އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އެ ގައުމުގެ ހޮސްޕިޓަލުގައި ތިބި މީހުން އެހެން ތަނަކަށް ބަދަލުވާން ބުނެފައިވާ އިރު، ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކުދިން ބަދަލު ކުރުމަކީ ދެވޭ މަރުގެ އަދަބެއް ކަމަށް ޑޮކްޓަރު ހުޝާމް އަބޫ ސާފިޔާ ވިދާޅުވެއްޖެއެވެ.

ގާޒާގެ ކަމާލް އެޑްވާންސް ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ޑރ ހުޝާމް އަބޫ ސާފިޔާ ވިދާޅުވީ، އެމީހުން މަރާލަން ބޭނުން ނަމަ އެތަނުގައި މަސައްކަތް ކުރަމުން ދަނިކޮށް މަރާލަންވީ ކަމަށެވެ. މި ވަގުތު ވެސް ވެންޓިލޭޓަރުގައި ބައެއް ކުދިން ތިބި ކަމަށާއި އެ ހޮސްޕިޓަލް ދޫކޮށް އެމީހުން ނުދާނެ ކަމަށް ހުޝާމް ވިދާޅުވިއެވެ.

އެ މީހުންނަށް އެހެން ތަނެއް ހޯދައިގެން ބަދަލުވާން ދުވަސްތަކެއް ނުވަތަ ހަފްތާތަކެއް ހޭދަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަގީގަތުގައި ވެސް ހާލަތު ވަރަށް ނުރައްކާތެރި ކަމަށާއި އެ ކުދިން އެ ހޮސްޕިޓަލުން ބަދަލުކުރުމުގެ މާނައަކީ މަރުގެ އަދަބު ދިނުން ކަމަށް އެ ޑޮކްޓަރު ވިދާޅުވިއެވެ. އެމީހުން މަރުވެދާނެ ކަމަށާއި އެ މީހުންނާއި ކުދިންނަށް ގުޅާފައިވާ މެޝިންތައް އޮޕަރޭޓް ކުރަނީ ކަރަންޓާއި އޮކްސިޖަން ބޭނުން ކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ގާޒާގެ ހޮސްޕިޓަލްތަކުން ބުނާ ގޮތުގައި، އިޒްރޭލުގެ ލޮކްޑައުންގެ ދަށުން ބޭހާއި ތެޔޮ މިވަގުތު ވަނީ ހުސްވެފައެވެ.

ގާޒާގެ ދެކުނުގެ ސަރަހައްދަށް ދިއުމަށް ދަތުރުކުރުން އިތުރަށް އުނދަގޫވެފައި މިވަނީ އިޒްރޭލުން ގާޒާ ވަށައިގެން ބޮން އަޅަމުންދާތީ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ތެލާއި ގޭހުގެ ދަތިކަން ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި އަލިފާން ގަނޑުގައި ކާބޯތަކެތި ތައްޔާރު ކުރަމުންދާތަން ކުޑަކުދިން ބަލަނީ / ފޮޓޯ: ރޮއިޓާސް

ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް ކިދްރާ ވިދާޅުވީ، ފަލަސްތީނުގެ ރެފިއުޖީ އެޖެންސީ ޔޫއެންއާރުޑަބްލިއުއޭ އިން އެ ޖަމިއްޔާގެ މައި މަރުކަޒު ހުސްކޮށް އެ ޖަމިއްޔާގެ ހިދުމަތްތައް މެދުކަނޑާލުމާ ގުޅިގެން ގާޒާ ސިޓީ އާއި އުތުރުގެ 70 ޕަސެންޓް މީހުން ސިއްހީ ހިދުމަތްތަކުން މަހުރޫމް ވެފައިވާ ކަމަށެވެ.

ގާޒާގެ ދެކުނުގައި އޮންނަ ހާން ޔޫނުސްގެ އިރުމަތީގައި، އުތުރުގެ އެތައް ސަތޭކަ ބަޔަކު ހިޖުރަކޮށްފައިވާ އިރު، ބައެއް އާންމުން ވަނީ ރައްޔިތުން ހަދިޔާ ކުރި ތަކެތި ބޭނުން ކޮށްގެން ގެދޮރު ގެއްލިފައިވާ މީހުންނަށް ކައްކާ ކާބޯތަކެތި ފޯރުކޮށްދީފައެވެ. ގޭސް ހުސްވެގެން ދާތީ އެމީހުން ކައްކަމުން އަންނަނީ ލަކުޑި ބޭނުން ކޮށްގެން އަލިފާން ގަނޑު ޖަހައިގެންނެވެ.