ވަރިވާން ދިޔަ އަންހެނަކަށް ގުޅައި ޒާތީ މެސެޖުތަކެއް ކުރެއްވި މައްސަލައިގައި ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރުމުގެ ކުރިން ޖަވާބުދާރީވާން ފުރުސަތު ދިނުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައިފިއެވެ.
ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށްއެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ހަސްމަކަށް ގުޅައި މެސެޖުކުރި މައްސަލައިގައި އަލީ އާދަމް ސަސްޕެންޑްކޮށްފައިވަނީ މި އަހަރު ޖުލައި މަހުގެ ތެރޭގައެވެ. އެ މައްސަލައިގެ ތަހްގީގަށް ހޯދިފައިވާ މައުލޫމާތަށް ރިއާޔަތްކޮށް ޖޭއެސްސީން ނިންމީ، އަލީ އާދަމްގެ އެ އަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާ ހިލާފު އަމަލުތަކެއްކަން ސާބިތުވާތީ، ފަނޑިޔާރު ކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށެވެ.
މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވަނީ އެ މައްސަލައިގައި ޖަވާބުދާރީވުމުގެ ފުރުސަތު މެޖިސްޓްރޭޓް އަލީ އާދަމަށް ދިނުމަށް ހުށަހަޅުއްވާފައެވެ. މި މައްސަލަ ދިރާސާކުރާ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ފުރަތަމަ ނިންމީ، މީގެ ކުރިން ވެސް ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަތަކުގައި އަމަލުކުރާ ގޮތަށް، މި މައްސަލާގައި ވެސް ޖޭއެސްސީން އަމަލުކޮށްފައިވަނީ އިޖުރާއަތްތަކާ އެއް ގޮތަށްތޯ ބެލުމަށެވެ.
ނަމަވެސް، އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި މިފަދަ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކީ ތުހުމަތުވާ ފަނޑިޔާރަށް ކޮމިޓީގައި ޖަވާބުދާރީވުމުގެ ފުރުސަތު ދިނުންކަމަށް އަލީ ހުސައިން ވަނީ ވިދާޅުވެފައެވެ. އެ ހުށަހެޅުން ފާސްވީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ތިއްބެވި މެންމްބަރުންގެ އިއްތިފާގުންނެވެ.
މިދިޔަ އަހަރު އެޕްރީލް މަސްތެރޭގައި ވެސް އަލީ އާދަމްގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެގެން ޖުޑީޝިއަލް ސާވިސް ކޮމިޝަނުން ވަނީ ފިޔަވަޅު އަޅާފައެވެ. މި ގޮތުން ތަފްރީގް ކޮށްފައިވާ ކައިވެންޏެއް ރުޖޫއަ ކޮށްދިނުމުގައި ފަނޑިޔާރެއްގެ ހައިސިއްޔަތުން ބަލަންޖެހޭ ވަރަށް ބަލާފައި ނުވުމާއި އަދި ބަހައްޓަންޖެހޭ ފަރުވާތެރިކަން ބަހައްޓާފައި ނުވާކަން ވަނީ ސާބިތުވެފައެވެ.
މީގެ އިތުރުން އަލީ އާދަމް ޖަމްއިއްޔާއެއް އުފައްދައި ހަރަކާތްތެރިވެފައި ވާކަން ސާބިތުވެފައިވާއިރު އެ ޖަމްއިއްޔާއިން އިސްނަގައިގެން ހދ. ކުޅުދުއްފުށީގައި ބޭއްވި ހަރަކާތެއްގައި އަލީ އާދަމް އަމަލީ ގޮތުން ބައިވެރިވެފައި ވާތީ އާއި އެ ހަރަކާތަކީ ސިޔާސީ ހަރަކާތެއްގެ ގޮތުގައި އާންމުން ދުށުމުގެ ފުރުސަތު އޮތް ހަރަކާތެއްކަމަށް ޖޭއެސްސީ އިން ވަނީ އޭރު ނިންމާފައެވެ.