މާލޭގައި ހިންގަމުން ދިޔަ ބޭސް ކްލިނިކެއްގެ ތެރޭގައި ހަށިވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުން ބަންދުކޮށްފިއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފުލުހުންގެ އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓާއި ސްޕެޝަލިސްޓް އޮޕަރޭޝަނާއި އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ބުދަ ދުވަހުގެރޭ ތިން ދިވެއްސަކު ވަނީ ހައްޔަރުކޮށްފައެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ 35 އަހަރުގެ އަންހެނަކާއި 44 އަހަރުގެ އަންހެނެއްގެ އިތުރުން 41 އަހަރުގެ ފިރިހެނެކެވެ.

ބަންދުގެ މުއްދަތު ޖެހުމަށް އެ ތިން މީހުން ގެންދިއުމުން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 35 އަހަރުގެ އަންހެން މީހާ އާއި 41 އަހަރުގެ ފިރިހެން މީހާ 10 ދުވަހަށް ބަންދުކުރުމަށާއި 44 އަހަރުގެ އަންހެން މީހާ ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ވަކިވަކިން ނެރުނު ކޯޓު އަމުރުތަކުގައިވާ ގޮތުން:

  • 44 އަހަރުގެ އަންހެން މީހާގެ ބަންދަށް ކުރު މުއްދަތެއް ދީފައި ވަނީ ފުލުހުން އޭނާ ހައްޔަރުކުރި ވަގުތު އަމަލުކުރި ގޮތާ ގުޅިގެން ވަކީލުންގެ ފަރާތުން މަޝްވަރާކުރުމަށް ކުރު މުއްދަތެއް ބޭނުންވާތީ
  • 35 އަހަރުގެ އަންހެން މީހާ އަކީ ކުށުގެ ރެކޯޑު އޮންނަ މީހެއް

ތިން މީހުން ވެސް ހައްޔަރުކުރީ އިޖުރާއާތުތަކާ އެއްގޮތަށް ކަމަށް، ކޯޓު އަމުރުތަކުގައިވެއެވެ.

ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ބަލައި ތަހްގީގުކުރަމުންނެވެ.