އިޒްރޭލުން ގާޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި ގާޒާއިން ޝަހީދުވި މީހުންގެ އަދަދު 2750 އަށް އަރާފައިވާ ކަަމަށް ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން އާންމު ކުރި އެންމެ ފަހުގެ މައުލޫމާތަށް ބާލާ އިރު، އިޒްރޭލުން ގޒާއަށް ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 2750 މީހުން މަރުވެ، 9600 މީހުން ވަނީ ޒަހަމް ވެފައެވެ. އަދި ހުޅަނގު އައްސޭރީގައި މިހާތަނަށް 57 މީހުން މަރުވެ، 1200 މީހުން ވަނީ ޒަހަމްވެފައެވެ.
މި މަހުގެ 9 ވަނަ ދުވަހު އިޒްރޭލުން ހަނގުރާމަ އިއުލާން ކޮށްފައިވާ އިރު ވޭތުވެ ދިޔަ 7 ދުވަހުގެ ތެރޭގައި ފަލަސްތީނުގެ އެއް މިލިއަން މީހުން ގެދޮރު ގެއްލިފައިވާ ކަމަށް އދ. އިން ބުނެފައި ވެއެވެ.
ގާޒާގެ ރައްޔިތުން ރައްކާތެރިކަމަށްޓަކައި ހޮސްޕިޓަލްތަކަށާއި އދ.ގެ ސްކޫލްތަކަށް ޖަމާވެފައި ވަނީ އިޒްރޭލުން ބައިނަލްއަގްވާމީ ގާނޫނުތަކަށް ބޯލަނބާނެ ކަމަށާއި އެ ކޯޑިނޭޓްތަކަށް ހަމަލާ ނުދޭނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް އެ ތަންތަނަށް ވެސް އިޒްރޭލުން ވަނީ ހަމަލާދީފައެވެ.
މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުން ފެށިގެން ގާޒާގައި ހަލާކުވެފައިވާ ނުވަތަ ބަންދުކޮށްފައިވާ އުމްރާނީ ވަސީލަތްތަކަށް ބަލާ އިރު، ތައުލީމް ފޯރުކޮށްދޭ 90 ތަނަކާއި 18 މިސްކިތަކަށް ގެއްލުން ވެފައިވާ އިރު، 11 މިސްކިތެއް ވަނީ އެކީ ހަލާކު ވެފައެވެ. 11 ފެން އުފައްދާ ތަންތަނާއި 20 އެމްބިއުލާންސް ވަނީ ސުންނާފަތިވެފައެވެ. ހަމައެއާއެކު 64،000 އަށް ވުރެ ގިނަ ގެތަކަށް ގެއްލުން ވެފައިވާ އިރު، އޭގެތެރެއިން 5540 ގެ ވަނީ އެކީ ސުންނާފަތި ވެފައެވެ.
2.3 މިލިއަން މީހުންގެ އާބަދީއެއް އޮތް ގާޒާގެ 47 ޕަސެންޓަކީ ކުޑަކުދިންނެވެ. އަދި އޭގެތެރެއިން 1.7 މީހުން ދިރިއުޅެމުން އަންނަނީ ރެފިއުޖީ ކޭމްޕް ތަކުގައެވެ.
އަމިއްލަ މިނިވަން ކަމުގެ ހައްގުގައި ހަމާސް އިން އިޒްރޭލަށް އަމާޒުކޮށް ދިން ހަމަލާގެ ރައްދަށް ގާޒާއާ ދެކޮޅަށް އިޒްރޭލުން ހަނގުރާމަ އިއުލާން ކުރިތާ ހަފްތާއެއް ވެފައިވާ އިރު، ގާޒާގެ ރައްޔިތުން ތިބީ ހާލުގައި ޖެހި ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ.
އިޒްރޭލުން ބުނާ ގޮތުގައި މި ހަނގުރާމައިގައި ގާޒާއަށް 6،000 ބޮން ވައްޓާލާފައިވާ ކަމަށެވެ. މިއީ އެއް އަހަރު ތެރޭ އެމެރިކާ އިން އަފްގާނިސްތާނަށް އެޅި ބޮމުގެ އަދަދާ ގާތްގަނޑަކަށް އެއްވަރުގެ އަދަދެކެވެ.