާ ގޮތުގައި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޝަހީދު ވި މީހުންގެ ތެރެއިން ގާތްގަނޑަކަށް 64 ޕަސެންޓަކީ އަންހެނުންނާއި ކުޑަކުދިންނެވެ.

ޑޮކްޓަރުންނާއި ނަރުހުންނާއި ޕެރަމެޑިކްސް ހިމެނޭ ގޮތަށް 37 މެޑިކަލް ސްޓާފުން ވަނީ ޝަހީދުވެފައި ކަމަށް ރިޕޯޓްތަކުން ބުނެއެވެ

މި މަހުގެ 9 ވަނަ ދުވަހު އިޒްރޭލުން ހަނގުރާމަ އިއުލާން ކޮށްފައިވާ އިރު ވޭތުވެ ދިޔަ 7 ދުވަހުގެ ތެރޭގައި ފަލަސްތީނުގެ އެއް މިލިއަން މީހުން ގެދޮރު ގެއްލިފައިވާ ކަމަށް އދ. އިން ބުނެފައި ވެއެވެ.

ގާޒާގެ ރައްޔިތުން، ރައްކާތެރިކަމަށްޓަކައި ހޮސްޕިޓަލްތަކަށާއި އދ.ގެ ސްކޫލްތަކަށް ޖަމާވެފައި ވަނީ އިޒްރޭލުން ބައިނަލްއަގްވާމީ ގާނޫނުތަކަށް ބޯލަނބާނެ ކަމަށާއި އެ ތަންތަނަށް ހަމަލާ ނުދޭނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް އެ ތަންތަނަށް ވެސް އިޒްރޭލުން ވަނީ ހަމަލާދީފައެވެ.