ބިދޭސީން ރާއްޖެއިން ފުރާއިރު ޕެންޝަން ފައިސާ ނެގޭ ގޮތަށް ދިވެހިރާއްޖޭގެ ރިޓަޔާމަންޓް ޕެންޝަން ސްކީމުގައި ބިދޭސީ މުވައްޒަފުން ބައިވެރިކުރުމާއި، ސްކީމުގެ ދަށުން ފޯރުކޮށްދޭންޖެހޭ އިނާޔަތްތައް ބިދޭސީ މުވައްޒަފުންނަށް ފޯރުކޮށްދިނުމާބެހޭ ގަވާއިދު އިސްލާހު ކޮށްފިއެވެ.
މީގެ ކުރިން ގަވާއިދު އޮންނަ ގޮތުން ބިދޭސީ މުވައްޒަފަކު ރާއްޖެއިން ފުރުމުގެ ތިން މަސް ކުރިން ޕެންޝަން ފައިސާ ނަގަން އެދިފައި ނުވާ ނަމަ އެ ފައިސާ ދޫކުރަނީ އެ މީހެއްގެ އުމުރުން 65 އަހަރުވުމަށްފަހުއެވެ.
ބިދޭސީ މުވައްޒަފުންނަށް ޕެންޝަން ފައިސާ ދޫކުރަނީ އެކަމަށްޓަކައި ޕެންޝަން އޮފީހުން ތައްޔާރުކޮށްފައިވާ ފޯމު ހުށަހެޅުމުން ކަމަށްވާއިރު އެ ފޯމު ޕެންސަން އޮފީހުން ލިބެއެވެ. އަދި ޕެންޝަން އޮފީހަށް ހާޒިރުވެގެން ނުވަތަ އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށްވެސް ފޯމު ހުށަހެޅިދާނެ ކަމަށް އެ ގަވާއިދުގާިއ ބުނެއެވެ.
ބިދޭސީއަކު ރާއްޖެ ދޫކޮށް ދާން ނިންމާ ހިސާބުން އެ ފޯމު ހުށަހެޅޭއިރު ޕެންޝަން ފައިސާ ނަގައިފައިވާ ބިދޭސީ މުވައްޒަފަކަށް ވެސް ޕެންޝަން ސްކީމުގައި އަލުން ބައިވެރިވެވިދާނެ ކަމަށް އެ ގަވާއިދުގައި ވަނީ ބުނެފައެވެ. އެހެންނަމަވެސް އެފަދަ ބިދޭސީއެއްގެ ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާވާ ފައިސާ ދެވަނަފަހަރަށް ދޫކުރެވޭނީ އެ ިބދޭސީ މުވައްޒަފެއްގެ އުމުރުން 65 އަހަރު ފުރުމުން ކަމަށް ވެސް ގަވާއިދުގައި ބުނެއެވެ.
އެ ގަވާއިދުގައި ބުނެފައިވަނީ ބިދޭސީ މުވައްޒަފުންނަށް ޕެންޝަން ފައިސާ ޖަމާކުރެވޭނީ ދިވެހި ރުފިޔާއިން ކަމަށާއި ޕެންޝަން ފައިސާ ޖަމާކުރެވޭނީ ރާއްޖޭގައި ހިންގާ ބޭންކެއްގައި އެ ބިދޭސީ މުވައްޒަފެއްގެ ނަމުގައި ނުވަތަ އެ ބިދޭސީ މުވައްޒަފަކު ކަނޑައަޅާ އެހެން މީހެއްގެ ނަމުގައި ހުޅުވައިފައިވާ ރުފިޔާގެ އެކައުންޓެއްގައި ކަމަށެވެ. އަދި އެ ބިދޭސީއަކު ޕެންޝަން ފައިސާ ޖަމާކުރުމަށް އެހެން މީހެއްގެ ނަމުގައިވާ ބޭންކް އެކައުންޓެއް ކަނޑައަޅާނަމަ އެކަން ކޮށްފައިވަނީ ިބދޭސީ މުވައްޒަފުގެ އަމިއްލަ އިހުތިޔާރުގައިކަން ޕެންޝަން އޮފީހަށް ކަށަވަރު ކޮށްދޭން ޖެހެއެވެ.
ބިދޭސީ މުވައްޒަފަކު ނިޔާވެއްޖެނަމަ އެ ބިދޭސީ މުވައްޒަފެއްގެ ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާވެފައިވާ އެންމެހައި ފައިސާ ހޯދުމަށް އެދި އެ ބިދޭސީ މުވައްޒަފެއްގެ ވާރިސުންނަށް ޕެންޝަން އޮފީހަށް ހުށަހެޅޭއިރު ފޯމު މެދުވެރިކޮށް ބިދޭސީ މުވައްޒަފު ނިޔާވެފައި ވާކަން އެނގޭނެ ރަސްމީ ލިޔެކިޔުމާއި ވާރިސުންނަކީ ކޮން ބައެއްކަމާއި އެ ވާރިސުންނަށް ޕެންޝަން ފައިސާ ހައްގުވާކަމަށް ބަޔާންކޮށް އެ ގައުމެއްގެ ކޯޓަކުން ކޮށްފައިވާ ހުކުމެއް ނުވަތަ އަމުރެއް ޕެންޝަން އޮފީހަށް ހުށަހެޅަން ޖެހޭނެ ކަމަށްވެސް ގަވާއިދުގައި ވަނީ ބުނެފައެވެ.
އެ ގަވާއިދުގައި އިތުރަށް ބުނެފައިވަނީ ބިދޭސީ މުވައްޒަފެއްގެ ޕެންޝަން ފައިސާ ވާރިސުންނަށް ދޫކުރެވޭނީ ނިޔާވެފައިވާ ބިދޭސީ މުވައްޒަފުގެ ވާރިސުންގެ ނަމުގައި ނުވަތަ ވާރިސުން ކަނޑައަޅާ އެހެން މީހެއްގެ ނަމުގައި ރާއްޖޭގައި ހިންގާ ބޭންކެއްގައި ހުޅުވައިފައިވާ ރުފިޔާގެ އެކައުންޓަކަށް ކަމަށާއި ޕެންޝަން ފައިސާ ޖަމާކުރުމަށް އެހެން މީހެއްގެ ނަމުގައިވާ ބޭންކް އެކައުންޓެއް ކަނޑައަޅާނަމަ އެކަން ކޮށްފައިވަނީ ވާރިސުންގެ އަމިއްލަ އިހުތިޔާރުގައިކަން ޕެންޝަން އޮފީހަށް ކަށަވަރު ކޮށްދޭން ޖެހޭ ކަމަށެވެ.