އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަލް ޖަޒީރާއަށް ދެއްވި އިންޓަވިއު އަކީ ޝައުގުވެރި އިންޓަވިއުއެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ބައިނަލްއަގުވާމީ މީޑިއާއަކަށް ދެއްވި ފުރަތަމަ އިންޓަވިއުގެ ގޮތުގައި މުއިއްޒު އިންޓަވިއުއެއް ދެއްވާފައިވަނީ އަލް ޖަޒީރާއަށެވެ. އެ ޗެނަލްގެ "ޓޯކް ޓު އަލްޖަޒީރާ" ޕްރޮގްރާމަށް ދެއްވި އެ އިންޓަވިއުއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާއިރު އެ އިންޓަވިއުއާ ގުޅިގެން ގިނަ ބަޔަކު ގެންދަނީ މުއިއްޒަށް ތައުރީފް ކުރަމުންނެވެ.

25 މިނެޓަށް ދެމިގެން ދިޔަ އެ އިންޓަވިއުގައި މުއިއްޒު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހުވެސް ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ.

އެ އިންޓަވިއުގައި މުއިއްޒު ވިދާޅުވީ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ސިޔާސީ ނުފޫޒުން އެއްކިބާ ކުރައްވާނެ ކަމަށެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލިޔަސް އެ ގައުމުން ރާއްޖޭގައި ހިންގާ މަޝްރޫއުތައް މަދުނުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެން ގާއިމުކުރައްވާ ސަރުކާރުވާނީ ސާފު ޖަވާބުދާރީވަނިވި ސަރުކާރަކަށް ވާނެ ކަމަށެވެ. މިފަދަ ގިނަ އެތައް ވާހަކަތައް އެ އިންޓަވިއުގައި މުއިއްޒު ދައްކަވާފައިވާއިރު މައުމޫން ވިދާޅުވީ އަލް ޖަރީޒާއަށް އިނގިރޭސި ބަހުން މުއިއްޒު ދެއްވި އިންޓަވިއު ބައްލަވާލައްވާފައިވާ ކަމަށާއި އެ އިންޓަވިއުއަކީ ވަރަށް ޝައުގުވެރި އިންޓަވިއުއެއް ކަމަށެވެ.

ދެން އަންނަ ވެރިއެއްގެ ގޮތުގައި ގައުމަށް ހިދުމަތްކުރުމުގައި މުއިއްޒަށް ކާމިޔާބީއަށް އެދިވަޑައިގަންނަނަވާ ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.