އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އިޒްރޭލް މީހުންނަށް ރާއްޖެއަށް އެތެރެ ނުވެވޭ ގޮތް ހަދައި ގަރާރެއް ހުށަހަޅާފައި ވަނިކޮށް ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މީގެ ކުރިން އެ މައްސަލާގައި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ވެސް ވަނީ ގަރާރެއް ހުށަހަޅުއްވާފައެވެ.

އެހެންނަމަވެސް މިއަދު މަޖިލީހުގެ ޖަލްސާ ފެށުމުގެ ކުރިން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މިއަދު އެ މައްސަލާގައި ކުއްލި މައްސަލައެއް ލިބިފައި އެބަ އޮތް ކަމަށާއި އެހެންނަމަވެސް މަޖިލީހުގައި މިހާރު ގަރާރެއްގެ ގޮތުގައި އެޖެންޑާ ކުރެވިފައިވާތީ ގަސްތުކުރަނީ އަދި މަޖިލީހުގެ ގަވާއިދުވެސް ޖާގަ ދެނީ ގަރާރައިގެން ކުރިއަށްދާން ކަމަށެވެ.

އީވާ ވިދާޅުވީ ކުއްލި މައްސަލައަކަށް ބަހުސް ކުރެވެނީ އެޖެންޑާގައި އެ މައްސަަލައެއްގެ ގަރާރެއް ނުހިމެނޭ ނަމަ ކަމަށާއި އެހެންނަމަވެސް ހަމަ އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ކުރިއާލައި ގަރާރެއް ލިބި، މިއަދު އެޖެންޑާކޮށްފައިވާ ކަމަށެވެ.

މިއަދު ކުއްލި މައްސަލަ އެޖެންޑާ ނުކުރުމާ ގުޅިގެން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ޖާބިރު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް ކުއްލިއަކަށް ވާހަކަދައްކާލަން ލިބޭ ފުރުސަތު ނުލިބި ދިޔައީމަ ވަރަށް ދެރަ ކަމެއް ކަމަށާއި އެމްޑީޕީ ޕީޖީ ގުރޫޕްގެ މެންބަރެއްގެ ހައިސިއްޔަތުން އެދެނީ ގަރާރާއި ކުއްލި މައްސަލަވެސް ކުރިއަށް ގެންދަން ކަމަށެވެ. އަދި ގަރާރަކީ ކުއްލި ބަހުސްއެއް ކުރެވޭނެ އެއްޗެއް ނޫން ކަމަށާއި މި މުނާސަބުގައި މަޖިލީހުން ބަހުސްއެއް ހިންގާލަން ލިބުނު ފުރުސަތު ހަނިވެގެން ދިޔައީތީ އެކަމާ ހިތާމަކުރަމޭ ކަމެއް ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ މިހާރުން މިހާރަށް ކުއްލި މައްސަލަ ބަލައިގެން ކުރިއަށް ގެންދިއުން ގޮވާލައްވާފައެވެ.

އެއާއެކު އީވާ ވިދާޅުވީ މިއަދަށް ކުއްލި މައްސަލަ އެޖެންޑާ ކުރުމަށްފަހު މާދަމާ ގަރާރު އެޖެންޑާ ކުރުމަށް އެ މެންބަރުންނަށް ހުށަހެޅުއްވި ކަމަށާއި އެހެންނަމަވެސް މެމްބަރު ސައުދު އެދިވަޑައިގެންނެވީ ގަރާރު މިއަދަށް އެޖެންޑާ ކުރަން ކަމަށެވެ.

މި މައްސަލާގައި ސައުދު ހުށަހެޅުއްވި ގަރާރުގައި ވަނީ އިޒްރޭލުގެ އުފެއްދުންތަކާއި އެ ގައުމުން އެކްސްޕޯޓް ކުރާ ތަކެތި ރާއްޖެއަށް އެތެރެ ކުރުން މަނާ ކުރަން ގޮވާލައްވާފައެވެ. އަދި އޭނާ ހުށަހެޅުއްވި ގަރާރުގައި ވަނީ، ހައްދު ފަހަނަ އަޅާފައިވާ ޔަހޫދީ ދައުލަތް ކަމުގައިވާ އިޒްރޭލުން ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް ދެމުންގެންދާ ނުރައްކާތެރި އުދުވާނީ ހަމަލާތަށް ކުއްވެެރިކޮށް އެ ހަމަލާތަށް ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ. ފަަލަސްތީނުގެ ރައްޔިތުނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާތައް ހުއްތާލުމަށާއި، އެ ރައްޔިތުންގެ އިންސާނީ ހައްގުތައް ކަށަވަރު ކުރުމަށް އެ ގަރާރުގައި ބުނެފައި ވެއެވެ.

އިޒްރޭލުން ފަލަސްތީނާ ދެކޮލަށް ފަށާފައިވާ ހަނގުރާމައިގައި، ގާޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ދަތިކޮށް އިންސާނީ ކަރާމާތް ނަގާލުމަށް އިޒްރޭލުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ރައްޔިތުންނަށް ފެނާއި، ކަރަންޓާއި، ބޯފެނާއި އަދި ސިއްހީ ފަރުވާގެ ހިދުމަތް ހުއްޓުވާލާފައި އޮތުމާއި، ކާބޯތަކެތި ގާޒާއަށް އެތެރެވިޔަ ނުދިނުމަށް ގާޒާ ވަށައިގެންވާ ހުރިހާ ޗެކް ޕޮއިންޓްތަކާއި ގޭޓްތައް ބަންދުކޮށްފައި އޮތް އޮތުން ސައުދު ހުށަހެޅުއްވި ގަރާރުގައި ވަނީ ކުށްވެރި ކޮށްފައެވެ.

ހަމައެއާއެކު އެ ގައުމުގެ ކުޑަކުދިންނާއި އަންހެނުންނާއި ބަލި މީހުން ހިމެނޭ ގޮތަށް އެތައް މިލިއަން ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ނިގުޅައިގަތުމަށް އިޒްރޭލުން ހިންގަމުން ދަނީ ބޮޑު ޖަރީމާއެއް ކަމަށާއި އެކަންތައްތައް ހުއްޓުވުމަށް އެ ގަރާރުގައި ގޮވާލާފައި ވެއެވެ. އަދި ފަލަސްތީންގެ ރައްޔިތުންގެ އަތުން ނިގުޅައިގެންފައިވާ ހައްގުތައް ފޯރުކޮށް ދިނުމުގެ އިންތިޒާމް ބައިނަލް އަގްވާމީ މުޖުތަމައު ގުޅިގެން ހަމަޖެއްސުމަށް އދ ގެ މެންބަރު ހުރިހާ ގައުމުތަކަށް ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުން ގޮވާލައި އެ ގަރާރު ފާސް ކުރުމަކީ މުހިއްމު ކަމެއް ކަމަށް ސައުދު ވިދާޅުވެއެވެ.

މި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ގައުމުތަކާއި އިސްލާމީ ގައުމުތަކުގެ މެދުގައި އުފެދިފައިވާ ގުޅުންތަކަށް ބޮޑެތި ނޭދެވޭ އަސަރު ކޮށް ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ އިޒްރޭލުގެ ރައްޔިތުންނަށް ނުރައްކާވަމުންދާ މި ދަނޑީވަޅުގައި، ރާއްޖެއަށް ދިމާވެދާނެ ހާލަތްތަކަށް ތައްޔާރުވުމަށް ވެސް އެ ގާރާރުގައި ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން އިޒްރޭލާއި ރާއްޖޭއާއެކު އެއްވެސް ގުޅުމެއް އުފެދިފައިވާ ނަމަ އެ ފަދަ އެންމެހާ ގުޅުންތައް ވަގުތުން ސަސްޕެންޑް ކުރުމަށާއި ފަލަސްތީންގެ ހުރިހާ ބިންތަކުން އިޒްރޭލުން ފައިބާ، މެދުއިރުމަތީގައި ސުލްހަ ގާއިމް ކުރެވެން ދެން މި ފިޔަވަޅުތައް ދެމެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށް ވެސް ސައުދު ވިދާޅުވިއެވެ.