އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީންގެ ރައްޔިތުންގެ ތެރެއިން އެތައް ކުޑަކުދިންނެއް ޔަތީމުވެ، ބިކަވެ ނިކަމެތިވެ ހާލުގައި ޖެހިފައި ތިބޭ ތަން ފެންނަ ވީޑިއޯ ފުޓޭޖްތައް ސޯޝަލް މިޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ގޮތުން ދާދި ފަހުން ދައުރުވަމުން ދިޔަ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

މިއީ އިޒްރޭލުން ޕަލަސްތީނަށް ދިން ވައިގެ ހަމަލާއިން ސަލާމަތް ވި ކުޑަ ފިރިހެން ކުއްޖަކު އޭނާގެ މަންމަ އާ އެކު ހޮސްޕިޓަލުގައި ހުންނަ މަންޒަރު ފެންނަ ވީޑިއޯއެކެވެ. އެ ވީޑިއޯ ހިއްސާ ކުރި ފަރާތުން ބުނެފައިވާ ގޮތުގައި ވީޑިއޯ އިން ފެންނަ ކުޑަކުއްޖާގެ ނަމަކީ ޔާސިރް އަބޫ މިރްސާއެވެ. އެ ކުއްޖާ ޝިފާ ހޮސްޕިޓަލުގައި ހުރި އިރު އެ ކުއްޖާ ކުރިމަތިން ފެންނަ އޮތް ސްޓްރެޗާގައި އަންހެނަކު އޮތް ތަން ފެނެއެވެ. އެއީ ޔާސިރުގެ މަންމަ ކަމަށް ވެސް ވީޑިއޯ ހިއްސާ ކުރި ފަރާތުން ބުނެފައި ވެއެވެ.

އިޒްރޭލުން ދިން ހަމަލާގައި ޔާސިރުގެ މަންމަ ޒަހަމް ވެފައިވާ އިރު، އެ ހޮސްޕިޓަލުން އެ އަންހެން މީހާއަށް ފަރުވާ ދިނުމަށް ގެންދާ ތަން ފެނެއެވެ. ސްޓްރެޗާ އެތެރެއަށް ވައްދާ އިރު އެ ކުއްޖާ އޭނާގެ މަންމަގެ މޫނަށް ކަޅި ޖަހާނުލާ ބަލަން ހުރެ ސްޓްރެޗާގައި ހިފަހައްޓައިގެން ހުރެ އެތެރެއަށް ދާތަން ފެނެއެވެ.

ބައެއް ފަރާތްތަކުން އެ އަންހެން މީހާ އޮތީ މަރުވެފައި ކަމަށް ބުނެ ވާހަކަތައް ފަތުރަމުން ދިޔަ ނަމަވެސް އެ ވީޑިއޯގައި އެ އަންހެން މީހާ، ދަރިފުޅާ ދިމާއަށް އިސްއުފުލާލައި ބަލާލައި މަންޒަރު ފެނެއެވެ.

މި ވީޑިއޯ ވައިރަލް ވަމުން އަންނަ އިރު، ގާޒާ އަށް އެހީތެރިވުމަށް ރާއްޖޭގައި ހަރަކާތްތެރި ވަމުން އަންނަ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ވެސް ވަނީ ޔާސިރުގެ ފޮޓޯ އާންމު ކޮށްފައެވެ. އައިއޭސީ އިން ބުނީ ޔާސިރުގެ މި ދުނިޔޭގައި ހުރި ހަމައެކަނި އާއިލާ މީހަކީ އޭނާގެ މަންމަ ކަމަށެވެ. އެ ކުއްޖާގެ ލޯ ކުރިމަތީ އެ މަންމަ، ފުރާނައާ ހަނގުރާމަ ކުރަމުންދާ އިރު، ޔާސިރުގެ ހިތުގައި އަޅާނެ ވޭން ބަޔާންކޮށްދެވޭނީ ކާކަށް ބާވައޭ އައިއޭސީން ބުނެފައި ވެއެވެ.

މި ވީޑިއޯ އަންނަނީ ފޭސްބުކްއާއި އިންސްޓަގްރާމާއި ޓްވިޓާ އަދި ޓިކްޓޮކްގައި ވެސް އެތައް ބަޔަކު ހިއްސާ ކުރަމުންނެވެ. ގިނަ ބައެއްގެ ހެޔޮ ދުއާ އާއި ހަމްދަރުދީގެ މެސެޖްތަކުން ކޮމެންޓް ސެކްޝަން ފުރާލަމުން އަންނަ އިރު، މިއީ ފަލަސްތީންގެ އެތައް ކުޑަކުދިންތަކެއް ތަހައްމަލް ކުރަމުންދާ ހިތްދަތި އަދި ވޭނާ ކެކުޅުމުން ފުރިގެން ވާ ބިރުވެރި ދުވަސްތަކެކެވެ.

މިނިވަން ކަމުގެ ހައްގުގައި ހަމާސް ޖަމާއަތުން އިޒްރޭލަށް އަމާޒުކޮށް ދިން ހަމަލާގެ ރައްދަށް ގާޒާއާ ދެކޮޅަށް އިޒްރޭލުން ހަނގުރާމަ އިއުލާން ކުރިތާ ހަފްތާއެއް ވެފައިވާ އިރު، ގާޒާގެ ރައްޔިތުން ތިބީ ހާލުގައި ޖެހި ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. ގާޒާ ސުންނާފަތި ކޮށްލުމަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ޝިކާރައަށްވެ ގާޒާ އާއި ހުޅަނގު އައްސޭރީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 2600 އަށް އަރާފައެވެ. އޭގެތެރޭގައި އަންހެނުންނާއި އެތައް ކުޑަކުދިން ހިމެނެއެވެ.